ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއެކު މުއްސަނދިންވީ މުއްސަނދި، ނިކަމެތިންވީ އިތުރަށް ނިކަމެތި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ބަލިމަޑުކަމާއެކު ގިނަ ބަޔަކަށް އެތައް ގޮތަކުން ގެއްލުންތަކެއް ވެގެންދިޔައެވެ. ނަފްސާނީގޮތުންނާއި، މާލީގޮތުން އެތައް ބަޔަކު ބިކަވެގެންދިޔައިރު، އެކަންކަމުން އަރައިގަތުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ފަރުދީ ގޮތުންނާއި ވަކިވަކި ދައުލަތްތަކުން އަދި އެކި ގައުމުތައް ގުޅިގެން އަންނައިރު، މި ރޯގާގެ ކޮޅު މަތި ފެންނާކަށް ނެތެވެ. އިގްތިސާދުތައް މަޑުޖެހި، ފުދުންތެރިންނާއި ނިކަމެތީންނަށް އުފުލަންޖެހޭ ބުރަ ދުވަހުންދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ބަލިމަޑުމަކާއެކު އިގްތިސާދީ ހަރަކާތްތަކަށް މަޑުޖެހުމެއް އައުމާއި ގުޅިގެން، ޖުމްލަކޮށް ވަކިވަކި ފަރުދުންގެ އިގްތިސާދަށްވެސް ލޮޅުންތަކެއް އައެވެ. މީގެ ތެރޭގައި މަހުޖަނުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންނާއި، މެދުފަންތީގެ އަދި ނިކަމެތިންގެ ގޮތުގައި ފާހަގަކުރެވޭ މީހުންވެސް ހިމެނެއެވެ. ޖުމްލަކޮށް އެންމެންގެ އާމްދަނީއަށާއި ދިރިއުޅުމުގެ ހާލަތަށް ހީނަރުކަމެއް އައިނަމަވެސް، އިގްތިސާދީގޮތުން އައިސްފައިވާ ލޮޅުންތަކުން އަރައިގަތުމުގައި ބޮޑަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނީ ނިކަމެތިންނަށެވެ.

ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި 1000 މީހުން ވަނީ އެމީހުންނަށް ލިބުނު އާމްދަނީގެ ގެއްލުމުގެ ބަދަލު ނުވަ މަސްދުވަހުގެ ތެރޭގައި ހޯދާފައެވެ. އެހެންނަމަވެސް، ނިކަމެތިންނަށް ލިބުނު ގެއްލުމުގެ ބަދަލު ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައިވެސް ނުލިބޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އާމްދަނީގެ ފަރަގުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް މުޅި ދުނިޔޭގައިވެސް އިތުރުވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

މިފަރަގު އިތުރުވެގެންދިޔުމުގެ ސަބަބުން، ކޮވިޑްގެެ ކުރިން ތިބި ހާލަތަށް ނިކަމެތިން އަނބުރާ ރުޖޫއަވުމަށް، 14 ގުނަ އިތުރަށް އުނދަގޫވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ބަދަލުގައި މުއްސަނދިންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންނަށް، އެމީހުންގެ އާންމު ހާލަތަށް ދިޔުމަށް އިތުރު ލުއިފަސޭހައަކަށް ވާނެކަމަށް ދިރާސާއިން ދައްކައެވެ.

މީގެ އިތުރަށް، ދިރާސާގައިވަނީ މުއްސަނދިންނަށް ދިމާވި އިގްތިސާދީ އަޑިގުޑަންތައް މިހާރު ނިމުމަކަށް އައިސްފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މިޕެންޑަމިކާއި ގުޅިގެން ދިމާވި ވަޒީފާ ނެތް މީހުން އަދަދަށް ބަލައިލާއިރު، މިއީ ފާއިތުވި 90 އަހަރުގެ ތެރޭގައިވެސް ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު “ޖޮބް ކްރައިސިސް” ކަމަށް ދިރާސާއިން ދައްކައެވެ.

“އިންއީކުއެލިޓީ” ނުވަތަ މުއްސަނދިންނާއި ނިކަމެތިންގެ މެދުގައި އޮތް ފަރަގު އިހުނަށްވުރެ ބޮޑުވުމުގެ ސަބަބުން ވަކި ބައެއްގެ ފުރާނައަށްވެސް އިތުރަށް ނުރައްކާވަމުންދާކަމަށް ދިރާސާއިން ދައްކައެވެ. އެގޮތުން، އެކި އިންފެކްޝަންތަކަށާއި މަރަށް ހުށައެޅުމުގެ ނިސްބަތްވެސް ފަގީރު ހިސާބުތަކުގައި އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަތީ މަގާމްތަކުގައި ނުވަތަ ބޮޑު މުސާރަ ލިބޭ މީހުން ގެތަކުގައި ތިބެގެން މަސައްކަތްކުރެވޭއިރު، ނިކަމެތިން ނުވަތަ ކުޑަ އުޖޫރަ ލިބޭ މީހުން މަސައްކަތުގެ މާހައުލަށް ނުކުމެ ބައްޔަށް ހުށައެޅިގެން ތިބެ މަސައްކަތްކުރަން ޖެހުމެވެ.

އޭގެ އިތުރުން، މުއްސަނދިންނާއި ނިކަމެތިންނާއި ދެމެދު އޮތް ފަރަގު އިތުރުވެގެންދިޔުމަކީ ކޮވިޑް ބަލި ފަތުރާ ވައިރަހަށް ވުރެވެސް ނުރައްކާތެެރި ކަމެކެވެ. އެގޮތުން މުއްސަނދިންނަށް ނުވަތަ ބޮޑު މުސާރަ ލިބޭ މީހުން ގެތަކުގައި ތިބެގެން، އަރާމު ދިރިއުޅުމެއް އުޅެމުންދާއިރު، މަސައްކަތުގެ މާހައުލަށް ނުކުމެ މަސައްކަތް ކުރާ މީހުންނަށް ބިލުތައް ދެއްކުމަށްފަހު، ގޭގެ ކެއިންބުއިމުގެ ޚަރަދު ނުބެލެހެއްޓޭކަން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނާއި، ފިހާރަތަކާއި މާރުކޭޓުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ.

މިއީ ރާއްޖެވެސް ހިމެނޭގޮތުން، ޖުމްލަކޮށް މުޅި ދުނިޔޭގެ ހާލަތެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން މެދުކެނޑުމެއްނެތި އެމަސައްކަތްކުރާތާ އަހަރަކާއި ގާތްވަމުންދާއިރު، ސިއްހީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުންނާއި ދަށްފަންތީގެ ވަޒީފާގެ ގޮތުގައި ބެލެވޭ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންގެ ހާލަތާއި މެދު ހަގީގަތުގައި ސަރުކާރުންވެސް، އެމީހުންގެ ވެރިން ވިސްނާ ކަމަކަށް ނުބެލެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން އެމީހުންގެ އާއިލާ އާއި އަނބިދަރިން ލޮލަށް ނުފެނި މަސައްކަތްކުރާތާ ގާތްގަނޑަކަށް އަހަރަކާއި ގާތްކުރަނީއެވެ. ނަފްސާނީ ގޮތުން ދިމާވެދާނެ ނުވަތަ އާއިލީ ގޮތުންނާއި އިޖްތިމާއީ ގޮތުން ފެންމަތިވާ މައްސަލަތަކަށް ފަރުވާލެއް ނެތެވެ. ރިޒޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމިއްލަ ރަށްރަށަށް ދިޔުން މަނާވެފައި އޮތްއިރު، ބޭރު ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސް ހިންގާ ރަށްތަކަށް އެރެއެވެ. ބައެއް ރިޒޯޓުތަކުގައި ފަތުރުވެރިން މާސްކް އެޅުމަށް މަޖުބޫރުކަމެއްވެސް ނެތެވެ. މިއީ ރާއްޖޭގައިވެސް ވަކި ބަޔަކާއި މެދު ވަކި ގޮތަކަށް އަމަލުކުރަމުންދާކަމުގެ ކުޑަ މިންވަރެކެވެ.

މިއީ މުއްސަނދިންނާއި ނިކަމެތިންގެ މެދުގައި އޮތް ފަރަގު ނައްތާލުމަށް ދައުލަތުން މަސައްކަތް ކުރަންވީ ވަގުތެވެ. އެހެންނަމަވެސް، ރާއްޖޭގެވެސް އަދި މުޅި ދުުނިޔޭގައިވެސް ކަންކަން ވަމުންދަނީ މިއަދު އޭގެ ދިމާ އިދިކޮޅަށެވެ. ކޮވިޑާއެކު މުއްސަނދިންވީ އިތުރަށް މުއްސަންޖެވެ. ނިކަމެތިންވީ އިތުރަށް ނިކަމެއްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: