ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުކޫކު ވިއްކުމާއި، ޕްރައިވެޓައިޒް ކުރުން: ފިނޭންސްގެ އަންދާޒާތަކަށް ހިޔަނި އެޅޭ ހިސާބަކީ ކޮބާ؟

ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދިފަހުން މީޑިއާތަކުގައި ސުކޫކުގެ ވާހަކަތައް އަޑުގަދަވެގެން ދިޔައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ތަރައްގީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ސުކޫކް ވިއްކުމަށް ބޭނުން ކުރަން ނިންމުމާއި ގުޅިގެންނެވެ. ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވި ސިޓީ މީޑިއާތަކުގައި އާއްމުވެގެން ދިޔައީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެ ސިޓީގައި ވަނީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށް ބޭރުގެ ބާޒާރުގައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާރ (އައިސީޑީ) އާއި އެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އެ ސުކޫކު ވިއްކުމުގެ ގޮތުން 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕޮސް ވެސަލް (އެސްވީޕީ) އެއް ހެދުމަށް ފަހު ސުކޫކުގެ އަގުގެ 51 އިންސައްތައަށް ވުރެ މަތީން އަގު ކުރެވޭ މުދަލެއް ބެނިފިޝަލް އޯނާޝިޕް އެސްވީޕީއަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.

މި ސިޓީގައި ބުނެފައިވާ ގޮތުން އެ ސުކޫކު ވިއްކުމަށް ސަރުކާރުގެ “އެސެޓުތައް” ނުވަތަ ހަރު މުދަލުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ ދަރުމަވަންތަ ހޮސްޕިޓަލެވެ. އެހެން ނަމަވެސް ސުކޫކު ވިއްކުމަށް އެ ބޭނުން ކުރާ މުދަލަކީ ފިނޭންސް މިނިސްޓްރީގެ ނަމުގައި އޮތް މުދަލަކަށް ވާން ޖެހެއެވެ. ޝަރީޢާގެ އޮނިގަނޑުގެ ތެރެއިން ސުކޫކު ވިއްކުމުގައި ވެސް އަމަލު ކުރަން ޖެހޭ އުސޫލަކީ އެއީ އެވެ.

ރައީސްއަށް ފޮނުއްވި ސިޓީގައި މިނިސްޓަރ އަމީރު އެދިފައިވަނީ ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ހެލްތް މިނިސްޓްރީގެ ނަން މަތީން، ފިނޭންސް މިނިސްޓްރީގެ ނަން މައްޗަށް ބަދަލުކޮށްދޭށެވެ. އަދި އެ މުއާމަލާތައް ކުރިޔަށް ގެންދަން މާލެ ސީޓީ ކައުންސިލްއަށް އެންގުމަށް ސިޓީގައި އަމީރު އެދިފައިވެއެވެ.

ފިނޭންސްގެ ސިޓީ އާއްމުވުމާއި އެކު އާއްމުންގެ ފާޑުކިއުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވިއެވެ. އަދި އެކަމާއި ގުޅިގެން ބަޔާނެއް ނެރެ ފިނޭންސްއިން ބުނެފައިވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓުގައި ހިމަނައިގެން ބޭރުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން އިޝޫކުރަން މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސް އިންސްޓްރުމެންޓެއް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެގޮތުން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށާއި އޭގެ މާނައަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރފޯސް ވެހިކަލް ނުވަތަ އެސްވީޕީ، 100 އިންސައްތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނާޝިޕް ބަދަލުކޮށް ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްވީޕީގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ބައެއް ފަރާތްތަކަށް ސުކޫކު ވިއްކުމާއި، ބޮންޑު ވިއްކުން، އަދި ރަހުނު ކުރުން އޮޅޭ ގޮތް ވިއެވެ. ސުކޫކަކީ ކޮންވެންޝަނަލް ފައިނޭންސް އުސޫލުން ބޮންޑު ވިއްކާ ގޮތަށް، އިސްލާމީ ޝަރީއާގެ ތެރެއިން ދޫކުރާ ސެޓްފިކެޓެކެވެ. ބޮންޑާއި ހިލާފަށް ސުކޫކުން ދައްކައިދެނީ ދަރަންޏަށް ވުރެ ބޮޑަށް އޯނާޝިޕްއެވެ. އިސްލާމީ ޝަރީއަތުގައި ސުކޫކު ދޫކުރުން ހުއްދަވެގެން ވެއެވެ. ސަބަބަކީ މީގައި ރިބާގެ އެއްވެސް މުއާމަލާތެއް ނުހިމެނޭތީއެވެ.

ސަރުކާރަކުން ނުވަތަ ކުންފުންޏަކުން ބޮންޑެއް އިޝޫ ކުރާއިރު، އެ ޕޭ ބެކް ކުރުމުގައި ނުވަތަ އަނބުރާ ދެއްކުމުގައި ދެ ފަރާތުން އެއްބަސްވާ އިންޓްރެސްޓް ރޭޓެއް އޮންނާނެއެވެ. މިއީ އެއްބަސްވުން އެކުލަވާލުމުގެ ކުރިން ދެ ފަރާތުގެ މަޝްވަރާ އާއި އެއްގޮތަށް ކަނޑައެޅޭ އިންސައްތައެއް ކަމުން، އެއާއި އެއްގޮތަށް ފައިސާ ދައްކަން ޖެހޭނެއެވެ.

ކުރިން ވެސް ފާހަގަކުރި ގޮތަށް ސުކޫކީ ބޮޑަށް އޯނާޝިޕްއެކެވެ. އަދި ސުކުކު ދޫކުރުމުގައި ފޭސް ވެލިއު ކަނޑައަޅާނީ އެސެޓުގެ ވެލިއުއަށް ބެލުމަށްފަހުއެވެ.

ހަރުމުދަލަށް އިންވެސްޓު ކުރާ ފަރާތަކުން ސުކޫކު ގަތުމަށްފަހު އޭގެ އެވިޑެންސް ހެއްކެއްގެ ގޮތުގައި ސެޓްފިކެޓެއް އިޝޫ ކުރެވޭނެއެވެ. އަދި އޭގެ ފައިދާ ވަކި މުއްދަތެއްވަންދެން ލިބޭނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ސުކޫކު ގަތުމަށް އިންވެސްޓަރު ކުރި ހަރަދު އަނބުރާ ދައްކަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ސުކޫކު އިޝޫކުރުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަމުގެ ހުރަހަކަށް ވީ ގާނޫނެވެ.

ސުކޫކު ވިއްކުމާއި އެކު ދެން އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ވާހަކަތަކެވެ. ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް އެމްޑީޕީގެ ސަރުކާރުން މީގެ ކުރިން ވެސް މަސައްކަތްކޮށްފައި ވެއެވެ. އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ އެމްއެމްއޭގެ ގަނަރު އަލީ ހާޝިމްއެވެ. އަދި އޭރު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ 34.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ދައުލަތަށް އާމްދަނީ ވަންނާނެ ބައެއް ވަސީލަތްތައް ބަޖެޓުގައި ހިމަނާފައި ވެއެވެ. އެގޮތުން ޓެލްކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

2021 ވަނަ އަހަރު، 300 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ސުކޫކާއެކު 100 މިލިއަން ޑޮލަރުގެ ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޒަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ ހޯދުމަށް ހިމަނާފައި ވެއެވެ.

ފިނޭންސް މިނިސްޓްރީއިން ޕްރައިވެޓައިޒް ކުރުމަށް ކުރާ މަސައްކަތްތަކާއި، އަދި ސުކޫކު ވިއްކުމަށް ކުރާ މަސައްކަތްތަކަށް އެމްއެމްއޭގެ ގަވަނަރު މުޅިއަކުން ތާއީދެއް ނޫނެވެ. އެއީ މިވަގުތުގެ ހާލަތު އޮތް ގޮތުންނެވެ.

މަޝްރޫއުތައް ހިންގުމަށް ނަގާފައިވަ ލޯނުތައް އަނބުރާ ދެއްކުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ސޮވެރިން ޑެވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގާއިމް ކުރެވުނެވެ. އަދި ދަރަނިތައް އަނބުރާ ނުދެއްކިދާނެ ކަމަށް އޮތް ބިރާއި އެކު ހާޝިމްގެ އެންމެ ބޮޑު އެދުމަކީ އެސްޑީއެފްއަށް ފައިސާ ޖަމާ ކުރުމެވެ. ހާޝިމް ފާހަގަ ކުރެއްވި ގޮތުން، އެސްޑީއެފްގެ މަގްސަދަކީ ވެސް ލޯނާއި، ސުކޫކު އަދި ބޮންޑުތަކުގެ ފައިސާ އަނބުރާ ދައްކަން ފަންޑަށް ފައިސާ ޖަމާ ކުރުމެވެ.

އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް/ ފޮޓޯ: އަވަސް

ހާޝިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަނބުރާ އަދާ ކުރަން ޖެހޭ ސުކޫކް އަދި ބޮންޑު ފަދަ ތަކެއްޗަށް، ފައިސާ ދެއްކޭ މިންވަރަކީ އެސްޑީއެފްއަށް ފައިސާ ޖަމާ ކުރެވޭ މިންވަރު ކަމަށެވެ. ވަކީން ހާއްސަކޮށް މި ދެ އަހަރު ޖުމްލަ 500 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކަން އަންދާޒާ ކޮށްފައިވާއިރު، އެ ބޮންޑު އަދާ ކުރުމަށް އެސްޑީއެފަށް ޖަމާ ކުރާ އަދަދު އިތުރު ކުރެވޭނެ އަދަދު ހަމަ ޖެއްސުން މުހިންމުކަން ހާޝިމް ފާހަގަކުރައްވާފައި ވެއެވެ.

ފަންޑުގެ މެނޭޖުމަންޓް އޮތީ ވަކި ގާނޫނަކުން މެނޭޖު ކުރާ ގޮތަކަށް ނޫނެވެ. މިހާރު އޮތް ގޮތުން ނަމަ އެއީ ފިނޭންސް މިނިސްޓްރީ އާއި، އެމްއެމްއޭ ދެމެދު އޮތް އެގްރިމެންޓެއް ނުވަތަ އެއްބަސްވުމެކެވެ. އެހެންކަމަށް ވާނަމަ މިއަށް ވުރެ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ފަންޑަށް ފައިސާ ޖަމާ ކުރެވޭނެ މެކޭނިޒަމެއް ގާއިމް ކުރުން ވަރަށް މުހިންމެވެ.

މިހުރިހާކަމެއް ގޮސް ދެން ހުއްޓެނީ ކްރެޑިޓް ރޭޓިން އަށެވެ. މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގެ އިގްތިސޯދީ ހާލަތާއި، އެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ފިޗްއިން ދިނީ “ސީސީސީ” ނުވަތަ “ޓްރިޕަލް ސީ” ގެ ކްރެޑިޓިންއެކެވެ. ސަރުކާރުން މި ރޭޓިން ގަބޫލު ނުކުރިޔަސް، މިއީ ރާއްޖޭގެ އިގްތިސޯދީ ހާލަތެވެ. ކޮވިޑާއި އެކު ގައުމަށް އައި ލޮޅުމުގައި ދަރަންޏަށް ވެސް ފައިސާ ނަގައިގެން މަޝްރޫއު ކުރިޔަށް ގެންދިއުން އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.

ފިޗް ރޭޓިން އިން ނެރުނު ރާއްޖޭގެ ރޭޓިންގައި ވާގޮތުން، ރާއްޖޭގެ ރޭޓިން “ބީ” ނެގެޓިވް އައުޓްލުކްއިން “ސީސީސީ” އަށް ދަށްކުރީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެ، ދަރަނިތައް އިތުރުވަމުންދާ ކަމަށް ފިޗް ރޭޓިންގްސް ގައި ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ ފިޗް ރޭޓިންގްސްއާ ދެކޮޅު ހަދާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ހީކުރިވަރަށްވުރެ ރަނގަޅު ކުރިއެރުމެއް އިގްތިސާދަށް އަންނަމުންދާ ކަމަށާއި ރާއްޖޭގެ ދަރަނި ޑީފޯލްޓްނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިހުރިހާކަމެއް ގޮސް ދެން ހުއްޓެނީ ކްރެޑިޓް ރޭޓިން އަށެވެ. މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގެ އިގްތިސޯދީ ހާލަތާއި، އެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ފިޗްއިން ދިނީ “ސީސީސީ” ނުވަތަ “ޓްރިޕަލް ސީ” ގެ ކްރެޑިޓިންއެކެވެ. ސަރުކާރުން މި ރޭޓިން ގަބޫލު ނުކުރިޔަސް، މިއީ ރާއްޖޭގެ އިގްތިސޯދީ ހާލަތެވެ. ކޮވިޑާއި އެކު ގައުމަށް އައި ލޮޅުމުގައި ދަރަންޏަށް ވެސް ފައިސާ ނަގައިގެން މަޝްރޫއު ކުރިޔަށް ގެންދިއުން އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.

ފިޗް ރޭޓިން އިން ނެރުނު ރާއްޖޭގެ ރޭޓިންގައި ވާގޮތުން، ރާއްޖޭގެ ރޭޓިން “ބީ” ނެގެޓިވް އައުޓްލުކްއިން “ސީސީސީ” އަށް ދަށްކުރީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެ، ދަރަނިތައް އިތުރުވަމުންދާ ކަމަށް ފިޗް ރޭޓިންގްސް ގައި ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ ފިޗް ރޭޓިންގްސްއާ ދެކޮޅު ހަދާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅިގެން ހީކުރިވަރަށްވުރެ ރަނގަޅު ކުރިއެރުމެއް އިގްތިސާދަށް އަންނަމުންދާ ކަމަށާއި ރާއްޖޭގެ ދަރަނި ޑީފޯލްޓްނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: