ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެންމީހުންގެ ކަންކަމަށް ފާޑުކިޔާއިރު ތިމާގެ ފަސްބައި ބަލައިލުން ބުއްދިވެރި!

ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނަން ވާނީ ޖޯލިފަތީގައި ތިބޭ ދައިތަމެންނެވެ. އެކަމަކު މިއަދު ހަގީގަތުގައި އެބުނާ ކެޓަގަރީއަށް ނުފެތޭ މީހަކު އުޅޭހެނެއް ހިއެއް ނުވެއެވެ.

މިއަދު ދިވެހި މުޖުތަމައުގައި ހުރި މުހިންމު އިޖްތިމާއީ މައްސަލަތަކަށްވުރެ ގައުމުގެ ގިނަ މީހުންނަށް މުހިންމުވަނީ ވަކި ބައެއްގެ ނުވަތަ ވަކި ގޮތަކަށް އުޅޭ ބައެއްގެ ވާހަކަދެއްކުމާއި، ތިމާގެ ވިސްނުމާއި ކިރިޔާވެސް ޚިލާފުކަމެއް ހުރެއްޖެނަމަ، އެމީހަކަށް ހަނގާކޮށް ހޫނު ފެނަށް ވައްޓާލުމެވެ.

މީގައި މައްސަލަޖެހޭ ހިސާބަކީ، ތިމާއަށް އެހެން މީހަކާއި ދިމާއަށް އިނގިލި ދިއްކުރެވޭވަރުގެ ފެެންވަރު ނެތްކަން ގަބޫލު ނުކުރެވުމެވެ. އަނެކާ އަޅާ ހެދުމާއި، ސޯޝަލް މީޑިޔާ އެކައުންޓްތައް ގެންގުޅޭ ގޮތާއި، އެކައުންޓްތަކުގައި ހިއްސާކުރާ ހުރިހާ ކަމަކާއި ބެހެންވެއެވެ. ގޮތް ކިޔަންވެއެވެ. އެކަމަކު އެކަންކަން ނުބަލާ ވާކަށްވެސް އެމީހުންނަކަށް ނޯވެއެވެ. ވަރަށް އާދައިގެ މިސާލަކުން ބުނާނަމަ، އިންސްޓަގްރާމް، ޓިކްޓޮކް ފަދަ ސޯޝަލް މީޑިޔާ ޕްލެޓްފޯމަތަކަށް ހިއްސާކުރާ ފޮޓޯތަކަށް ފާޅުގައި ނުރުހުން ފާޅުކޮށް ބަސްބުނާ މީހުން މަދެއްނޫނެވެ. އެކަމަކު ހަގީގަތުގައި ގިނަ ފަހަރަށް، މިއިން ކޮންމެ މީހަކުވެސް އެފަދަ ބަޔަކު ސޯޝަލް މީޑިޔާއަށް ދޫކުރާ ފޮޓޯތަކާއި ވީޑިޔޯތައް ބަލަން ބޭނުންވެއެވެ. ވަކިން މެސެޖުކޮށް ރީތިކަމަށް ތައުރީފްކޮށް ހަދައެވެ. އެހެންނަމަވެސް، ތިމާ މީހާ އެކަން ކުރާކަމަށް އެއްބަސްވާން ބޭނުމެއްނުވެއެވެ. ނުވަތަ އެއްބަސްވާން ކެރޭތަނެއްވެސް ފެނިފައެއްނެތެވެ.

ގިނަ ފަހަރަށް މިގޮތަށް ހޫނުފެނަށް ވައްޓާލަނީ އަންހެނުންނެވެ. މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ. ފެށުނީއްސުރެ މޮޑެލް ކުރުމާއި މިފަދަ މުޖުމަތަމައު ބަލައި ނުގަންނަ ކަންކަން ކަަމަށް ލޭބަލް ކޮށްފައިވާ ކަންކަން ކުރަމުން އަންނަނީ އަންހެނުންކަމަށް ވާތީ ކަމަށްވެސް ވެދާނެއެވެ. މިފަދަ ކަންކަން ހިނގަމުންދާއިރު، ނުވަތަ ބަޔަކު މީހުންނަށް ހަނގާކޮށް ބެހި ހަދާއިރު، ގިނައިން ބޭނުންކުރަމުންދާ ބަސް ތަކަކީ ދީނާއި ޚިލާފުވުން ނުވަތަ “ފެމިނިޒްމް” ފަދަ ބަސްބަހެވެ. މީހަކު ގޯސްކޮށް އުޅޭނަމަ، ރަނގަޅު ގޮތް ބުނެދިނުމަކީ އޮންނަ ގޮތެކެވެ. އެހެންނަމަވެސް، އެކަން ކުރަންޖެހެނީ އެންމެންތަކު ތެރޭ އެމީހަކަށް މަލާމާތްކޮށް، ބަދުބަސް ބުނުމަށްފަހުއެއް ނޫނެވެ. ނުވަތަ ސިއްރިއްޔާތުގައި އެބުނާ ފަދަ އިސްލާމްދީން ހުއްދަނުކުރާ ފަދަ ކަންކަމަށް ތައުރީފްކުރުމަށްފަހު، ފާޅުގައި އެމީހަކަށް ފާޑުކިޔުން ނުވަތަ ހެޔޮ ނަސޭހަތް ދިނުމެއްވެސް ނޯވެއެވެ.

އަޅުގަނޑަކީ ފެމިނިސްޓެއްވެސް ނޫނެވެ. ނުވަތަ އެފަދަ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވެ އުޅޭ މީހެއްވެސް ނޫނެވެ. އަދި މިވާހަކަތައް މިދައްކަނީ ހަމައެކަނި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައެއްވެސް ނޫނެވެ. ޖުމްލަކޮށް އެންމެންގެ ދިފާއުގައެވެ. އެހެން މީހުންގެ ޒާތީ ކަންކަމާއި ބެހުމުގެ ހައްގު އެއްވެސް އިރެއްގައި އަނެކާއަށް ލިބިގެނެއް ނުވެއެވެ. އަނެކާ އަޅާ ހެދުމާއި، ހިއްސާކުރާ ފޮޓޯ އާއި ވީޑިޔޯތައް އެއީ އޭނާގެ ކަމެކެވެ. ދެން ހުންނަ މީހާ ކުރާ ކަންތަކުގެ ފާފަ އާއި އަޒާބު ތިމާ މީހާއަށް ނުލިބޭކަން އެންމެންނަށްވެސް އެނގެއެވެ. އެފަދަ މަންޒަރު ބަލަން ބޭނުން ނުވާ މީހުންނަށް ނުބަލާ އުޅެވޭނެ ގޮތާއި ފުރުސަތުވެސް އޮވެއެވެ.

ދެން އޮތީ ކަމުގެ އަނެއް ފަޅިއެވެ. ތިމާއާއި ނުވެސް ބެހޭ، ދުރުހިލޭ މީހުންނާއި ދިމާއަށް ފާޅުގައި ނުވަތަ އޭނާ ނެތް ތަންތަނުގައި ބަސްބުނެ، ފާޑު ކިޔާ މީހާ އުޅެނީ ކިހިނެއްތޯ ބަލާލާއިރު ކަމަކުދާކަށް ނެތެވެ. އެހެން މީހުންނަށް ނަމާދު ކުރަން އަމުރު ކުރުމުގެ ކުރިން ތިމާ މީހާ އަމިއްލައަށް ނަމާދު ކުރަންޖެހޭކަން ހަނދާނެއް ނެތެވެ. ފޭސްބުކްގައި ނުވަތަ ޓުވިޓަރގައި އައުރައަކީ މިއޭ ބުނެ، ފޮޓޯ އާއި ވީޑިޔޯ ހިިއްސާކުރާ މީހުންނަށް ބަސް ބުނާއިރު، ތިމާ މީހާ މިއިންނަނީ އެބުނާ ޒާތުގެ ފޮޓޯއާއި ވީޑިޔޯއާ ހިއްސާ ކުރާ އެންމެންނަށް ފޮލޯ ކޮށްގެންނެވެ. ނުވަތަ އައުރަ ނިވާކޮށްގެން ހުއްޓަސް، ނިވާނުކޮށް ހުއްޓަސް، އެއަށް ހިތްކިޔަން ތައްޔާރަށެވެ. އެހެން މީހުންގެ ޒާތީ ކަންކަމާއި ޒާތީ ގޮތަށް ފާޑު ނުކިޔަންވީ މިސަބަބަށްޓަކައެވެ. ތިމާއަށްވެސް އުޅެވެނީ ވަކި ރަނގަޅަށް ނޫންކަން އަމިއްލައަށް އިހުސާސް ވާންޖެހެއެވެ.

މީހަކަށް ނަސޭހަތެއް ދިނުމަކުން މައްސަލައެއް ނެތެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ތިމާ އަމިއްލައަށް އެބުނާ ފަދަ މަންޒަރުތައް ބެލުމުން ދުރުވެވެން އެބައޮތްކަން އެނގޭއިރު، އެފަދަ މަންޒަރުތައް ބެލުމުން އެކަހެރިވެލުން މާ ރަނގަޅުވާނެއެވެ. ގައިމުވެސް އެހެން މީހަކު ކުރާ ކަމެއް ހުއްޓުވުމަށްވުރެ، އަމިއްލަ މީހާ ކުރާ ކަންކަމުން އަމިއްލައަށް ދުރުވުމަށް މާ ފަސޭހަވާނެއެވެ. އެގޮތް މާ ބުއްދިވެރިވެސް ވާނެއެވެ. ތިމާއަށް ފާފަ ލިބޭނީ ތިމާ ކުރާ ކަންކަމުންނެވެ. އަނެކާ ކިތަންމެ ކުރު، ބާރު ހެދުމެއް ލިޔަސް، ކޮންމެ ގޮތަކަށް ހުރެ ފޮޓޯއާއި ވީޑިޔޯ ނެގިޔަސް ތިމާއަށް އެފާފައެއް ނެތެވެ. ތިމާއަށް ކިރިޔާވެސް އެފާފަ ލިބެން އޮތީ އެބަލާ ހިތުން ބެލުމުންނެވެ. ނުވަތަ ހިލޭ އަންހެނަކަށް ވިޔަސް، ހިލޭ ފިރިހެނަކަށްވިޔަސް ނުރަނގަޅު ނިޔަތެއްގައި ތައުރީފް ކޮށްފިނަމައެވެ.

އަނެކާއަށް ނަސޭހަތް ދިނުމުގެ ކުރިން، ނުވަތަ އުޅޭ ގޮތަށް ފާޑުކިޔުމުގެ ކުރިން، ތިމާ އަމިއްލައަށް އުޅޭ ގޮތާއި ދޭތެރޭ ވިސްނާލުން މުހިންމެވެ. ފުރަތަމަ ކުރަންވީ ކަމަކީ ތިމާ ކުރާ ފާފަތަކުން ދުރުވުމެވެ. އެހެންމީހުން ކުރާ ކަމަކުން ތިމާއަށް ފާފައެއް ނުލިބޭނެކަން ހަނދާންކުރީމާ ހުންނާނީ ރަނގަޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: