މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިވާކަން ކުޑަ ހެދުމެއް ލައިގެން މާފުށީގައި އުޅެމުންދިޔަ އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަނގަޅަށްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިމައްސަލަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިން ދިރާސާ ކުރެއްވުމަށްފަހު، މައްސަލައިގެ ކޮމެޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، ކޮމެޓީ ރިޕޯޓު ފާސްކުރުމަށް 58 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ކޮމެޓީ ރިޕޯޓު ފާސްކުރުމަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މިމައްސަަލަ ކޮމެޓީއިން ދިރާސާކުރިއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔެގެން މި ހާދިސާގައި ކަންހިނގާފައިވާގޮތާއި، ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތް ވަނީ ސާފުކޮށްފައެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމަކާ އެ ފަތުރުވެރިޔާ ހައްޔަރުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ފުލުހުން ޚިލާފުވެފައިވޭތޯ ކޮމިޓީން ބަލާފައިވެއެވެ. ޚާއްސަކޮށް އަންހެނަކު ހިފައި ހައްޔަރުކުރުމުގައި އަންހެން ފުލުހަކު އެކަން ކުރުމަށް ލާޒިމުކުރާ ޚާއްޞަ އިޖުރާއަތެއް ކަނޑައެޅިފައިވޭތޯ ކޮމިޓީއިން ބަލާވާފައިވެއެވެ.
ކޮމެޓިއިން މިމައްސަލަ ދިރާސާކުރިއިރު، ކޮމެޓީއަށް ފާހަގަވެފައިވާ ކަންކަމުގެ ގޮތުގައި މައިގަނޑު ހަކަމެއް ވަނީ ފާސްކޮށްފައެވެ. އޭގެތެރޭގައި އެވަގުތު އެ ދެ ފަތުރުވެރިން ވެސް ތިބީ މަސްތުގެ ހާލަތުގައިކަމަށާއި ހަށިގަނޑު ނިވާކުރުމަށް ފުލުހުން ތަކުރާކޮށް ނަސޭހަތްތެރިވި ކަމަށެވެ. އެހެެން ނަމަވެސް، އެކަމަށް އިންކާރުކޮށް ފުލުހެއްގެ ބޮލުގައިވާ އައިނު ނަގައި އަތުލާފައިވާކަމަށާއި، އަދި ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ފުލުހެއްކަން އަންގައިދޭ ކާޑު ދަމައިގަތުމަށް މަސައްކަތް ކޮށްފައިވާކަމަށް ކޮމެޓީ ރިޕޯޓުގައިވެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާކަމަށް ވެސް ރިޕޯޓުގައިވެއެވެ.
މީގެ އިތުރަށް، އަންހެން ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދެވިފައި ވަނީ ބަންދު ކުރުމަށް ނޫންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ކޮމެޓީ ރިޕޯޓުގައި ވާގޮތުން، އޭނާ ފުލުހުންގެ މަރުކަޒަށް ގެންދިޔައީ އެވަގުތު އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު އެ އަންހެން ފަތުރުވެރިޔާއަށް ދީފާނެ ގެއްލުމަކުން ސަލާމަތް ކުރުމަށާއި އަދި އެ ފަތުރުވެރިޔާގެ ޢަމަލުތައް ހުރިގޮތުން އޭނާގެ ފަރާތުން އާންމުންގެ މީހަކަށް ނުވަތަ ފުލުހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ.
މިމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކޮށްފައި ވާއިރު، އެ ތަހުގީގުން ވެސް ނިންމާފައި ވަނީ މައްސަލާގައި އެ ސަރަހައްދަށް ދިޔަ ފުލުހުން ކަންކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް، މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ.

