ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ކުއްލި ނުރައްކާ އުވާނުލެވޭނަމަ، ގާނޫނު އިސްލާހުކޮށްދެއްވާ: އީސީ ހަބީބު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، މިހާރު އަމަލު ކުރަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލެވޭނަމަ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ރާއްޖޭގައި ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އިންތިހާބާއި ގުޅޭގޮތުން ބުނެފައިވަނީ، މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާހާ ހިނދަކު އިންތިހާބު ބޭއްވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވިއެވެ.

“ސަންގު” އާއި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކޮމިޝަންގެ ފަރާތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ބައްދަލު ކުރި ކަމަށެވެ. އެހެން ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ހާލަތެއް އަދި ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ، އިންތިހާބު ފަސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނެއްގެ ދަށުންނެވެ. މަޖިލީހުން ފާސްކުރި ގާނޫނުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން، އެންމެ ލަސްވެގެން ވެސް އިންތިހާބު ބާއްވަންޖެހޭ ތާރީހަކީ މޭއި މަހުގެ ތެރޭގައެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމާއި މެދު އެޗްޕީއޭ އާއި ކަމާއި ބެހޭ އިދާރާތްތަކުގެ ބަހެއް އަދިވެސް ނުލިބޭ ކަމަށާއި، ޖެނުއަރީ މަހުގެ ފަހުން އިންތިހާބު ބޭއްވޭނެކަމަށް އެންގިޔަސް އެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތެއް އީސީގެ ނެތް ކަމަށެވެ. އަދި ބަޖެޓުގައި ވެސް ދަތިތަކެއް ހުރި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބާއި މެދު ބަހުސްތަކެއް ކުރެވެމުން އަންނައިރު އެކަމާއި ގުޅޭގޮތުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުގެ އާ ސްޓްރެއިންއެއް ފެނިފައިވާއިރު ހާއްސަ ފިޔަވަޅުތަކެއް އެޅުން މިވަގުތަށް މުހިންމު ކަމަށެވެ. އަދި ބަލީގެ ވެކްސިން ނުލިބެނީސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ ބަލިކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އާއި، އަދި އިތުރު ފިޔަވަޅުތައް ވެސް އެޅުމުގައި ގާނޫނީ ހުރަސްތަކެއް އަންނާނެ ކަމަށެވެ.

ޑރ. ނަޒްލާގެ ވާހަކަތަކަށް ރައްދުދެއްވައި އީސީގެ މެމްބަރު ހަބީބު ވިދާޅުވީ، އިންތިހާބު ފަސްކުރަން މަޖިލީސް ފާސްކުރި ގާނޫނަށް އިސްލާހު ގެނައުމަށް އެދޭ ކަމަށެވެ.

“އެހެންވީމާ، ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ގާނޫނު ނަންބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހުކޮށްދެއްވުން އެދެން،” ހަބީބު

ކައުންސިލް އިންތިހާބު ނުބޭއްވި ދުވަސްތަކެއް ވަމުންދާއިރު، ޕާޓީތަކުގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ ގިނަ މީހުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި އެ މައްސަލައިގައި ކަންބޮޑުވުންތަކެއް އޮތް އިރު އަމިއްލަ ފަރާތަކުން ވަނީ، އިންތިހާބުގައި ވާދަކުރަން އަލުން ހުޅުވާލަން ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: