ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރުގެ މައްސަލަ: ހުލާސާ ބަޔާން އިއްވޭނެ ގޮތެއް ނުވި، އާފިޔާއަށް ފަހު ފުރުސަތު!

އަންނަ ފެބްރުއަރީ މަހު އިބްތިހާލްގެ މަރަށް ހަ އަހަރު ފުރޭނެ
ޝެއާރކޮށްލާ ކަހަލަދޯ؟
  • އާފިޔާގެ ވަކީލް ބަދަލުވުމުން، ވަކީލް އެދުނީ އިތުރު ފުރުސަތަކަށް
  • ހުލާސާ ބަޔާން އިއްވުން މި މަހުގެ 24 ގައި، އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ގާޒީ ވިދާޅުވި
  • މި މަހުގެ ތެރޭގައި ހުކުމް ކުރާނެ
  • އަންނަ ފެބްރުއަރީ މަހު މި މައްސަލައަށް ހަ އަހަރު ވާނެ

 

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އާފިޔާގެ ވަކީލުގެ އެދުމަށް ފަސްކޮށްފިއެވެ.

އިންތިހާލް މަރާލި މައްސަލައިގެ އަޑުއެހުމެއް ނޮވެމަބަރު 29 ގައި ބޭއްވިއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު މައްސަލައިގެ ހުލާސާ ބަޔާނަށްފަހު ހުކުމް އިއްވުމަށް ތާވަލު ކުރި އަޑުއެހުމެވެ. އެހެން ނަމަވެސް އެ އަޑުއެހުމުގައި ވަކީލެއްގެ އެހީ ބޭނުންވާ ކަމަށް އާފިޔާ ބުނުމުން އިތުރު ފުރުސަތެއް އޭނާ ދިނީއެވެ. ދައުލަތުގެ ފަރާތުން މީގެ ކުރިން ވެސް ހަމަޖައްސާފައި ހުރި އެ ވަކީލުގެ އެހީ ބޭނުން ނުވާ ކަމަށް އާފިޔާ ވަނީ ބުނެފައެވެ. އެހެން ވެ އެ ޝަރީއަތްތައް ކުރިޔަށް ގެންދިޔައީ ވަކީލަކާއި ނުލައެވެ.

އާފިޔާގެ ވަކީލެއް ހަމަޖެހިގެން ދިޔައީ ދައުލަތުގެ ފަރާތުންނެވެ. އެއީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ ވަކީލެކެވެ. އެހެންވެ މައްސަލައިގައި ހުލާސާ ބަޔާން އިއްވަން އިތުރު ފުރުސަތެއް ޝަރީއަތުން ދިނީއެވެ. އެގޮތުން މިއަދަށް ބަޔާން އިއްވުން ތާވަލު ކުރި ނަމަވެސް، އެ ވަނީ ކުރިޔަށް ގެންދެވޭ ގޮތް ނުވެފައެވެ.

މައްސަލައިގައި މިއަދުގެ އަޑުއެހުން ފައްޓަވައިދެއްވަމުން، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މުހައްމަދު ސަމީރު ވިދާޅުވީ ދައުލަތުން އާފިޔާއަށް ހަމަޖައްސާފައިވާ ވަކީލު ބަދަލުވެފައިވާ ކަމަށެވެ. އަދި އެކަން ބަޔާންކޮށް ލިބިފައިވާ ސިޓީގައި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ފަސްކޮށްދޭން އެދިފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އާފިޔާގެ ވަކީލް ވިދާޅުވީ، މި މައްސަލަ އޭނާ އާއި ހަވާލުކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އެހެން ކަމުން ހުލާސާ ބަޔާން ތައްޔާރު ކުރުމުގައި ވަގުތު ބޭނުންވާ ކަމަށް ވަކީލް ވިދާޅުވިއެވެ. މައްސަލައިގެ ލިޔެކިއުންތައް ލިބިފައި ނުވާކަން ފާހަގަކޮށް ވާކީލް ވިދާޅުވީ، ދިރާސާ ކުރުމަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ދިހަ ދުވަހުގެ މުއްދަތެއް ދިނުމަށް ވަކީލް އެދިވަޑައިގަތެވެ.

ވަކީލްގެ ވާހަކަތަކަށް ފަހު، ދިން ފުރުސަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން މައްސަލައިގެ ހުލާސާ ބަޔާން މިދިޔަ ފެބްރުއަރީ މަހު ހުށަހަޅާފައިވާއިރު އިތުރަށް ފާހަގަކުރާނެ ކަމެއް ނެތް ކަމަށެވެ. އަދި، ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް މައްސަލަތަކުގައި ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާއިރު އެ ހައްގަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ދައުލަތުން ބުންޏެވެ.

އާފިޔާގެ ހުލާސާ ބަޔާން އިއްވުން ލަސްކުރުމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރުމުން، ގާޒީ ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދޭ ކަމަށެވެ. ގާޒީ ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހު ހުކުމް ކުރުމަށް އަޑުއެހުން ބާއްވާނެ ކަމަށެވެ. އަދި އެ ދުވަހަށް މައްސަލަ ރަނގަޅަށް ދިރާސާކޮށް، ރިޕޯޓު ތައްޔާރު ކުރުމަށް ވިދާޅުވިއެވެ. ގާޒީ ވަނީ ހުލާސާ ބަޔާން އިއްވަން ދެން އިތުރު ފުރުސަތެއް ނުދެއްވާނެކަން ފާހަގަ ކުރައްވާފައެވެ.

މިއީ ވަރަށް ދިގުލައި ދުވަސްވެފައިވާ މައްސަލައެއް ކަމަށާއި، މީގެ ކުރިން ވެސް އަޑުއެހުންތަކުގައި އާފިޔާ މާގިނަ ވާހަކަތަކެއް ދައްކާފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ތަހުގީގާއި ޝަރީއަތުގެ އެތައް އަޑުއެހުންތަކެއްގައި އޭނާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކޮށްފައި ނުވާނެކަމަށް ބުނެފަެވެ. އާފިޔާ ބުނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެއް ކަމަށް ގޮވާފައިވަނީ އަވަށްޓެރިން ކަމަށެވެ. އެގޮތުން ބައެއް އަވަށްޓެރިން ގޮވާފައިވަނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެކޭ ކަމަށް އާފިޔާ ޝަރީއަތުގައި ބުނެފައިވެއެވެ.

އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން މަންމަ އާފިޔާގެ ފަރާތުން އޭނާއަށް އަނިޔާތަކެއް ލިބެމުން ދިޔަ ކަން ޖެންޑާ މިނިސްޓްރީއަށް އެރަށުން ރިޕޯޓްކޮށްފައިވެއެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި މިދިޔަ ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ އިބްތިހާލް މަރުވި ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއް ބަޔާނުގައި ހުށަހަޅާފައެވެ. އަދި އެ ހުރިހާ ވާހަކައެއް ހުށަހަޅަމުން ދިޔައިރު އާފިޔާގެ މޫނުމަތީން އެއްވެސް މާޔޫސްކަމެއް ނުފެނެއެވެ. އެ ބަޔާން ހުށަހަޅަމުން ދިޔަ ވަގުތު، ކޯޓު ރޫމަށް ހާޒިރުވެތިބި ހުރިހާ ނޫސްވެރިންވެސް ތިބީ އިސްޖަހައިގެންނެވެ. އަދި ދޭތެރެއަކުން އާފިޔާވެސް ފަހަތަށް އެނބުރި ނޫސްވެރިންނަށް ނަޒަރު ހިންގާލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: