ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްވެރިން ދޫވުމާއި ބްލޭމް ގޭމް: އަނިޔާ ރިޕޯޓް ކުރުމަށް ފަސްޖެހެވޭ މައިގަނޑު ސަބަބުތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “ރިކަވަރ ބެޓަރ- ސްޓޭންޑް ފޮރ ހިޔުމަން ރައިޓްސް” އެވެ. މިއަހަރުގެ ޝިއާރު ކޮވިޑް-19ގެ ޕެންޑަމިކްގެ ހާލަތާއި ގުޅުވާލާފައިވާއިރު، ޝިއާރުން ހާމަކޮށްދެނީ ޕެންޑަމިކްގެ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރާއިރު، އިންސާނީ ހައްގުތަކަށް އަހަންމިއްޔަތުކަން ދޭންޖެހޭކަމެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެކި ގައުމުތައް ފުރަބަންދު ކުރަމުންދިޔައިރު، ރާއްޖެވެސް ފުރަބަންދުގެ ހާލަތުގައި އޮތް ދުވަސްތަކެއް ދިޔައެވެ. ވަޒީފާއަށް ދިޔުން ހުއްޓާލެވި، ސްކޫލްތަކަށާއި އާންމު އިޖްތިމާއީ ހަރަކާތްތަކުގެ ބޭނުމަށް މީހުންނާއި ކުދިން ގެއިން ބޭރަށް ނުނިކުމެ ތިބެން ޖެހުމުގެ ސަބަބުން ގެތަކުގެ ހަތަރު ފާރުތެރޭގައި ބަންދު ކުރެވި، ސިއްރުކޮށްފައިހުރި އަނިޔާގެ އެކި މައްސަލަތައް ހައްދު ފަހަނައަޅައި ހިސާބަށް ދިޔައެވެ. މިއާއެކު މިފަދަ މައްސަލަތައް ފަޅާ އަރައި، އަނިޔާލިބެމުންދިޔަ މީހުންނާއި ކުދިން އެކަމުން ސަލާމަތްކުރުމަށް ވަކި ވަކި ރަށްރަށުގައި މަސަައްކަތްތަކެއް ކޮށްފައިވެއެވެ.

އަނިޔާގެ މައްސަލަތަކުގެ ގޮތުގައި ގިނައިން ފެންމަތިވެގެން އަންނަނީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކެވެ. މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު މިިހާރު އިތުރުވެފައިވީނަމަވެސް، އަދިވެސް މިފަދަ އެތައް މައްސަލައެއް ގެތަކުގެ ސިއްރުތަކުގެ ގޮތުގައި ވަނީ މަތިޖަހައި ބަންދުކުރެވިފައެވެ. އަނިޔާ ލިބޭ މީހާއަށް އެކަށީގެންވާ ފަރުވާއާއި، ރައްކާތެރި މާހައުލެއް ފޯރުކޮށްދޭނެ ވަސީލަތްތަކާއި ގާބިލުކަން މިހާތަނަށް ދިވެހި މުޖުތަމައުގައި ނެތްކަމީ ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، އަނިޔާލިބޭ މީހުންނަށް ފަރުވާއާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ވާހަކަތައް ދެކެވޭ މިންވަރަށް މިފަދަ އަނިޔާވެރި އަމަލުތައް ހިނގާ މިންވަރު މަދުކުރުމަށްކުރަންޖެހޭ ކަންކަމުގެ ވާހަކަތައްވެސް ދައްކާލުމަކީ މުހިންމުކަމެކެވެ.

މިފަދަ އަނިޔާގެ އަމަލުތައް ހިނގާ މިންވަރު މަދުކުރެވޭނީ އަނިޔާކުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅި ހަރުދަނާ ގާނޫނީ ނިޒާމެއްގެ ތެރެއިން އަދަބުތަކެއް ދެވިގެންނެވެ. އެހެންނަމަވެސް، ރާއްޖޭގައި މިހާތަނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއްގެ މައްސަލައެއްގައި އަވަސް ޝަރީއަތެއް ހިނގި، އަނިޔާދިން މީހާއަށް އެކަށީގެންވާ އަދަބެއް ދެވިފައިވާކަމަކަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުނުކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިސަބަބާއިހުރެ، އަނިޔާލިބޭ ކުދިންނާއި މީހުންވެސް މިފަދަ މައްސަލަތައް ރިޕޯޓުކުރަން ފަސްޖެހެއެވެ. ކުށްވެރިޔަކު އެއް ދޮރުން ވެއްދުމަށްފަހު އެއަށްވުރެ އަވަހަށް، އަނެއް ދޮރުން ނެރޭ އުސޫލު އޮންނަ ކަމަށްވާނަމަ، ރިޕޯޓުކުރުމުގެ ބޭނުމެއް ނެތޭ ހީވާފަހަރު އާދެއެވެ. ނުވަތަ ރިޕޯޓުކުރިކަން އިތުރު ބަޔަކަށް އެނގޭ ހިސާބުން، އިތުރުން ނުރައްކާތަކާއި އަނިޔާތަކާއި ކުރިމަތިލާންޖެހުމުގެ ބިރަށްވެސް އަނިޔާލިބޭ ކުދިންނާއި މީހުން، މިފަދަ މައްސަލަތައް ރިޕޯޓުކުރަން ފަސްޖެހެއެވެ.

ނަފްސާނީ ފަރުވާގެ ތަޖުރިބާކާރު އަދި ތިބާ ސައިކޮލޮޖީ ސެންޓަރުގެ ކޯ ފައުންޑަރ ނަދާ ޝަރީފް ވިދާޅުވީ، އަނިޔާގެ ނިޝާން ނުވަތަ ފާހަގަ ފިލައިދިޔަނަމަވެސް، އެއަށްފަހު ދެން ދިމާވާ ނަފްސާނީ ގޮންޖެހުންތަކަކީ އެކަމުގެ އަސަރު މުޅި އުމުރަށް ހުންނާނެކަމެއްކަން ދިރާސާތަކުން ދައްކާކަމަށެވެ. އެހެންނަމަވެސް، ނަފްސާނީ ގޮންޖެހުންތަކަށް ފަރުވާ ހޯދުމަށް ވަރަށް ގިނަ ބަޔަކު ލަދުގަނެ، ފަސްޖެހޭ ކަމަށާއި އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ އަނިޔާ ލިބޭ މީހާ ދައްކާ ވާހަކަ އާއިލާއާއި މުޖުތަމައު ގަބޫލުނުކުރުންކަމަށް ނަދާ ވިދާޅުވިއެވެ.

“ގިނަ ފަހަރަށް އަނިޔާ ލިބޭ މީހާ ދައްކާ ވާހަކަ އަޑު އަހަން ބޭނުންނުވޭ، ގަބޫލުކުރަން ބޭނުންނުވޭ! ބްލޭމް ގޭމްއަކަށް އެކަން ބަދަލުވެ، ތިހެންވީ މިވެނި ގޮތަކަށް އުޅޭތީކަމަށް ބުނެ އަނިޔާ ލިބުނު މީހާއަށް އިނގިލި ދިއްކުރާ މަންޒަރު ފެނޭ. މިކަހަލަ ސަބަބުތަކާއިހުރެ ރިޕޯޓުކުރުމަށް ފަސްޖެހޭ”

އެކިކަހަލަ އަނިޔާ ލިބޭ މީހުން ރާއްޖޭގައިވެސް އުޅެމުންދާކަަން ފާހަގަކުރައްވައި ނަދާ ވިދާޅުވީ، ޖިސްމާނީ އަނިޔާގެ އަސަރު ފިލައި ކަމަށާއި އަދި ޖިސްމާނީ އަނިޔާއަށް ފަރުވާ ހޯދުމަކީވެސް ދަތިކަމަކަށް ނުވާ ކަމަށެވެ. އެހެންނަމަވެސް، ނަފްސާނީ ފަރުވާ ހޯދުމަކީ ވަރަށް ބޮޑަށް އަޅާނުލެވި، ދޫކޮށްލެވިފައިވާ ކަމެއްކަމަށާއި ނަފްސާނީ ފަރުވާ ހޯދަން ލަދުގަންނަކަމަށްވެސް ނަދާ ވިދާޅުވިއެވެ. ނަދާ ވިދާޅުވީ، އަނިޔާ ލިބެމުންދާކަމުގެ ވާހަކައެއް ކިޔައިދޭނަމަ، އަނިޔާ ލިބުނު މީހާއަށް އެއްޗެއް ބުނުމުގެ ބަދަލުގައި އެވާހަކައެއް އަޑުއެހުމަކީ މުހިންމު ކަމެއްކަމަށެވެ.

ނަދާވެސް ވަނީ، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ފަސްޖެހެނީ ޝަރުއީ މަރުހަލާގައި ކަންކަންވާގޮތުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދެން އިތުރަށް ކުރެވޭނެ ކަމެއްނެތްކަމަށް ދެކެވި، އިތުރަށް ކުރިއަށްދެވޭނެ ގޮތެއް ނެތްކަމަށް ގަބޫލުކުރެވި ވަރަށް މާޔޫސްވާ ހާލަތަށް ދާކަމަށް ނަދާ ވިދާޅުވިއެވެ.

ރާއްޖެއަށް ބަލައިލާއިރު، ނަފްސާނީ ފަރުވާއަކީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ކަމެކެވެ. ނަފްސާނީ ބަލިތަކުން އަރައިގަތުމަށް، ނަފްސާނީ ފަރުވާ ހޯދުމަކީ ލަދުވެތިކަމެއް ގޮތުގައި ވަނީ ބެލެވިފައެވެ. އަދި ނަފްސާނީ ފަރުވާ ހޯދަން ބޭނުންވާ މީހުންނަށްވެސް އެންމެ އެދެވޭ ފަހި ފުރުސަތު ނުވަތަ ވަސީލަތްތައް އަދިވެސް ދައުލަތުން ފޯރުކޮށްދެވިފައިނެތެވެ. ޕްރައިވެޓް ކްލިނިކްތަކުން ނުވަތަ ސައިކޮލޮޖީ ސެންޓަރުތަކުން މިފަދަ ވަސީލަތްތައް ކޮންމެވެސް ވަރަކަށް ގާއިމްކުރެވި، ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މިއީ ފުދޭވަރަކަށް އަގުބޮޑު ޚިދުމަތަކަށްވާއިރު، މިޚިދުމަތަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ލިބިގަނެވޭނެ ޚިދުމަތެއްގެ ގޮތުގައި އަދި މިހާތަނަށް ފާހަގަކުރެވޭކަށްނެތެވެ. މިއީ މިއަދު އާންމު ރައްޔިތުންގެ ބޮޑު ޝަކުވާއަކަށްވެފައިވާކަމަކަށްވާއިރު، މިކަމަށް ލުއިގޮތެއް މެދުވެރިވާނެ ދުވަހަކަށް ގިނަ ބަޔަކު ތިބީ އެދިއެދިއެވެ.

އަނިޔާއަށް ފަރުވާ ހޯދުމަށް ފަސްޖެހޭ އަދި އަނިޔާ ރިޕޯޓްކުރުމަށް ފަސްޖެހޭ ކިތަންމެ ބަޔަކު މިއަދު ރާއްޖޭގައި އެބަތިއްބެވެ. ރިޕޯޓްުކުރުމުން، ދެން އަންނާނެ “ބްލޭމް ގޭމް” ނުވަތަ މުޖުތަމައު އެމީހަކާއިމެދު ދެކޭނެގޮތަކަށްބެލުމަށްފަހު ގިނަ ބަޔަކު ރިޕޯޓްކުރުމަށް ފަސްޖެހެއެވެ. ފަރުވާ ހޯދުުމުގައި ދިމާވާ މާލީ ގޮންޖެހުންތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ފަރުވާގެ ނިޒާމެއް ގާއިމްކުރެވިފައި ނެތުމަކީވެސް މިއަދު އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް ފަސްޖެހުމާއި ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކެވެ.

އެކަށީގެންވާ ސެންޓަރުތަކާއި ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރަންޖެހެއެވެ. މުޖުތަމައު މިފަދަ ކަންކަމަށް އިތުރަށް ހޭލުންތެރިކުރުވަންޖެހެއެވެ. އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަމާއި ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމްކުރެވެންޖެހެއެވެ. އަނިޔާގެ މައްސަލަތައް މަދުކުރުމަށް ގާނޫނީ ނިޒާމު މިއަށްވުރެ ހަރުދަނާކުރުމަކީވެސް މުހިންމުކަމެއްކަމަށް ތަޖުރިބާކާރުންނާއި ގިނަ އާންމު ރައްޔިތުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: