މި ސަރުކާރު ވެރިކަމަށް އައުމަށް އެންމެ ހަރުއަޑުން ގޮވަމުން ދިޔައީ އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމް ކުރާނެ ކަމުގެ ވާހަަކަތައް ކަމަށާއި، އެހެން ނަމަވެސް މިހާރު ރާއްޖޭގެ ކޯޓުތަކުގެ މޫނުމަތިން ފެންނަނީ ”ހުޅަނގުގެ ސެކުލަރިޒަމް“ ގެ މަންޒަރު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އެހެން ދީންތައް ފެތުރުނަ ނުދިނުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީނުގެ ދަންމަރު ފެތުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ވާއިޒުން ކުރީގެ ސަރުކާރުން ގެނައި ނަމަވެސް މިސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބައެއް އިލްމުވެރިން ރާއްޖެ ގެނައުމަށް ނިންމުމަށްފަހު އެ ދަތުރުތައް ކެންސަލް ކުރުމާއި، ވަކި އިލްމުވެރިންތަކެއް ނުގެނައުމަށް ކުރާ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި، ފަނޑިޔާރު ގެއިން އިސްލާމީ ޝަރީއާ އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީއާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުންނަށް ކޯޓުތަކުގައި މަސައްކަތް ކުރެވޭނެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ މޫނުމަތިން ފެންނަނީ ”ހުޅަނގުގެ ސެކުލަރިޒަމް“ ގެ މަންޒަރު ކަމަށެވެ. ރާއްޖޭގައި ބޮޑެތި މުންކަރާތްތައް އިތުރުވަމުން ދާ ކަމަށާއި، ޖިންސީ ގޯނާގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ފައިސާ ފޭރުގަތުމުގެ ނިޔަތުގައި މީހުން ވަފަށް ނެގުންފަދަ އަމަލުތައް ރާއްޖޭގައި ހިންގަން ފަށާފައިވާކަމަސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން އިހުމާލުތަކެއް ވަމުންދާކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތަކާއި އަދި ރޭޕް ކޭސްތައް އެއީ އާދައިގެ ކަމެއްގެ ގޮތުގައި ވެރިން ބުނަން ފަށާފައިވާ ކަމަށެވެ. އަދި ގައުމުގައި އިސްލާމީ ވަހުދަތާއި އިސްލާމީ ޙާޟާރަތު ފެތުރުމާއި، އަދި ދީނީ ރޫހު އާލާކުރުމަށް ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ނެތް ކަމަށް ޝަރީފްގެ ވާހަކައިގައި ވިދާޅުވިއެވެ. އެކަން އެންމެ ބޮޑަށް ހާމަވެގެން ދަނީ އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ދެ ޖަމިއްޔާއަކުން ރިޕޯޓުތަކެއް ނެރުމުން ވެސް ފިޔަވަޅެއް ނޭޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ފުލުހުންގެ ހުވާގައި އިސްލާމް ދީނަށް ކުރިން ދީފައިވާ އިސްކަމާއި އަހައްމިއްޔަތުކަން ކުޑަކޮށް، ފުލުހުންގެ ހުވާގައި އޮންނަ، ފުލުހުން އިސްލާމް ދީން ދިފާޢު ކުރުމުގެ ޒިންމާ އުފުލަންޖެހޭނެކަމަށް އޮންނަ ބައިތައް ފުލުހުންގެ ބިލުން އުނިކޮށްފައިވޭ. ގޭންގް މާރާމާރީއާއި މުޖުރިމުންގެ ފަރާތުން ފާހަގަ ކުރެވޭ ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމުގެ ފިކުރާ، އިސްލާމް ދީނާ ގުޅުވަން ސަރުކާރުން މަސައްކަތް ކުރަމުންދޭ. އަދި ރާއްޖޭގައި އިސްލާމް ދީނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ޙާލަތްތަކުގައި، ދިވެހިންގެ އަޤީދާ ބަލިކަށިވާގޮތަށް ސަރުކާރުން ޢަމަލުކުރަމުންދޭ.“ އާދަމް ޝަރީފް
ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރުގެ ޖުޑިޝަރީ ރީފޯމަށް ވެސް ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރާނެކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ޖޭއެސްސީ ފެންނަނީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ. ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވާ، ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމްތައް ފަރުމާ ކުރަމުން ދާ ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
”ރާއްޖޭގެ ޝަރުޢީ ނިޒާމުތެރޭގައި ސިޔާސީނުފޫޒު އޮތުމުން ޢަދުލުއިންޞާފު ރައްޔިތުންނަށް ނުލިބޭކަމަށް ވަކާލާތު ކުރަމުން ދިޔަ. ވެރިކަމަށް އާދެވި ވެރިކަމަށް ދެއަހަރުވީއިރު، ކުރީން ކީހާޅެން ފަރިއްސަށްވެ ނިމިއްޖެ.ޖޭއެސްސީ މިހާރުވެސް އެކުލެވިފައިވަނީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި އޭރުވެސް ކަނޑައަޅާފައިވާ ގޮތުގެމަތީން. ޖޭއެސްސީ އޮތީ ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ވަރުގަދަ ޗޭނަކުން ބަނދެފައި. ފެންނަމުންދަނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެއްވެސް ވެރިޔަކު ނުފޫޒު ނުފޯރުވާވަރަށް ޖޭއެސްސީ ތެރެއަށް ސިޔާސީނުފޫޒު ފޯރުވާތަން. ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެއްފަދަ ކޮމިޝަނެއް. މުސްތަޤިއްލު ކަމެއްނެތް. ޖޭއެސްސީ މިއަދު އަދާކުރާ ދައުރަކީ މުޅިޝަރުޢީ ނިޒާމު ޙިޞާރުކުރުމާއެކު ޕާޓީގެ ޒާތީމަސްލަހަތު ތަންފީޒު ކުރުން. ޖޭއެސްސީ އެކުލެވިފައިވާ ގޮތް ނުވަތަ މިހާރުއޮތް ”ޕޮލިޓިކަލް ކޮމްޕޮޒިޝަން“ ބަދަލު ކުރުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ހުށަހެޅި ބިލްވެސްވަނީ ބޭރު ކޮށްލާފައި.“ އިދިކޮޅު
އިދިކޮޅުން ވަނީ މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި ހާސިލް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ބުނެފައެވެ. އަދި ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ނާގާބިލުކަން ކަމަށް ވަނީ ބުނެފައެވެ. ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންތަކުގެ ތެރެއިން ”ކޮރަޕްޝަންއަށް ޒީރޯ ޓޮލަރެންސް“ ބަސް ބޭނުން ކުރި ނަމަވެސް މި ސަރުކާރުގެ ތެރޭގައި ހިނގަމުން ދާ އެފަދަ އެއްވެސް މައްސަލައެއް ނުބެލޭކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމަށާއި، އެންމެ ފަހުން ވެންޓިލޭޓަރުތަކުގެ މައްސަލައަށް ވެސް ފަސް އެޅިގެން ދިޔައީކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކުގައި ވެސް ކޮރަޕްޝަން އެކުލެވޭކަމުގެ ތުހުމަތުވަނީ ކޮށްފައެވެ.


One Response
ވވވވވ ބޮޑު ތެދު ފުޅެއް…