ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީ ކާރިސާއަށް 16 އަހަރު: ބޮޑުކަމެއް ދިމާވެއްޖެނަމަ އަދިވެސް އެ އެއްބައިވަންތަކަމަށް ތަފާތެއް ނާދޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސުނާމީ ކާރިސާއަށް 16 އަހަރު ފުރިގެންދިޔައިރު، އެދުވަހުގެ ކަންކަން ކައިރިން ފެނުނު، ތަޖުރިބާ ކުރި މީހުންނަށް އެކަމަކީ އަދިވެސް އިއްޔެ ހިނގައިދިޔަ ފަދަ ކަމެކެވެ. އެއީ މިހާތަނަށް ރާއްޖެ ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 09:20 ހާއިރު ރާއްޖޭގެ ރަށްތަކަށް ބިންދާލި ބޮޑު، ބިޔަ ރާޅުތަކާއެކު ދިވެހިންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައެވެ.

ރެކްޓަރ މިންގަނޑުން 9.1 އާއި 9.3 ގެ ބާރުމިނުގައި އިންޑޮނޭޝިޔާގެ ސްމަޓްރާއަށް އައި ބިންހެލުމާއެކު އޭޝިޔާ ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިލާންޖެހުނު ސުނާމީ ކާރިސާގައި ޖުމްލަ 14 ގައުމަކުން 230،000 އާއި 280،000 ދެމެދުގެ އަދަދަކަށް މީހުން ވަނީ ނިޔާވެފައެވެ. މިއީ ދުނިޔޭގައި މިހާތަނަށް ރިކޯޑް ކުރެވުނު ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. އެންމެ ގިނަ އަދަދަކަށް މީހުން ގެއްލުނު ކާރިސާވެސްމެއެވެ. ރާއްޖެއިން އެކަނިވެސް ގެއްލުނު މީހުންނާއެކު 108 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ރިޒޯޓެއްްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިންވެސް ހިމެނެއެވެ.

ސުނާމީ ކާރިސާއާއެކު ރާއްޖޭގެ މުޅި އިގްތިސާދު އެފުށް މިފުށަށް ޖެހުނެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުތައް މުޅިން ފުނޑު ފުނޑުވިއެވެ. ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަމަށް ހީނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްވެ، ޖީޑީޕީ 60 އިންސައްތަ ދަށަށް ދިޔައެވެ. ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 460 މިލިއަން ޑޮލަރަށް އަރައެވެ.

އެދުވަހު ދިމާވި ކަންކަމުގެ މާބޮޑު ހަނދާނެއް ނެތެވެ. ސުނާމީގެ އަސަރު މާލެ ހިމެނޭ ގޮތުން ރާއްޖޭގެ އެތައް ރަށްތަކަށް ކުރިމަތިވިއިރު، އެއިން ކަމެއް ހަމަ ލޮލަށް ނުފެންނަ މަދު މީހުންގެ ތެރޭގައި އަޅުގަނޑު ވާނެއެވެ. ސުނާމީގެ އަސަރު މާލެއަށްވެސް ކޮންމެވެސް ވަަރަކަށް ކުރިއިރު، މާތް ﷲގެ ރަހްމަތްފުޅުން އެއިން އެއްވެސް ކަމެއްގެ އަސަރު އަޅުގަނޑު ހުރި ހިސާބަކަށް ނުކުރެއެވެ. އެއިން އެއްވެސް ކަމެއް ހަމަ ލޮލަށް ފެނިފައެއްވެސް ނެތެވެ. އެހެންނަމަވެސް، ހެނދުނުގެ އެވަގުތު ގޭތެރޭގައި އުޅުނު މީހުންގެ އިތުރުން، އަވަށްޓެރިންވެސް ފުދޭވަރަކަށް ހާސްވެ، ކަންބޮޑުވެގެން އުޅުނު ހަނދާން ހުރެއެވެ.

ދެން ހަނދާން ހުންނަނީ އެދުވަހާއި އެދުވަހުގެ ފަހުން ޓީވީއިން ފެނުނު މަންޒަރުތަކެވެ. އެތައް ބައެއްގެ އާއިލާ މީހުންނާއި ގާތް ތިމާގެ އެކުވެރިން ގެއްލި، ނިޔާވުމާއި، އުމުރު ދުވަހު ބުރަ މަަސައްކަތުން ބިނާކުރި ގެދޮރާއި ދިރިއުޅުން ވިއްސި ވިހާލިވެފައިވާ މަންޒަރުތަކެވެ. އެދުވަހު އެފަދަ މީހުން ކުރާނެ އިހުސާސު ބުނެދޭންވެސް ނޭންގޭނެއެވެ. 12000 މީހެއްގެ ގެދޮރު ގެއްލި 8000 މީހުންނަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކުގައި އުޅުނެވެ.

ވަގުތީ ހިޔާތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ތެރެއިން

ސުނާމީ އެރި ވަގުތަކީ ބިރުވެރި ވަގުތެކެވެ. ދިވެހިންނަކީ މޫދަށް ދޯޅަ، ކަނޑަށް ގަދަ ބަޔަކަށްވިޔަސް، އެދުވަހުގެ ރާޅުތަކުން ސަލާމަތްވާން މަސައްކަތްކުރަން ޖެހުން،  އެއްވެސް މީހަކަށް ފަސޭހައެއް ނުވިއެވެ. ސުނާމީގައި އެންމެ ބޮޑު ގެއްލުން ލިބުނު ރަށްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރ ކަނދޮޅުދޫ އާއި ތ ވިލުފުށްޓެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދު ކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ. ވިލުފުށީ މީހުން އަލުން އެރަށުގައި އާބާދުވުމާއި ހަމައަށް އުޅެފައިވަނީ ބުރުނީގައެވެ. ވިލުފުށީގައި އަލުން މީހުން އާބާދުކޮށްފައިވަނީ އެރަށުގެ ފަޅުން ބައެއް ހިއްކުމަށްފަހު އެރަށް އިހުނަށްވުރެ ބޮޑުކުރުމަށްފަހުއެވެ.

ސުނާމީ އަރާކަން އެނގުނު ވަގުތު، ގިނަ ބަޔަކު ދުރުގައިތިބި އެބައެއްގެ އާއިލާ މީހުންނަށް، ރައްޓެހިންނަށް ގުޅުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، އެވަގުތަކީ މުޅި ރާއްޖެއިން މުވާސަލާތީ ޚިދުމަތް ކެނޑުނު ވަގުތެކެވެ. މިކަމުގެ ސަބަބުން، ސަރުކާރަށްވެސް ރަށްތަކުގެ ހާލަތު ދެނެގަތުމަށް އުނދަގޫތަކަކާއި ކުރިމަތިވިއެވެ. ރާޅުގެ އަސަރު މައިތިރިވެ، ހަމައަކަށް އެޅި ޚަބަރުދަބަރު ލިބެން ފެށިއިރު އެދުވަހުގެ މެންދުރުވެއްޖެއެވެ. ބައެއް ރަށްތަކުގެ ހާލަތު އެނގޭނެގޮތް ވީއިރު ރޭގަނޑުވެއްޖެކަމަށް ލިބެންހުރި މައުލޫމާތުތަކުން އެނގެން ހުރެއެވެ.

ސުނާމީގެ އަސަރު ސީދާ ގޮތުން ނުކުރާ މީހުންނަށްވެސް، ނުސީދާ ގޮތުން އެދުވަހުގެ އަސަރު އެތައް ގޮތަކުން ވަނީ ކޮށްފައެވެ. އެދުވަހުގެ ހަނދާންތައް މިއަދު އާކުރަމުންދާއިރު، އެދުވަހު ދިވެހިން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކުގެ ނަމޫނާއަކީ ތާ އަބަދަށްމެ ދެކެވޭނެ ވާހަކަތަކެވެ. މިއަދު ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީވެސް އެސަބަބަށްޓަކައެވެ. ދިވެހިންގެ ތެރެއިން ޚިދުމަތުގައި ތިބި މީހުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންގެ އިތުރުން ވަކި ވަކި އާންމު ފަރުދުން ވަނީ އެދުވަހުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދީލަތި އެހީތައްވެ، ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މާލޭގައި ދިރިއުޅެމުންދިޔަ މީހުންގެ އިތުރުން، ސުނާމީގެ އަސަރު ނުކުރާ މީހުންގެ ފަރާތުން ދީލަތި އެހީތަކެއް ވަނީ އެދުވަހު ހާލުގައި ޖެހުނު މީހުންނަށް  ލިބިގެންގޮސްފައެވެ. ކާބޯތަކެތިން ފެށިގެން ގޮސް ލާ އަންނައުނާއި، ގޭތެރޭގެ ހިފާ ގެންގުޅޭ ސާމާނާއި ހަރު މުދާ، ހާލުގައި ޖެހިފައި ތިބި މީހުންނަށް ދިނީ، މިތަކެތި މިފޯރުކޮށްދެވެނީ ތިމާގެ އާއިލާ މީހަކަށްތޯ ނުވަތަ ދަންނަ މީހަކަށްތޯ ބެލުމެއް ނެތިއެވެ. ވީރާނާވެފައިވާ ދިރިއުޅުމާއި ގޯތި ގެދޮރު އަލުން ބިނާކުރުމަށް، އެކި ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޖެހިގެއިން ހުރި ގެއިން ތެލީގެ ފޫ ކަހާލާ އަޑަށް، އަވަށްޓެރިޔާ ބަތްކޮޅު ހިފައިގެން ދާ ވާހަކައަކީ ދިވެހިންގެ އެއްބައިވަންތަކަން ދޭހަކޮށްދިނުމަށް އެންމެ ބޮޑަށް ގެންގުޅޭ މިސާލެވެ. އެހެންނަމަވެސް، މިއަދު މި އެއްބައިވަންތަކަން އެބައޮތްތޯ މިއީ އުފެދޭ ސުވާލެކެވެ. ތިމާގެ އަމިއްލަ ނަފްސާއި ކޮށްލުން މުހިންމު ސުވާލެކެވެ. ސިޔާސީ ބައިބައިވުންތަކާއި، އާއިލާގެ މެދުގައި ޖެހޭ މައްސަލަތާކާއި ހުރެ މިއަދު، އޭރު އޮތް އެބައިވަންތަކަމާއި އަޚުވަންތަކަން އެބައޮތްތޯ ބައެއްފަހަރު ސުވާލު އުފެދެއެވެ.

މިސުވާލުތަކަށް ޖަވާބު ލިބިގެންދަނީ ބޮޑު ކަމެއް ނުވަތަ ހާދިސާއެއްވެސް ހިނގާ ދުވަސްތަކުގައެވެ. މިކަމުގެ ހެކި މިފަހަކަށް އައިސް އެންމެ ބޮޑަށް ފެނިގެންދަނީ އެކި ދުވަސް މަތިން ހިނގާ އަލިފާނުގެ ޙާދިސާތަކާއެކުގައެވެ. ކަމާއި ގުޅޭ އިދާރާތަކުގެ ބޭފުޅުންނަށް ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދެވުމުގެ ކުރިން، ސަރަހައްދުގައި އުޅޭ އާންމު ރައްޔިތުން، އެބަޔަކަށް ވީވަރެއް އެބަޔަކު ކޮށްދޭނެއެވެ. އަލިފާން ނިވުމުގެ އިތުރުން، މީހުންގެ އަގުބޮޑެތި ހަރުމުދާ އެސަރަހައްދުން ދުރަށް ގެންދިޔުމުގެ މަސައްކަތުގައި އުޅޭއިރު، މިއީ ތިމާގެ އަމިއްލަ ތަކެތި ރައްކާތެރިކުރުމަށް ކުރާ މަސައްކަތެކޭ ހީވާނެއެވެ.

އަދިވެސް އިތުރު މިސާލެކެވެ. ދިވެގި ގައުމީ ފުޓުބޯޅަ ޓީމު މުބާރާތެއްގައި ބައިވެރިވެ ކުޅޭނަމަ، އެއެއްބައިވަންތަކަން އަދިވެސް ފެނެއެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފަހަރަކީވެސް ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދިން ފަހަރެކެވެ.

އަދިވެސް ދިވެހިންގެ އެއްބައިވަންތަކަން އެބައޮތެވެ. އެކަން ފެނިގެންދަނީ މިބުނާފަދަ ބޮޑެތި ކަންކަމާއި ކުރިމަތިވުމުންނެވެ. ދިވެހިންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ލޯބިކުރާ ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: