ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ސަރުކާރަކުން އިހުމާލުވި މަސްވެރިކަން، މިއަދު ސިޔާސީ ހަތިޔާރަކަށް!

މަސްވެރިން ގެ ދުވަހު ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން ފޮޓޯ: މުހައްމަދު ހައްޔާން/ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދިމާވާ ދަތިތަކުގެ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. މިއުޅެނީ ވަކި މާ ބައިވަރު ދަތިތަކެއް ދިމާވާތީއެއްވެސް ނޫނެވެ. އަބަދުވެސް އިވެނީ މައިގަނޑު ދެތިން ޝަކުވާއެއްގެ ވާހަކައެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އެމަސައްކަތް ދެކެ ލޯބިވާތީ، އެކަން ކުރަން ބޭނުންވާތީ ކުރާ މީހުންނެވެ. މަސްވެރިކަމަކީ ކުރުން ހަޑިކަމެއް ނުވަތަ ނުކިޔަވާ ތިބޭ މީހުން ކުރާ ކަމެއް ގޮތުގައި އޮތް އޮތުން މިހާރު ކޮންމެވެސް ވަރަކަށް ބަދަލުވަމުންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ. މިހާރު މަސް ދޯނި ފަހަރަުގައާއި، ކަންނެލި އޮޑިތަކުގައި މަސައްކަތްކުރަމުންދަނީ ހަމައެކަނި ދޮށީ އުމުރު ފުރައިގެ ދިވެހިން އެކަންޏެއް ނޫނެވެ. މިއަދު ކިޔަވައިގެން ތިބި ތައުލީމީ، ހުނަރުވެރި ދިވެހި ޒުވާނުންވެސް މަސްދޯނި ފަހަރުގައި ހަރަކާތްތެރިވަމުން އާދެއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އާންމު ރައްޔިތުންގެ މެދުގައި އޮތް ލޯތްބަށް ނުވަތަ ޝައުގުވެރިކަމަށް ކުޑަވެސް ބަދަލެއް އައިސްފައިނުވެއެވެ. މިކަން ހާމަވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. މަސްވެރިކަމަށް ނުކުންނަ މީހުން ނުކުންނަނީ ހަމައެކަނި ވަޒީފާއެއް ގޮތުގައި އެކަން ކުރާކަށް ނޫނެވެ. ނުވަތަ މަހަށް ނުކުމެ އުޅެނީ ހަމައެކަނި ބޮޑެތި މަސް އޮޑި ދޯނި ފަހަރުގައި އެކަންޏެއް ނޫނެވެ. ހުސްވަގުތުތަކުގައި މަހަށް ނުކުންނަ މީހުންނާއި ނުވަތަ އެނޫންވެސް ގޮތްގޮތަށް ފަރުމަހުގެ މަސްވެރިކަމަށް ނުކުންނަ ދިވެހިންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ.

އާންމުންގެ މެދުގައި މަސްވެރިކަމަށް ކިތަންމެ ބޮޑު ލޯތްބެއް ދެވިފައި އޮތަސް، މިސަރުކާރުންވިޔަސް އަދި ފާއިތުވެގެންދޔަ އެއްވެސް ސަރުކާރަކުންވެސް މަސްވެރިކަމަށް މާބޮޑު ސަމާލުކަމެއް ދިންތަނެއް ފެނިފައެއް ނެތެވެ. މަސްވެރިންގެ ޝަކުވާތައް އަޑު އަހައި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރި ތަނެއް ފެންނާކަށްވެސް ނެތެވެ. އެފަދަ އެއްވެސް ކަމެއް މީގެ ކުރީގެ ސަރުކާރުތަކުންވެސް ކޮށްފައިވާނަމަ، މިއަދު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ މިހާލަތަށް ވެއްޓިފައެއް ނޯންނާނެއެވެ.

ހުރިހާ ސަރުކާރުތަކަކުންވެސް ބެލީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވެތޯއެވެ. ދިވެހިންގެ ލޭނަރަކީ މަސްވެރިކަން ކަމެއް ހަނދާނެއް ނެތެވެ. ފަތުރުވެރިކަމަށް ބަރޯސާވުމަކީ ބޭރުގެ ގައުމުތަކަށް ބަރޯސާވުންކަމެއް ނުވިސްނުނެވެ. ބޭރުގެ ގައުމުތަކުން އަންނަ ބައެއްގެ އަތުން ލިބޭ ޑޮލަރުކޮޅަކަށް ބަރޯސަވުމުގެ ބަދަލުގައި އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އެކަމުގެ ހިތި ނަތީޖާ މިއަދު ވަރަށް ރީއްޗަށް އެބަފެނެއެވެ.

ކޮވިޑް-19ގެ ބަލިަމޑުކަމުގައި މުޅި ދުނިޔެ ތަދު، ދަތި ދުވަސްތަކެއް ހޭދަކުރަމުންދާއިރު، ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް މިކަމުގެ އަސަރު ކުރި މިންވަރު ވަކިން ބޮޑެވެ. ރާއްޖޭގެ އިގްތިސާދު މުޅިންހެން ބަރޯސާވެފައި އޮތީ އެހެން ގައުމުތަކަށެވެ. އެހެން ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަތުން ލިބެން އޮންނަ އެއްޗަކަށެވެ. އެހެންނަމަވެސް، ރާއްޖެއާއި ދުނިޔޭގެ ގިނަ ގައުމުތައް ފުރަބަންދުކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓި، އާމްދަނީ މުޅިންހެން ހުއްޓުނެވެ.

އެހެންނަމަވެސް، މިކަން މިގޮތަށް މިދިމާވީ މަސްވެރިކަން ފަދަ، ދިވެހިންގެ އަމިއްލަ އަތް މަތީގައި ހުރިކަންކަން ތަރައްގީ ކުރުމާއި ކުރިއެރުވުމުގެ ބަދަލުގައި، އެހެން ކަންކަމަށް އިސްކަން ދެވުމުންނެވެ. އެހެންނަމަވެސް، މިކަން އަދިވެސް ކަންކަން ހިންގުމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާ ކަމަކަށް ނުބެލެވެއެވެ.

މިހާރު ރާއްޖެ އިގްތިސާދީ ގޮތުން މިއޮތް ހާލަތަށް ބަލާއިރު، މަސްވެރިކަމުގެ ދާއިރާއާއި މެދު ފަރުވާ ކުޑަކޮށްފައި އޮތުމުގެ ނަތީޖާ އެބަފެނެއެެވެ. މިއާއެކު، ދެން ފެނިގެންދަނީ އެއް ސިޔާސީ ފިކުރު، އަނެއް ސިޔާސީ ފިކުރަށް ފާޑުކިޔުމުގެ އިނގިލިތައް ދިއްކުރަމުންދާ މަންޒަރެވެ. ހަގީގަތުގައި، މަސްވެރިކަމުގެ ދާއިރާ މިހާ ދަށް ފެންވަރަށް ވެއްޓިގެންދިޔައީ، އެއްވެސް ސަރުކާރަކުން މަސްވެރިންގެ ޝަކުވާތައް އަޑު އަހާފައި ނުވުމުންކަމެވެ.

މިއަދު މަސްވެރިކަމަކީ ނުވަތަ މަސްވެރިންގެ ޝަކުވާތަކަކީ، ކޮންމެވެސް އިންތިޚާބެއްގެ ކުރިއަށް ބޭނުންކުރާ ސިޔާސީ ހަތިރާކެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭނެކަމަށް ބުނެ، އެތައް ވައުދުތަކެއް ވާއިރު ވެރިކަން ނުވަތަ މަގާމަށް އިންތިޚާބުވުމާއެކު އެވައުދުތައް މަތިން ހަނދާން ހުންނަ ތަނެއް ނުފެނެއެވެ. އެވައުދުތައް ފުއްދުމަށް މަސައްކަތްކުރާ ތަނެއްވެސް ނުފެނެއެވެ. މިއަދު މަސްވެރިކަން ސިޔާސީ ވެނިމިއްޖެއެވެ. މަސްވެރިންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެއިރެއްގައި އެންމެ ރަނގަޅު ވާހަކައެއް ދައްކާކަމަށް ބެލެވޭ ބައެއްގެ ފަހަތަށް އެރުމެވެ. ހަގީގަތުގައި، މަސްވެރިންނަށް ހެޔޮ އެދޭ ބައެއްނަމަ، މިކަން ސިޠާސީ ހަތިރާކަށް ނެހެދީހެވެ. އިންތިޚާބުތަކާއި ދިމާކޮށް ދައްކާ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުނީހެވެ.

މިއަދު މިއުޅެން ޖެހެނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބިގެންނެވެ. މަސް ކިރާނެ ގޮތެއް ނެތެވެ. ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮޑި، ދޯނި ފަހަރުގެ ނިސްބަތަށް ބަޅާއިރު އެކަށީގެންވާ މަސް ޕްލާންޓްތަކެއް ގާއިމްކުރެވިފައެއްވެސް ނެތެވެ. މިއީ ހަމައެކަނި މިސަރުކާރުގެ އިހުމާލެއް ނޫނެވެ. މިއީ މަސްވެރިކަމަށްވުރެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަކިން ޚާއްސަ އިސްކަމެއް ދިން ހުރިހާ ސަރުކާރެއްގެވެސް އިހުމާލެވެ. މިކަމުގައި ވަކި އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރެވޭކަށް ނެތެވެ.

މަސްވެރިންގެ ވަކި މާ ބައިވަރު ޝަކުވާތަކެއްވެސް ނެތެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބުމާއި، މަސްވެރިން ބާނާ މަސް ކިރުވުމުގައި ހުރި ދަތިތައް ހައްލުކޮށް ދިނުމަކީ މިއަދު މަސްވެރިންގެ މައިގަނޑު ހަމައެކަނި ޝަކުވާތަކެވެ.

މަސްވެރިންގެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ އަހަރު 400 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަސްވެރިކަމުގެ ދާއިރާއާއި ގުޅުންހުރި މަޝްރޫއުތަކެއް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި “ޒުވާން މަސްވެރިޔާ”އަށް ގުޅުއްވައި މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދައިދޭނެކަމަށްވެސް ވިދާޅުވިއެވެ. ބޭނުންވަނީ ފޮނި ވާހަކަތަކެއް ނޫނެވެ. ބޭނުންވަނީ ދައްކަވާ ވާހަކަތަކުގައި ފާހަގަކުރައްވާ ކަންކަމުގައި އަމަލީ ސިފަ ޖެހިގެންދިޔުމެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: