ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ޤައުމުގައި ގޮތް ހުސްވެފައި ތިބި ނިކަމެތީންތަކެއް!

މާލޭގައި ވަންނަނެ ތަނެއް ނެތި، ހާލުގައި ޖެހިފައިވާ މީހުން ނިދައި އުޅެނީ މާރުކޭޓު ސަރަހައްދާއި، ބީޗުގައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި އެކު، ރަށަށް ގެނައީ ބޮޑު ސިހުމެކެވެ. މަގުތައް ހުސްވެ، އެންމެން ގޭގައި ތިބުމަށް މަޖުބޫރުވިއެވެ. އާމްދަނީ އާއި މުސާރައަށް އަސަރުކޮށް ވިޔަފާރިތައް ވެސް އިނދަޖެހުނެވެ. ދިރިއުޅުން އެއްފުށް މިފުށަށް ޖެހުނެވެ. ދާނެ މިސްރާބެއް، ވަންނާނެ ހިޔާވަހިކަމެއް ނެތް މީހުން ގިނަވިއެވެ.

ގޭބަންދުން މިންޖުވެ، ވިޔަފާރިތައް އަލުން ހުޅުވާލެވި، ހަމަ ނޭވާ އެއް ބަޔަކަށް ލެވޭވަރު މިހާރު ވަނީ ވެފައެވެ. ފުރަބަންދުގެ ލުއިތަކެއް ދީ، މާލެ ވަނީ އާއްމު ހާލަތަކަށް މިސްރާބު ޖަހާފައެވެ. އެކަމަކު، އާންމު ހާލަތަކަށް ދެވޭނެ ގޮތް ނެތި އަދިވެސް ބަޔަކު ތިބީ މަގުމަތީގައެވެ. އެއީ ހާލުގައި ޖެހި، ކާނެ އެއްޗެށް ނުލިބިފައި ތިބި ދިވެހީންތަކެކެވެ.

މީގެ ދުވަސްކޮޅެއް ކުރީން ސޯޝަލް މީޑިއާއިން ސަމާލު ކަމަށް އައީ، ގެތަކުން ނެރޭ ކުނިތައް ހާވައި އޭގެއިން ކިރިޔާވެސް ކާން ހެޔޮވާ ޒާތުގެ އެއްޗެއް ހުރިނަމަ އެ ނަގައިގެން ދާ މަންޒަރެވެ. ބައެއް މީހުން، އެކަމަށް ޖޯކު ޖަހައި ފަކުރު ކަމަކަށް ހެދިއެވެ. އަނެއް މީހުން އެއީ މާބޮޑު ކަމަކަށް ނުހެދިއެވެ. މަސްތުވާތަކެތި ބޭނުން ކުރާ، ގޮތެއް ފޮތެއް ނެތް ޒުވާނުން ކަމަށް ބުނެ އެވެ.

ކުނި ކޮތަޅު ހާވައިގެން ކާނެއް އެއްޗެއް ނޫންނަމަ ވިއްކާލާނެ އެއްޗެއް ލިބޭތޯ ދިވެހި ޒުވާނުންތަކެއް އެހެން ތިބުން މިއީ ހަމަ ވަރިހަމަކޮށްލައިގެން ތިބެވެން އޮތް މައްސަލައެއް ހެއްޔެވެ؟ ނޫނެކެވެ. މީގެ އަސްލު މައްސަލައަކީ ކޮބައިތޯ އާއި، ދިވެހި މި ގައުމު އެ ހާލަތަށް ދާން ޖެހުނު ސަބަބަކީ ކޮބައިތޯ ދެނެގަތުން އެއީ މިހާރު ކުރަން ޖެހިފައި އޮތް ކަމެކެވެ.

މާލޭގައި މިހާލަތުގައި ތިބީ ހަމައެކަނި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެއް ނޫނެވެ. މީގެ ތެރޭގައި އަމިއްލަ ރަށަށް ދެވޭނެ ގޮތެއް ނެތް މީހުން އެބަތިއްބެވެ. ރަށްތަކުގެ މަސް ދޯނިތަކުގައި މަސައްކަތް ކުރަމުން އަންނަނިކޮށް، ކުއްލި ފުރަބަންދާއި އެކު މާލެއިން ނިކުމެވޭނެ ގޮތެއް ނުވި މީހުންވެސް އެބަތިއްބެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ރަށަށް ގޮސް، ކަރަންޓީނުވާނެ ގޮތެއް ނެތް މީހުންނެވެ. އަދި އެ އެހީތެރިކަމަށް އެދި މުވައްސަސާތަކުގެ ދޮރުގައި ޓަކި ޖަހަމުންދާއިރު ވެސް އެ އިދާރާތަކުން ދެނީ ބީރު ކަންފަތެކެވެ. ރަށުގެ ކައުންސިލް އިދާރާއަކަށް ވެވުނު އެހީތެރިކަމެއް ވެސް ނެތެވެ.

މާލޭގެ މަގުތައް މަތީ، ދާނެ މިސްރާބެއް ނެތި ގެއްލިފައިވާ މީހުންނާ ދިމާނުވާ މީހަކު މަދުވާނެއެވެ. އަޅުގަނޑާ ވެސް އެކި ގޮތްގޮތުން ދިމާވެފައި އެބަހުއްޓެވެ. މަގުމަތިން ދާއިރު، އެ ދަނީ ނޫސްވެރިއެއްކަން އެނގިގެން އަމިއްލައިން އައިސް ބައެއް މީހުން ވާހަކަ ވެސް ދައްކައެވެ. މި މީހުންގެ ވާހަކަތަކުން އެނގިގެން ދިޔަ އެއްކަމަކީ، އެ މީހުންނާއި އެކީ އުޅޭ ބައެއް މީހުންގެ ތެރޭގައި މާލެއަށް ނިސްބަތްވާ މީހުން ތިބިކަމެވެ. އެ މީހުންގެ ގޯއްޗެއް ނުވަތަ، ގެއެއް ހުއްޓަސް އާއިލާއިން ހުންނަނީ ބާކީކޮށް، ބިކަކޮށްލާފައެވެ. އާއިލާގެ އެއްވެސް އަޅާލުމެއް ނެތެވެ.

މަގުމަތީ ގިނަވެފައިވާ މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ މަސްތުވާތަކެތީގައި ފަނާވަމުންދާ ޒުވާނުންނެވެ. މީގެ ގިނަ މީހުންނަކީ ފަރުވާއަށް ދާން ބޭނުން އެހެން ނަމަވެސް އެ ފުރުސަތު ނުލިބި ތިބި މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުންގެ ހާލަތާއި، އަދި ދުވާލު ގަޑީގައި ކުރާ ބައެއް މަސައްކަތްތައް ދެނެގަނެވޭތޯ އުޅުނީމެވެ. އެމީހުންގެ މަސައްކަތަކީ ހަމައެކަނި ކުނި ކޮތަޅު ހޭވުމެއް ނޫނެވެ. އޭގެން ކިރިޔާ ވެސް ވިއްކާލައިގެން ފައިސާއެއް ލިބޭނެ އެއްޗެއް އޮތްނަމަ، އެ ނައިގެން ވިއްކަން މަސައްކަތް ކުރެއެވެ. އޭގެއިތުރުން ބައެއް ޒުވާނުން ޕާކިން ޒޯނު ސަރަހައްދުތަކާއި، ކާނިވާ، އަދި ބައެއް އެ ނޫންވެސް ތަންތަނުގައި ސައިކަލް، ކާރު ފަދަ ތަކެތި ސާފުކޮށްދީގެން ފައިސާ ހޯދޭތޯ މަސައްކަތް ކުރެއެވެ.

އެމްޕީއެލް ސަރަހައްދުން ޕިކަޕު ސާފު ކުރުމާއި، އަދި މާރުކޭޓުން ނެރޭ ތަފާތު އެކި ހަލާކުވާ ކާބޯތަކެތީގެ ބާވަތްތައް ސާފުކޮށް އެ ވިއްކުމަށް ވެސް މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި ފިޔާ، ވަޅޯ މަސް، ނުވަތަ ތަރުކާރީ އާއި މޭވާގެ އެހެން ބާވަތްތައް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މަގުމަތީން ހުސް ފުޅި ހޮވާ އެ ވިއްކުމަށް ވެސް މަސައްކަތް ކުރެއެވެ.

މާލޭގައި ދާނެ ތަނެއް ނެތި އެތައް ބަޔަކު ތިބިއިރު، މާރުކޭޓު ސަރަހައްދުގައި ގިނަ ބަޔަކު ނިދައި އުޅޭ/ ފޮޓޯ: ދެން

މި ހުރިހާ އެންމެން ވެސް އުޅެނީ އެކީގައެވެ. ރޭގަނޑު ދަންވުމާއި އެކު އެންމެން އެއްވަނީ މާރުކޭޓު ބިއްދޮށުގައި ހުންނަ ގޮޅިތަކަށެވެ. ބައެއް މީހުން އެނބުރި ގޮޅިތަކަށް އަންނައިރު ކޮންމެވެސް ކާއެއްޗެއް ގެނެއެވެ. ވަޅޯމަސް މާރުކޭޓު ބިއްދޮށުގައި މި މީހުން ނިދިއި އިޅޭ ތަނަކީ، ކިރިޔަ ކިރިޔާ މޫދަށް ނުވެއްޓި ހުރި ތަނަކެވެ. އެތަނުގައި ކުޑަ ގޮޅިތަކެއް ހުރެއެވެ. އަދި މި ފާހަގަ ކުރި މީހުން ނިދަން ޖަމާވަނީ، އެ ގޮޅިތަކުގެ ތެރޭގައެވެ. އެތަނުގައި ހުންނަކީ ކަރުދާސް ފޮށި އަތުރާފައެވެ. ބައެއް ގޮޅިތަކުގައި ގެތަކުން އުކާލުމަށް ނެރެފައި ހުންނަ ގޮދަޑިތައް ވެސް އަތުރާފައި ހުރެއެވެ. އެއީ އެ މީހުންގެ ނިދާ ތަންމައްޗެވެ. އެ މީހުންނަށް މިވަގުތަށް އޮތް ދިރިއުޅުމަކީ އެއީއެވެ.

ރެސްޓޯރަންޓު ކެފޭތައް މިހާރު 12 ޖަހާއިރު ބަންދު ކުރަންޖެހެއެވެ. މީގެ ތެރެއިން ގިނަ ތަންތަނަކީ ވަގުތުން ޓޭކްއަވޭއާއި އެކު ހިދުމަތް ދޭ ތަންތަނެވެ. މިފަދަ ތަންތަނުން ބައެއް ފަހަރަށް ކާބޯތަކެތި ހާލުގައި އުޅޭ މީހުނނަށް ދެއެވެ. އެހެން ނަމަވެސް މިތަކެތި ގެންދަނީ ސީދާ މާރުކޭޓު ބިއްދޮށުގައި އުޅޭ މީހުންކަން ސާފެއް ނޫނެވެ.

އެ މަންޒަރު އަޅުގަނޑަށް ވެސް ފެނިފައި އެބަހުއްޓެވެ. އެއީ އެ މީހުން ހެޔޮހިތުން ކުރާކަމަކަށް ވުމުން، އިތުރު ސުވާލުތަކެއް ވެސް ނުކުރަމެވެ. އެތަކެތި ބަލާ އައި މީހަކީ ކާކުތޯ ސުވާލު ކުރުމުން، ތަނުގެ ވެރިޔާ ދިން ޖަވާބަކީ، އެއީ އަޅާލާނެ މީހެއް ނެތް ކުއްޖެއް ކަމަށެވެ. އިތުރު ވާހަކަތަކެއް އޭނާ ވެސް ނުދައްކައެވެ.

ހަގީގަތުގައި މިހެން ހާލުގައި އުޅޭ މީހުންނަށް ދިއްކޮށްލާ އެހީގެ އަތެއް ވަރަށް މަދެވެ. އެކަމުން އެމީހުން މިންޖުކޮށް، މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ މަންޒަރެއް އެއްގޮތަކަށް ވެސް ނުފެނެއެވެ. ކަމާއި ގުޅޭ ދައުލަތުގެ މުވައްސަސާއެއް ނިންޖަކުން ހޭލީ ވެސް އިހައްދުވަހުއެވެ.

މާލޭ ތެރޭގައި މިހެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން “ސަންގުޓީވީ” އިން ސުވާލު ކުރުމުން ޖެންޑާރ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާރ ޖެނެރަލް އަކްރަމް ހުސެއިން ވިދާޅުވީ މިނިސްޓްރީއިން މާލޭގައި ބޯހިޔާވަހިކަމެއް ނެތި އުޅެމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިދާރާތްތަކާއި އެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެފަދަ މީހުން ގުޅީފަޅު އަދި ފަރުކޮޅުފުށިއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

One Photos - EJeKgDaCk3R4Ha4mV6CDcFqWq.jpg
ރޭގަނޑުވުމުން އެންމެންވެސް ޖަމާވާތަނަކީ މިއީ، އަންނައިރު ބައެއް މީހުން ކާން އެއްޗެއް ގެނޭ/ ފޮޓޯ: ވަން

މާލޭގެ ވަކިވަކި ސްޕޮޓުތައް އެގޮތަށް ފާހަގަކޮށް، މާރުކޭޓު ބިއްދޮށުގައި ނިދައި އުޅޭ މީހުންނާއި ވެސް ވާހަކަ ދައްކާ އެހީވާނެކަން އެ މީހުންނަށް އަންގާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެ މީހުންގެ ތެރޭގައި ފަރުވާ ބޭނުންވާ މީހުންވެސް ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މަގުމަތީން ގެންދާ މީހުންގެ ފަރުވާގެ ކަންކަމާއި ގުޅޭގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑިއޭ) ގެ އާފްޓަރ ކެއާ ކޯޑިނޭޓަރު މުހައްމަދު ސޮބްރީ ވިދާޅުވީ ފަރުވާއަށް ދާން ބޭނުންވެގެން އެކަމަށް ހުށަހަޅާ މީހެއްގެ އެސެސްމެންޓެއް ހަދާނެ ކަމަށެވެ. މި ސްކީރިނިންގެ ދަށުން އެ މީހަކީ އެއީ ހުކުމެއްގެ ދަށުން ފަރުވާއަށް ދާ މީހެއްތޯ ނުވަތަ ފަރުވާ ބޭނުންވާ ހިސާބު ބަލާ ޑިޓޮކްސިފިކޭޝަންގެ 5-7 ދުވަސް ނިންމާ ދެން ކްލިނިކަލް އެސެސެމެންޓެއް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާއަށް މިކަން އައުމާއެކު މުއައްސަސާތަކުން ވެސް މިހާރު މަސައްކަތްތަކެއް ފަށާފައިވާއިރު، މާލެ މިވަނީ މިފަދަ އެތައް އިޖުތިމާއީ މައްސަލަތަކެއްގެ ހާއްޔަކަށްވެފައެވެ. މިފަދަ ކަންކަމުގައި މުއައްސަސާތަކުގެ ސްޕީޑާއި ހަރަކާތްތެރިކަން އިތުރުކުރަން މަޖުބޫރެވެ. ސިޔާސީ ވާދަވެރި ކަމުގައި ސިޔާސީވެ މުޅި ގައުމު އޮތްވައި، ގައުމުގެ ދަރީންގެ ޖީލެއް ހަލާކުވެ މިއޮތް ނިމިގެންދަނީއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 81%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: