އެޑިޔުކޭޝަން މިނިސްޓްރީން 2017 ވަނަ އަހަރުގެ ނިޔަލަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލުތައް ނުދައްކާ، މާލީ ބަޔާނުގައި ނުދައްކާ ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވަނީ 1.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓުން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓުން ފައިސާގެ ގިނަ އިހުމާލުތަކެއް ފެންނާން ހުއްޓެވެ. އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 100 މިލިއަން ރުފިޔާގެ ބިލްތަކަށް މިނިސްޓްރީ އާއި، މިނިސްޓްރީގެ ދަށުން ހިންގަމުން ދާ މުވައްސަސާތަކުން ނުދައްކާ އެބަހުރި ކަމަށެވެ. ނަމަވެސް އަހަރުގެ މާލީ ބަޔާނުގައި ނުދައްކާ ހުރި ފައިސާގެ ގޮތުގައި މިނިސްޓްރީއިން ހިމަނާފައިވަނީ 1.7 މިލިއަން ރުފިޔާކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 11.03 މާއްދާގެ (ބ) ގައި ވާ ގޮތުން ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ މުދަލެއްގެ އިންވެންޓްރީ ކޯޑު ނަންބަރާއި، މުދަލުގެ ފުރިހަމަ ނަމާއި، ތަފްސީލު މައުލޫމާތު އަދި މުދަލާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއް ވަކިވަކިން އެނގެން ހުންނަންވާނެއެވެ. މިނިސްޓްރީއިން އެ ތަފްސީލުތައް ބަލަހައްޓާފައި ނުވާއިރު، ރެޖިސްޓްރީކޮށްފައިވާ ހަރުމުދާތައް ހަމައަށް ހުރިތޯ ޔަގީންކޮށްފައި ނެތެވެ. އަދި ބައެއް މުދާތަކުގައި އިންވެންޓްރީ ކޯޑު ޖަހާފައި ނުވުމާއި، ހަރުމުދަލުގެ ރަޖިސްޓްރީ އަދާހަމަކޮށްފައި ނުވުމުގެ އިތުރުން ނީލަން ކިޔާފައިވާ މުދާތަކުގެ ރިކޯޑު ބަލަހައްޓާފައި ނެތެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއިން އަހަރު ނިމުނުއިރު، މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ 1.5 ބިލިއަން ރުފިޔާގެ ސައްހަކަން ކަށަވަރު ކުރެވިފައި ނެތް ކަމަށެވެ.
އޮޑިޓުގައި ބުނެފައިވަނީ ބައެއް އިދާރާތްތަކަށް ލިބޭ ފައިސާ އަދި ތިޖޫރީގައި ބަހައްޓާ ފައިސާގެ ރެކޯޑުތައް ދައުލަތުގެ މާލިއްޔަތު ގަވައިދާއި އެއްގޮތަށް، އެކަށީގެންވާ ފުރިހަމަ ގޮތެއްގައި ބަލަހައްޓާފައި ނެތް ކަމަށެވެ. އަދި އޭގެ ސަބަބުން އަހަރު ނިމުނުއިރު ލިބުނު ފައިސާގެ ގޮތުގައި މިނިސްޓްރީއިން މާލީ ބަޔާނުގައި ހިމަނާފައިވާ 266 މިލިއަން ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރު ނުކުރެވޭކަމަށް އޮޑިޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އޮޑިޓުގައި ބުނެފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީއިން ކޮންސޮލިޑޭޓުކޮށްފައިވާ “ފާސް ކުރެވުނު ބެޖެޓާއި އެ ބަހެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާން” ގައި ބަޖެޓާއި ގުޅޭގޮތުން ހިމަނާފައިވާ އަދަދާއި ޕަބްލިކް އެކައުންޓިން ސިސްޓަމުން ދައްކާ އަދަދާއި ދެމެދު 23 މިލިއަން ރުފިޔާގެ ބޮޑު ފަހަރެއް ހުރި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އެކަށީގެންވާ ޕްލޭނެއް ނެތި، ރާއްޖޭގެ ބައެއް ރަށްތަކުގެ ސްކޫލުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ޅ. ނައިފަރު ސްކޫލުގައި 10 ކްލާސްރޫމާއި، ސްޓާފް ރޫމަކާއި އަދި އޭވީ ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތާއި އަދި ލ. މާވަށު ސްކޫލުގައި 05 ކްލާސްރޫމާއި އަދި މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތްތައް ހަވާލު ކުރި ކުންފުނިތަކުން މަސައްކަތްތައް އެކީ ނިންމާލާފައި ނުވުމުގެ ސަބަބުން ލިބުނު ގެއްލުން 13 މިލިއަން ރުފިޔާއަށް އަރައެވެ.
އޮޑިޓުގައި ވަނީ އެޑިކޭޝަނުން ދައުލަތުގެ މާލިއްޔަތު ގަވައިދާއި ހިލާފަށް ހިންގާފައިވާ އެތައް މުއާމަލާތްތަކެއްގެ ތަފްސީލް ހިމަނާފައެވެ.
One Response
ޔަގީން އަންނި އާ އިއްޒައްތެރި ގަޓު ޔާންޓެ ގެ އަތެއް ވާނެ މިކަމުގަ