ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: މުވައްޒަފުން ބުނަނީ ކަންކަން ސިއްރުކޮށް، ބަލިވިޔަސް އަޅާނުލާކަމަށް! އިހުމާލުވާ ރިސޯޓުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭ!

ރިސޯޓެއްގައި މުވައްޒަފުންތަަކެއް މަސައްކަތް ކުރަމުންދާ މަންޒަރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުންނާއި ވަކިވަކި ފަރުދުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން އެންމެ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބެލެވުނު މާލެ ސަރަހައްދުގެ ކޭސްތައް މިހާރު ވަރަށް ބޮޑުތަނުން ވަނީ ދަށްވާން ފަށާފައެވެ. އަދި މާލެ ސަރަހައްދުގައި އޮތް ކޮމިޔުނިޓީ ސްޕްރެޑް ހިނގައިދާނެކަމުގެ ފެހި ސިގްނަލް ކޮންމްވެސް ވަރަކަށް ވަނީ ފެންނަން ފަށާފައެވެ.

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލައި، ރިޒޯޓްތައް އޮޕަރޭޓްކުރުމަށާއި އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަތައް ވަނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ދޫކުރަން ފަށާފައެވެ. ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތުމަށްފަހު، އަލުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް ފެށިފަހުން މިހާރު ގާތްގަނޑަކަށް ފަސް މަސް ދުވަހާއި ގާތް ވަނީއެވެ. އަދި ގެސްޓްހައުސްތައް އޮަޕަރޭޓްކުރުމަށް ހުއްދަ ދޫކުރަން ފެށިފަހުން ނޮވެމްބަރު މަހުގެ ފަނަރައަށް މަސް ދުވަސް ވެެގެންދާނެއެވެ. ފްލައިޓްތައް އޮޕަރޭޓްކުރާ މިންވަރު އިތުރުވެ، މަހެއްގެ މައްޗަށް އެވްރެޖްކޮށް ފަތުރުވެރިން އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތައް ވެސް ވަނީ އިތުރުވެފައެވެ.

މިއާއެކު ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުން ފެންނަ މިންވަރު ދަށްވެ، ރިޒޯޓުތަކާއި ގެސްޓްހައުސްތައް އޮޕަރޭޓްކުރަމުންދާ ރަށްރަށުން ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުންދާނަމަ، ކޭސްތައް ރަށުތެރެއަށް ގިނަވިޔަ ނުދީ ހިފެހެއްޓިދާނެއެވެ.

މިހާރު ފެންމަތިވަމުންދާ ކަންކަމަށް ބަލާއިރު، ގެސްޓްހައުސްތައް ހުންނަ ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނުމަށްވުރެ ރިޒޯތަކުން ޕޮޒިޓިވްކޭސްއެއް ފެނުން މާ ބިރުބޮޑެވެ. މީގެ ކުރިން ރިސޯޓުތަކުން އިހުމާލުގެ ކޭސްތަކެއް ފާހަގަވިއެވެ. އޭގެ ތެރޭގައި ކުރެެއްދޫ އައިލޭންޑް ރިސޯޓު ފާހަގަކުރެވެއެވެ. މިއީ ފަތުރުވެރިއަކަށް ބަލި ޖެހިފައި ހުރިކަން އެނގިހުރެ އޭނާ މާލެ ގެނައުމަށްފަހު ފުރުވާލި މައްސަލައެކެވެ. އަދި އެއަށްފަހު އެ ފަތުރުވެރިޔާ އާއި ކޮންޓެކްޓު ވި ރިސޯޓުގެ ބައެއް މުވައްޒަފުންތަކެއް ވަނީ ބައްޔަށް ޕޮޒިޓިވްފައެވެ. މި މައްސަލަ ފުލުހުން ވަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައެވެ. އަދި އޭރުގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެ މައްސަލައިގައި ތަހުގީގު ރިޕޯޓެއް ވެސް އެކުލަވާލިއެވެ.

ރިޒޯޓުން އިހުމާލުވުމުގެ އެކި މައްސަލަތައް ފެންމަތިވެފައިވާއިރު، ފަހުން ފެންމަތިވި އެއް މައްސަލައަކީ ކުރިން ޖުމެއިރާ ވިޓަވެލި، މިހާރުގެ އޮޒޯން ރިޒާވް ބޮލިފުށި ރިޒޯޓުން ފެންމަތިވި މައްސަލައެެކެވެ. އެއީ މިސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަނެއް މައްސަލައަކީ މިހާރު ކަޑިންމަ ރިޒޯޓުން ފެންމަތިވެފައިވާ މައްސަލައެވެ.

ބޮލިފުށި ރިޒޯޓުގެ މެނޭޖްމަންޓް ލެވެލްގެ ބޭފުޅުން އެޅި ބައެއް ފިޔަވަޅުތަކާއި، މުވައްޒަފުންނަށް ދެމުން ދިޔަ އިރުޝާދުތަކުގެ ސަބަބުން ޝައްކުވާ ކަންތައްތަކެއް ހުރިކަން އެރިޒޯޓުގެ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ތަނުގެ މުވައްޒަފުން އަމިއްލައަށް ވަނީ ސަންގު ޓީވީއަށް ގުޅާ އެމައުލުމާތު ހިއްސާކޮށްފައެވެ. އަދި އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ފިރިކަލުން ޝުޢައިބް ޝާޙްގެ ހިއްސާ އޮންނަ ރަށެއްކަމަށާއި އެރިޒޯޓުން އެންމެ ފުރަތަމަ ފެނުނު ޕޮޒިޓިވް ކޭސްއަކީ އެރަށުގައި ހުންނަވަނިކޮށް ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވުންކަމަށް މުވައްޒަފުން ވަނީ ހިއްސާކޮށްފައެވެ.

އެއާއެކު، ބައެއް މުވައްޒަފުންގެ ސާމްޕަލްތައް ނަގައި، ކަރަންޓީނުކުރެވުނު ކަމަށާއި އެހެން ނަމަވެސް، އެހުރިހާ ކަމެއް ކުރީ ސިއްރުން ކަމަށް މުވައްޒަފުން ވަނީ ކިޔާދީފައެވެ. އަދި ކުއްލިއަކަށް މާސްކު އެޅުންފަދަ ކަންކަމަށް މާބޮޑަށް ބާރު އަޅަން ފެށުމުން ރިޒޯޓު ތެރެއިން ބަޔަކު ޕޮޒިޓިވްވިކަން ރަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އެނގުނު ކަމަށާއި އެހެންނަމަވެސް މިއިން އެއްވެސް ކަމެއް ރިޒޯޓުގެ އިސްވެރިން ސާފުނުކޮށްދޭ ކަމަށެވެ. އަދި ޕޮޒިޓިވްވި މުވައްޒަފުންކަމަށް ބެލެވޭ ބަޔަކު ކަރަންޓީނު ކުރީވެސް އެހެން މީހުންނާއި އެއް ހިސާބެއްގައެވެ. އެއިން މީހަކަށްވެސް އިތުރު އަޅާލުމެއް ފޯރުކޮށްދޭކަމުގެ ޔަގީންކަމެއް ނެތްކަމަށް އޭރު ބޮލިފުށިގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކު ވަނީ ސަންގުޓީވީއަށް ކިޔައިދީފައެވެ.

ބޮލިފުށީގެ މުވައްަޒަފުން ސަންގުޓީވީއަށް ހިއްސާކުރި ބައެއް ފޮޓޯތައް

މިވާހަކަތައް ސަންގުޓީވީއިން ފެންމަތިކުރުމާއި ނޫސްވެރިން އެޗްއީއޯސީގެ ވެރިންނަށް ކުރި ޕްރެޝަަރުގެ ސަބަބުން ޕީޕީއީގައި ތިބި ބަޔަކު އައިސް، ރޭގަނޑުގެ ދަން ވަގުތެއްގައި ވަކިން ކޮޓަރިއެއްގައި ބައިތިއްބާފައި ތިބި މުވައްޒަފުންތައް ގެންދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ ސަންގާއި ހިއްސާކޮށްފައެވެ. އެހެން ނަމަވެސް، އޭރުވެސް އެ ރިސޯޓުން ޕޮޒިޓިވް ކޭސްއެއް ފެނުންކަން ނުވަތަ ނޫންކަން ވެސް އެޗްއީއޯސީއިން ނޫސްވެރިންނަށް ބުނެދޭން ބޭނުމެއް ނުވިއެވެ.

މިއީ ވަޒީފާ ގެއްލުނަސް ހެޔޮަކަމަށް ބަލައި، އަމިއްލަ ރައްކާތެރިކަމަށާއި ތަނުގައި ތިބި އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައި އެރިޒޯޓުގެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރި ތައުރީފް ހައްގު މަސައްކަތެކެވެ. އެހެން ނޫންނަމަ، މިއަދު ކަޑިންމަ ރިޒޯޓުގައި އޮތްފަދަ ހާލަތެއް އެތަނުގައި އޮތުމަކީ ވެދާނެ ކަމެކެވެ.

ކަޑިންމަ ރިޒޯޓުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ނިޔާވީ ރިޒޯޓުގައި އިސްކޮށް ތިބި ބައެއްގެ އިހުމާލުންކަމަށް ބެލެވެއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ވެސް ނިޔާވި ފަހުން ހެދި ޓެސްޓުންނެވެ. ނިޔާވި މީހާގެ އަންހެނުން ރާއްޖޭގެ އޮންލައިން މީޑިއާއެއް ކަމަށް ވާ “ސަން” ކިޔާދީފައިވާގޮތުން އެމީހާ ނިޔާވީ ބަލިވެ އުޅޭތާ ދެހަފްތާފަހުންނެވެ. އެކި ފަހަރުމަތިން ބޭސްފަރުވާއަށް ފޮނުވައި ދިނުމަށް އެދުނުކަމަށާއި އެހެންނަމަވެސް ރިސޯޓުގެ މެނޭޖްމަންޓުން އަޅާލުމެއް ދީފައިނުވާ ކަމަށް އެ މީޑިއާއަށް އޭނާ ކިޔައިދީފައިވެއެވެ. އަދި ކާނެ، ބޯނެ ގޮތެއްވެސް ނެތްކަމަށް ނިޔާވުމުގެކުރިން އެމީހާ ބުނެފައިވާކަމަށް ސަން އޮންލައިންގައި ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުންނާއި އެޗްއާރްސީއެމްއިން އެ މައްސަލަ ބަލަމުން އަންނައިރު، އެރިޒޯޓުން މިހާތަނަށް 50 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދަދުތައް އަދި އިތުރުވެދާނެ ކަމަށް ވެސް ބެލެވެއެވެ. މި ކޭސްއާއި ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުން ރެންޑަމް ސާމްޕަލްތައް މިހާރު ދަނީ ނަގަމުންނެވެ. ކަންޑިންމަ ރިސޯޓުގެ ކަލަސްޓާގައި ހިމެނެނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށް މައުލޫމާތުލިބެއެވެ.

މި ކޭސްއާ ގުޅިގެން ޓުއަރިޒްމް މިނިސްޓްރީއިން މިހާތަނަށް ކުރިހާވެސް ކަމަކީ އިންޒާރުގެ ބަޔާނެއް ނެރުމެވެ. ބަޔާނުގައި ވަނީ މިފަދަ ރިޒޯޓުތަކުގެ ހުއްދަ އެންގުމަކާއިނުލާ ބާތިލު ކުރަން ޖެހިދާނެކަމަށެެވެ.

ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތިބީ ކޮންމެ ގޮތަަކުން ބެލިޔަސް ބިރުވެރި ހާލަތެއްގައެވެ. ބައްޔެއްވީ ކަމުގައި ވިޔަސް، ބައެއް ރިޒޯޓުތަކުގެ މެނޭޖްމަންޓްއިން އަޅާނުލާ ކަމުގެ ހެކިތައް އެބަ ފެނެއެވެ. އެބިރުގެ އިތުރުން، އެފަދަ މައްސަލައެއް މީޑިޔާއަަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ރިޕޯޓްކޮށްފިނަމަ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އަނެއްކޮޅުން އޮވެއެވެ.

މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނައިރުވެސް، އެއްވެސް ކަހަލަ ހަރުދަނާ ފިޔަވަޅެއް ނުވަތަ އަދަބެެއް މިއިން ތަނަކަށް އަޅާތަނެއް ނުފެނެއެވެ. ރާއްޖޭގެ ބައެއް ރިސޯޓަތަކަކީ ލޮކްޑައުންގައި އޮތްއިރުވެސް “ޚާއްސަ އިސްތިސްނާ” ގެ ދަށުން ސިޔާސީވެރިންގެ ބޯހާސްކަން ފިލުވާލުމަށާއި މަޖާކޮށްލަން ގޮސް އުޅުން ރިސޯޓްތައްކަމަށް ތުހުމަތުކުރެވެއެވެ. ފިޔަވަޅެއް އެޅޭނީވެސް ކިހިނެއްހެއްޔެވެ؟

މުސާރަ ނުލިބި ނުވަތަ ބައި މުސާރަ ލިބޭ އާދައިގެ ރައްޔިތުން ވަކި އިރެއްގެ ކުރިން ގެއަށް ނުވަދެ ތިބޭނަމަ، ޖޫރިމަނާކުރާ އުސޫލު އޮންނައިރު، މިފަދަ ރިޒޯޓުތައް ހިންގުމުގައި ނުވަތަ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތެއް ނެތީ ކީއްވެތޯ ސުވާލު އުފެދެއެވެ. ރޭގަނޑު ދަންވަރު ޑިޔުޓީ ނިންމާފައި ގެއަށްދާ މީހާ ހުއްޓުވާ، ވަނަވަރު އަހައި ކަންކަން ކުރާއިރު، ރިޒޯޓުތައް މޮނިޓަރ ނުކުރެވެނީ ކީއްވެތޯ އާންމުން ސުވާލު އުފައްދައެވެ. އެތައް ރައްޔިތުންތަކެއްގެ ފުރާނައަށް އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރެވެނީ ކުޑަމިނުން ކީއްވެތޯ އާންމުން ސުވާލު އުފައްދައެވެ.

އިހުމާލުވާ ރިސޯޓުތަކުގެ ވެރިންނަށް، ރިޒޯޓުތައް ހިންގާ ކުންފުނިތަކަށް ހަރުދަނާ ފިޔަވަޅު އެޅުން އަވަސްކުރަންޖެހެއެވެ. ރިޒޯޓުތަކުގައި ތިބޭ މުވައްޒަފުންވެސް، ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް ވުރެ ބޮޑަށް، ތިމާއާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށް ވިސްނައި، ޝައްކުވާކަމެއް އުޅޭނަމަ ރިޕޯޓުކުރުންވެސް އަވަސް ކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: