ޞިއްޙީ ސަބަބުތަކަށްޓަކައި ފަނޑިޔާރުންނަށް ޗުއްޓީ ދެވޭނީ ޑޮކްޓަރެއްގެ ސެޓްފިކެޓަކާއެކު، ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއްގެ ޞިއްޙީ ސަބަބުތަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދުމުންނެވެ.

ސުޕްރީމް ކޯޓު އަދި ހައިކޯޓު ފިޔަވައި އެހެން ކޯޓުތަކުގެ ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ، އެކޯޓު ހިންގުން އެހެން ފަނޑިޔާރަކާއި ޙަވާލުކުރާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރު ކަމަށާއި އަދި ހައިކޯޓުގެ އިސްފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތުގައި ހައިކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.