ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާބިތުނުވި ޒިނޭ އާއި ޑީއެންއޭ: މައްސަލައަކީ ގާނޫނީ ޒިނޭ!؟

ޝެއާރކޮށްލާ ކަހަލަދޯ؟

ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިގަތުމާއި ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކާއި ބަހުސްތަކަށް ނިންމުމެއް ބޭނުންވެއެވެ. މި ބަހުސް ފެށިގެން މި އުޅެނީ ޒިނޭގެ ކުށް ސާބިތު ކުރުމުގައި ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ހައިކޯޓުން ނިންމުމާ ގުޅިގެންނެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކުރީ 2016 ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އުތުރުގެ ހޮސްޕިޓަލެއްގައި ވިހެއި ކުއްޖެއް އެއީ، ޒިނޭގެ ސަބަބުން ލިބުނު ކުއްޖެއް ކަމާއި، އެ ކުއްޖާގެ ޑީއެންއޭ އެ އަންހެން މީހާ، ޒިނޭ ކުރި ކަމަށް އޭނާ ބުނާ ފިރިހެން މީހާ އާއި ދިމާވާކަމަށް ބުނާ މައްސަލައެއްގައެވެ. މައްސަލައިގައި ބެލި ދަށު ކޯޓު ކަމަށްވާ ހދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފައި އޮތީ ފިރިހެންމީހާގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ ސާބިތު ނުވާ ކަމަށެވެ. ދައުލަތުން އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ތާއިދުކުރީއެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުންނަމަ ޒިނޭގެ ކުށް މީހެއްގެ ސާބިތު ކުރެވޭނީ ދެ ގޮތަކަށެވެ. އެމީހެއްގެ އަމިއްލަ އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނެއް، އެ ކުށް ކުރަނިކޮށް ސީދާކޮށް ސާފުކޮށް ބަޔާންކޮށް ހެކި ބަސް ދީގެންނެވެ. އެ ނޫން ގޮތަކަށް ކުށް ސާބިތު ނުކުރެވޭނެ އެވެ. ސުވާލު އުފެދޭ ހިސާބަކީ މިއީއެވެ.

މި މައްސަލަ ހިފައިގެން ދައުލަތުން ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުކުރަން ކޯޓަށް ދިޔައީ ދެ އަސާސެއްގެ މައްޗަށެވެ. އެއީ އަންހެން މީހާގެ އިއުތިރާފާއި ފިރިހެން މީހާއާ ކުއްޖާގެ ޑީއެންއޭ ދިމާވާ ކަމުގެ ރިޕޯޓެވެ. އެހެންވީއިރު، އިސްލާމީ ޝަރީއަތުގައި ބުނާ ދެ ހެކިން ކުރެ އެއްވެސް ހެއްކެއް މި މައްސަލާގައި ދައުލަތަށް ދެއްކިފައެއް ނުވެއެވެ. ހައިކޯޓުން މައްސަލަ ދައުލަތާ ދެކޮޅަށް ނިންމީ ވެސް އެހެންވެއެވެ.

ހައިކޯޓުގެ ހުކުމްގެ ހުލާސާއަކީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް އެ ނޫން ގޮތަކަށް އެ ކުށް މީހެއްގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ. ފިރިހެން މީހާގެ ޑީއެންއޭ ހަދައިގެން ކުއްޖާއާ ދިމާކޮށްގެން އެއީ ހެއްކެއްގެ ގޮތުގައި ނުބެލޭނީ އެހެންވެ ކަމަށް ހައިކޯޓުން ފާހަގަކުރިއެވެ. ހައިކޯޓުން މިގޮތަށް ފާހަގަ ކުރުމުގައި ރާއްޖޭގެ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއަކަށް ހަވާލާދިނެވެ. އެ ފަތުވާގައިވާ ގޮތުން، ޒިނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށެވެ.

އެކަމަކު، ދައުލަތުން މިކަމުގައި ގެންގުޅެނީ އެހެން ވިސްނުމެކެވެ. ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ މި މައްސަލައަކީ ހައްދުގެ އަދަބުދޭ ޒިނޭގެ ކުށެއް ނޫން ކަމަށެވެ. މިއީ ތައުޒީރީ އަދަބެއްދޭ ޒިނޭގެ ކުށެއް ކަމަށާއި އެ ކުށް ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިގެން ސާބިތު ކުރެވިދާނެ ކަމަށެވެ. މި ދައުވާ އުފުލާފައިވާ ގާނޫނުލްއުގޫބާތުގެ މާއްދާގައި ވެސް އެކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ހައިކޯޓުން ވަނީ ދައުލަތުން އެ ވާހަކަތައް ގަބޫލު ނުކުރަން ނިންމާފައެވެ. އެގޮތުން ގާނޫނުލްއުގޫބާތަށްވުރެ އިސްކަންދޭން ޖެހޭ ޖިންސީ ކުށުގެ ގާނޫނުގައި ވެސް ޒިނޭގެ ކުށް ބަޔާންކޮށްފައިވާއިރު އެ ގާނޫނުގައި އެ ކުށް ސާބިތު ކުރެވޭނެ ކަމަށް އޮތީ ޝަރުއީ ހަމަތަކުންނެވެ. ހައިކޯޓުގެ ހުކުމްގައި ބުނީ ރާއްޖޭގައި އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ މާއްދާއެއް އިސްލާމް ދީނާ ހިލާފުވާ ގޮތަކަށް ނުހެދޭނެ ކަމަށެވެ. މާނައަކީ ޒިނޭގެ ކުށް އެހެން ގޮތަކަށް ސާބިތު ކުރެވޭނެ ކަމަށް އޮތް ގާނޫނުލްއުގޫބާތުގެ މާއްދާ ގޯހޭއެވެ. ދެ ވައްތަރުގެ ޒިނޭގެ ބަހުސް އަންނަނީ މިހާ ހިސާބުންނެވެ.

ގާނޫނީ ޒިނޭ އާއި، ޝަރުއީ ޒިނޭ!

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، އަމިއްލަ ބްލޮގްފައި ލިޔުއްވި ގޮތުގައި ގާނޫނުލްއުގޫބާތުގައި އޮތީ “ގާނޫނީ ޒިނޭ”ގެ ވާހަކައެވެ. ޖިންސީ ކުށުގެ ގާނޫނުގައި ނުވަތަ ޝަރުއީ ހަމަތަކުން މަތިން ސާބިތު ކުރުމަށް އޮތީ “ޝަރުއީ ޒިނޭ”އެވެ. ޝަމީމް ވިދާޅުވީ “ގަނޫނީ ޒިނޭ” ސާބިތުކުރުމަށްޓަކައި ޑީއެންއޭ ބޭނުން ކުރެވިދާނެ ކަމަށެވެ. ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އެ މާއްދާއަކީ އިސްލާމީ ޝަރީއަތާއި ހިލާފު މާއްދާއެއްގެ ގޮތުގައި ފެނިވަޑައިގެންފިނަމަ އެ މާއްދާއަކީ ގާނޫނު އަސާސީ އާއި ހިލާފު، އަމަލު ކުރަން ނުޖެހޭ މާއްދާއެއްކަން ލިޔުނީސް ކަމަށެވެ. އެހެން ނަމަވެސް ސަރީހަ އިބާރާތަކުން އެހެން ބަޔާންކޮށްފައި ނެތް ކަމަށެވެ.

ޒިނޭގެ ކުށް ސާބިތު ކުރުމަށް ޑީއެންއޭގެ ހެކި ހޯދުމަށް ގާނޫނުލްއުގޫބާތުން ވަނީ ތަންދީފައެވެ. މިއީ ޝަރުއީ ޒިނޭގެ ބޭރުން އައިސްފައިވާ ކުށެކެވެ. ގާނޫނުގައި އުފެއްދި ގާނޫނީ ޒިނޭގެ މައިގަނޑުގެ އެއް ސަބަބަކީ ފިރިހެނެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތު ނުކުރތެވި، އަންހެނަކަށް އެ ކުށް ސާބިތުވާ މިންވަރު އިތުރުވުމެވެ.

ދެ މީހުންގެ ބައިވެރިވުން އޮވެގެން އަރައިގަންނަ އެ ކުށަށް، ޒިނޭގެ ކުށެއް ތައާރަފްކުރަން ޖެހުނު ސަބަބަކީ އެއީއެވެ.

ގާނޫނީ ޒިނޭ އާއި، ޝަރުއީ ޒިނޭގެ ތަފާތުތަކެއް ވެއެވެ. ޝަރުއީ ޒިނޭ ސާބިތު ކުރެވެން އޮންނާނީ ހަމައެކަނި ހަތަރު ފިރިހެނުންގެ ހެކި ބަހަށެވެ. އެހެން ނަމަވެސް ގާނޫނީ ޒިނޭގައި އެ ނޫން ވެސް ހެކިތައް ބޭނުން ކުރެވޭނެއެވެ. ޒިނޭގެ ކުށަށް އެ މީހަކު އިންކާރުކޮށްފިނަމަ، އެ މީހަކާއި ދެކޮޅަށް ކުށް ސާބިތުކުރަން ޝައްކެތް ނެތް މިންވަރަށް ހެކި ހުރިނަމަ އަދަބު ކަނޑައެޅޭނެއެވެ.

ހެކިތަކުގެ ގޮތުގައި ޑީއެންއޭ ބޭނުން ކުރެވޭނެކަމަށް ބުނެފައިވަނީ ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގެ (ށ) ގައެވެ. މި ކުށް ސާބިތުވެއްޖެނަމަ އެ މީހެއްގެ މައްޗަށް ކަނޑައަޅަނީ ރައުރީޒީ އަދަބެކެވެ.

ޒިނޭގެ ކުށް ދެން ބަޔާންކޮށްފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގައެވެ. ޒިނޭގެ ކުށްތަކުގައި ދައުވާ ކުރަންޖެހޭނީ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުންކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. ހައިކޯޓުން ބުނެފައިވަނީ ޒިނޭގެ ކުށުގެ ގާނޫނުގައި ބަޔާން ކުރަންޖެހޭނީ، ހަމައެކަނި އިސްލާމީ ޝަރީއާގައި ބަޔާންކުރާ މިންގަނޑަށް ކަމަށެވެ.

ގާނޫނޫލްއުގޫބާތުގެ ދަށުން ދައުލަތުން ދައުވާކުރީ، ޝަރުއީ ގޮތުން ޒިނޭގެ ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ހާލަތުގައި، ޝަރީއަތުގައި އޮންނަ ހައްދު އެ މީހަކަށް ގާއިމް ނުކުރެވޭނެތީ، ތައުޒީރީ އަދަބެއް ކަނޑައަޅާށެވެ. ޑީއެންއޭގެ ހެކި ހުރި ހާލަތެއްގައި ޒިޏޭގެ ދައުވާ ކުރެވޭނެ މަގެއް އޮތީ ގާނޫނުލްއުގޫބާތުގައެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށުގެ އަދަބަކީ ހައްދު ނަމަވެސް، ދައުވާ އައިސްފައިވަނީ ތައުޒީރީ އަދަބެއް ކަނޑައަޅާށެވެ. އަދި އޭގައި ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޒިނޭ ކުރުމެވެ.

ޖިންސީ ކުށުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ޒިނޭ ކުރުމަކީ ކުށެކެވެ. އަދި (ށ) ގައި ބުނެފައިވަނީ، އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޒިނޭގެ އަދަބަކީ އެ ކުށް ކުރާ މީހާ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު، އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުން ކަމަށެވެ.

މި ގާނޫނުގެ ދަށުން ދައުލަތުން ދައުވާ ނުކުރީ، ދައުވާ ލިބޭ ފިރިހެންމީހާ ކުށަށް އިންކާރު ކުރާތީއެވެ. ކުށަށް އިއުތިރާފު ވަނީ ހަމައެކަނި އަންހެން މީހާއެވެ. އޭނާ ވަނީ ބަނޑުބޮޑުވެ ވިހާފައެވެ.

މި ގާނޫނުގެ ދަށުން ފިރިހެންމީހާ ކުށަށް އިންކާރު ކުރުމުން ދައުވާ ސާބިތު ކުރެވޭނެ އިތުރު ގޮތެއް ނޯންނާނެއެވެ. އަދި ހަތަރު ހެކިން ވެސް ނެތެވެ.

އިއުތިރާފެއް ނެތި، އަދި ހަތަރު ފިރިހެނުންގެ ހެކި ބަސް ނެތް ހާލަތެއްގައި ޑީއެންއޭ އާއި، އަދި އެކަށީގެންވާ ފަދަ ގޮތަކަށް ގަބޫލު ކުރެވޭ ގަރީނާތައް ބޭނުން ކުރެވިދާނެ ކަމަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން އަންނަ “ހުއްދަ ނޫން ޖިންސީ ގުޅުން” މާއްދާގައި ބުނެފައި ވެއެވެ.

ބަހުސްތަކެއް އައި ނަމަވެސް، އާދައިގެ ގޮތަކަށް ބުނާނަމަ ޒިނޭގެ ކުށް ސާބިތު ކުރުމަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އިސްލާމީ ޝަރީއާގައި ބަޔާންކުރާ ހެކިތައް ހުންނަން ޖެހޭނެއެވެ. އެއީ އިއުތިރާފާއި، އެ މަންޒަރު ލޮލުން ފެނުނު ހަތަރު ފިރިހެނުންގެ ހެކި ބަހެވެ.

ޑީއެންއޭ އާއި، އިތުރު ގަރީނާތައް ބޭނުން ކުރެވެނެ ކަމަށް އޮތީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. މި ގާނޫނުގައި “ޒިނޭގެ ކުށް” ގެ ގޮތުގައި ބަޔަންކުރާ ކުށް ސާބިތު ކުރަނީ އިސްލާމީ ޝަރީއަތުގައި ވާ ގޮތަކަށް ނޫނެވެ.

ދެން އުފެދޭ ސުވާލަކީ މައްސަލައަކީ ކޮބައި ތޯއެވެ. ދައުލަތުން އިސްތިއުނާފު ކުރި މި މައްސަލައިގެ ނިކުތް މައްސަލައަކީ ދެ ވައްތަރެއްގެ ޒިނޭ، ކުށެއްގެ ގޮތުގައި އޮތުމެވެ. މިކަމަށް ހައްލެއް ގެނެވޭނީ އިސްލާމީ ޝަރީއާގައި އޮންނަ ހަމައިން ޒިނޭގެ ކުށް ސާބިތު ކުރެވޭ ގޮތަށް އެކަނި ކަނޑައަޅައިގެން ނޫންނަމަ، ތައުޒީރީ އަދަބު ދެވޭ ޒިނޭގެ ކުށް، އިތުރަށް ތަފްސީލުކޮށް ދެ ކުށުގެ ތަފާތުތައް ބަޔާންކޮށްގެންނެވެ.

މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ދައުލަތުން ކުރަމުންނެވެ. ސުޕްރީމް ކޯޓާ ހަމައިން މިކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދެން ވަރަށް ހެއްވާ.. ޑީއެންއޭ އަކީވެސް މާތް ރަސްކަލާންގެ ޢިންސާނުންނަށް ދެއްވި އިލްމުން ކުރެވޭ ކަމެއް. ކުރީގަ ޑީއެންއޭ ނުހެދޭތީނު ހުކުމްގަ އެހެން އެއޮންނަނީ.. ބައެއް ކުއްތަކުގަ ވީޑިއޯ ހެކިވެސް ބޭނުން ކުރޭ. ޑީއެންއޭވެސް ވާން ޖެހޭނީ ހަމަ އެކަހަލަ އެއްޗަކަށް. ކަލޭމެން ބޭނުންވީމަ ހުކުމްވެސް ބަދަލުކުރެވޭ. ކުޑަކުދިންނޭ ކިޔާފަ 17އަހަރު ވިޔަސް މަރުގެ އަދަބު ނުދެވޭ ގޮތަށްވެސް ނިންމާފިއެއްނު. ރޭޕް ކުރިޔަސް ކަލޭމެން ޖެހޭނެ ހަތަރު ފިރިހެނުން ހޯދަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: