ތަފާތު އެކި މައްސަލަތަކުގައި އެއްވެސް ހުކުމެއް ނެތި، ޝަރީއަތް ނިމެންދެން ބަނދުގައި ތިބި މީހުންގެ ބަންދުގެ ރިވިއު ކުރިޔަށް ގެންދެވޭނެ ވަސީލަތައް ހަމަޖައްސަން ޖެހެނީ ކޯޓުން ކަމަށާއި، ރިވިއުކުރުމުގެ އެކަށީގެންވާ ވަސީލަތްތައް ކޯޓުތަކުގައި ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ކުށެއްގެ ތުހުމަތުގެ ބަންދުގައި ހުރި އެ މީހާގެ ބަންދު ރިވިއު ނުކުރުމުން ދެން ވާނެ ގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ނެތެވެ. އަދި ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ޤާނޫނީ ވަކީލު މަހުފޫޒް ސައީދު ވެސް ވަނީ އެ ނުކުތާ ނަންގަވާފައެވެ.
ބަންދު ރިވިއުނުކުރި ހަތަރު މައްސަލައެއް ހައިކޯޓަށް ހުށަހަޅައިގެން، އެ މަރުހަލާ ކުރިޔަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ތިން މައްލައިގައި ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެކަމަށް ނިންމިއިރު އަނެއް މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ އެ ހާލަތުގައި އެ ބަންދެއް ޤާނޫނާއި ހިލާފުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ދޫކުރަން ނުޖެހޭނެ ކަމަށް ނިންމި ތިން މީހުންގެ މައްސަލައެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިއަދުއެވެ. އަދި ފަނޑިޔާރުންގެ ސުވާލުތައް ވެސް އަމާޒުވިއެވެ.
ވާނުވާގެ މައްސަލަތަކާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ކޮންމެ މީހަކާއި ގުޅޭ ވަކިވަކި މައްސަލަ ރިވިއުކުރުމަށް ކޯޓަށް ސިޓީ ހުށަހަޅާ ބަންދު ރިވިއުކުރުމަށް އެދިފައިވާނެ ކަމަށެވެ.
ދައުލަތުގެ ވާހަކަތަށް ފަހު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ސުވާލު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ވ އިތުރު ކުރުމަށް ނިންމީ ކޮން ކަމެއް ހައްލު ކުރަންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، އެ ގޮތަށް މާއްދާ އިތުރުކުރުމަށް ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސް ސްޕީޑެއްގައި ކުރިޔަށް ގެންދިއުމަށާއި، އެ މީހުން ބަންދުގައި ތިބެންޖެހެނީ ޝަރީއަތުން ވަކި ގޮތެއް ކަނޑަނޭޅިވާތީ މައްސަލަތައް ދިގުލައިގެން ދިއުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.
މައްސަލަ އިސްތިއުނާފު ކުރިފަރާތާއި ސުވާލު ތަކުރާރުކުރުމުން، މަހުފޫޒް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް (ވ) އިތުރު ކުރަން ޖެހުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ މައްސަލަތައް ދިގުލައިގެން ގޮސް، މައްސަލައިގެ ހާލަތު ތުހުމަތު ކުރެވޭ މީހާއަށް ސާފުނުވެ، އެކަމުގެ ތެރޭގައި އުޅެންޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.
ފުރަތަމަ ބަންޑާރަނައިބުގެ ސިޔާސަތުގައ ބަންދުކޮށްފައިވާ ކޮންމެ މީހެއްގެ، ބަންދު ކޮންމެ 30 ދުވަހަކު މުރާޖައާކުރަން ޖެހޭހެނެ ކަމަށް ކަނޑައެޅި ކަމަށާއި، އެކަން ކުރަމުން ގެންދިޔަ ގޮތަކީ ޕީޖީ އޮފީހުން އަމިއްލައިން ގޮތް ކަނޑައެޅުން ކަމަށް މަހުފޫޒް ވިދާޅުވިއެވެ. އެހެން ނަމަވެސް، ކޯޓާއި ބަންދުގައި ހުންނަ މީހާއަށް އެކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.
”އަޅުގަނޑު ކުރިން ވެސް ދަންނަވައިފިން ޝަރީއަތް ނިމެންދެން ކުރާ އަމުރުގެ ތަބީއަތަކީ ވަގުތީ އަމުރެކޭ. އޭގެ ވަގުތީކަން ކަށަވަރުރުމުގެ ގޮތުން 60 ވަނަ މާއްދާގައި (ވ) ހިމަނާފައި މިއޮތީ“ މަހުފޫޒް
ފަނޑިޔާރު ސުއޫދު ދެން ސުވާލު ކުރެއްވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 300 އެއްހާ މީހުންގެ ބަންދު ރިވިއު ކުރެވޭނެ ކެޕޭސިޓީއާއި ވަސީލަތްތައް ދައުލަތުގެ ހުރިތޯ އެވެ. ރައްދުގައި ދައުލަތުން ބުނެފައިވަނީ އެ ވަސީލަތްތަކާއި، އިންތިޒާމު ހަމަޖެއްސުމުގެ ވަސީލަތްތައް ޕީޖީގެ އެބަހުރި ކަމަށެވެ. އަދި ދެން ހުރި އިންތިޒާމުތައް ކުރިޔަށް ގެންދަން ޖެހެނީ ކޯޓުން ކަމަށް ވުމުން، އެ މައްސަލަތައް ވަކި ވަކިން ވަގުތު ދޭން ޖެހެނީ ކޯޓުން ކަމަށެވެ.
ދައުލަތުން ސީދާ ސާފު ޖަވާބެއް ދީފައިނުވާތީ، ފަނޑިޔާރު ސުއޫދު ވިދާޅުވީ ކޯޓުތަކުގެ އެ ކެޕޭސިޓީ ހުރިކަމަށް ވާނަމަ އެ ޖަވާބު ދައުލަތަށް ދެވެން ވާނެ ކަމަށެވެ. އެއާއި އެކު ދައުލަތުން ބުނީ، އެ ވަސީލަތްތައް ކޯޓުތަކުގައި ނެތް ކަމަށެވެ.
ދައުލަތުން ބުނެފައިވަނީ ވާނުވާ ރިވުއު ނުކުރުމުން ދެން ނިކުންނާނެ ނަތީޖާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތް ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެހެންވެ، ބަންދު އަމުރު ނުކުރިޔަސް، ކޯޓު އަމުރު ބާތިލް ކުރުމާ ހަމައަށް ބަންދު ދެމިގެންދާނެކަން ދައުލަތުން ފާހަގަކުރިއެވެ.
ދައުލަތުގެ ވާހަކަތައް ހިތްހަމަނުޖެހިވަޑައިގެން، ފަނޑިޔާރު ވަނީ ދައުލަތުން އެގޮތަށް ދެކޭނަމަ، ގާނޫނަށް އަކުރެއް އިތުރު ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ވާނުވާ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭ ނަމަ ބަންދު ރިވިއުކުރަން ލާޒިކޮށްފައި އޮތް އޮތުމުގެ ބޭނުން ކެނޑުނީ ނޫންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. އަދި 60 ވަނަ މާއްދާއަށް އިތުރު ކުރި (ވ) އެއީ ނެތް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ބަލަންވީތޯ ވެސް އެއްސެވި އެވެ.
ރައްދުގައި ދައުލަތުން ބުނެފައިވަނީ، ގާނޫނުގެ އެ މާއްދާގެ ބޭނުން ކެނޑިގެން ނުދާނެ ކަމަށެވެ. އަދި ބަންދު ރިވިއު ނުކުރެވި، ކުށްތަކުގައި ތުހުމަތުވާ މީހުން ދޫކޮށްފިނަމަ އޭގެ ސަބަބުން މުޖްތަމައުއަށް ނުރައްކާތެރި ބަޔަކު ވެސް ދޫވެގެން ހިނގައިދާނެ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ އެއަށް އަމަލު ނުކުރެވޭނަމަ، ޒިންދާ ނަގަންޖެހޭ ބަޔަކު ޒިންމާދާރު ކުރުވަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ގާނޫނުގައި ވެސް ވަކި ނަތީޖާއެއް އޭގެ ސަބަބުން ނިކުންނާނެ ކަމަށް ބުނެފައި ނެތްކަން ދައުލަތުން ވެސް ތަކުރާރު ކުރިއެވެ.
ދައުލަތުގެ ވާހަކަތައް ހިތްހަމަނުޖެހި މަހުފޫޒް ވިދާޅުވީ، ޖާގައިގެ ދަތިކަމުގެ ވާހަކަތަކާއި، އަދި ވަސީލަތް ނެތްކަމަށް ބުނެ ދައްކާވާހަކަތަކަކީ މަސައްކަތް ނުކުރަން ދައްކާ ބަހަނާތަކެއް ކަމަށެވެ. އަދި ބަންދު ރިވިއު ކުރުމުގެ ކެޕޭސިޓީ ކޯޓުތަކުގެ ނެތް ކަމަށް، ބުނެވޭނެ ޖާގައެއް ނެތްކަމަށް މަހުފޫޒް ވިދާޅުވިއެވެ. މިއީ ދައުލަތުން ގެންގުޅޭ ވަރިހަމަ އުސޫލެއް ކަމަށާއި، ވާނުވާ ރިވިއު ކުރުމުގެ މައްސަލާގައި ހައި ކޯޓުން ތިން މައްސަލައެއް ދައުލަތާ އެއްކޮޅަށް ނިންމާ، ދެން އޮތް މައްސަލާގައި ދައުލަތާ ދެކޮޅަށް ނިންމާފައި އޮތަސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ނުކުރާނެ ކަމަށް މަހުފޫޒް ވިދާޅުވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދައުލަތުން ގަބޫލު ނުކުރާ އުސޫލަކަށް ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުން، އެޅި އެއްވެސް ފިޔަވަޅެއް ނެތުމުން ކަމަށް މަހުފޫޒް ވަނީ ވިދާޅުވެފައެވެ.
އެއްވެސް ހުކުމަކާއި ނުލާ، ޖަލުގައި އެތައް ބަޔަކު ތިބިއިރު އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރަން ދައުލަތުން ކުރާ އެއްވެސް ސައްކަތެއް ނެތް ކަމަށާއި، ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނުގައި ލިޔެވިފައިވާ މާއްދާތައް ވެސް ކޯޓުތަކުން އެ ހައްގު ހަނިވާގޮތަށް މާއްދާތައް މާނަ ކުރަމުންް ދާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ. މަހުފޫޒް ވިދާޅުވީ ދައުލަތުންނާއި، ކޯޓުތަކުން ދެކޭ ގޮތުން މައްސަލައެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހެއް އެއީ ކުށްވެރިއެކެވެ.
ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ އެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ. އަދި ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައެވެ. މިއަދުގެ ޝަރީއަތް ނިންމާލާފައިވަނީ އަންނަ އަންގާރަ ދުވަހަށް މައްސަލައިގެ އަޑުއެހުން ތާވަލު ކުރުމަށްފަހު އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.

