ކައުންސިލްތަކަކަށް ހަރަކާތްތެރި ނުވެވޭނެހެން ކުރީގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހުތައް އުވާލައި، އިތުރު ބާރުތަކެއް ގެނެސްދިނީ އެމްޑީޕީން ކަމަށް ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ރަސްމީކޮށް ފެށުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް ވޯޓު ނުދީ ތިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ކަމަށާއި އެމްޑީޕީގެ އަމާޒަކީ ސިޔާސީ ވާދަވެރިން ބޮޑ ބައްޔަކުން ތިން ވަނަ ފަހަރަށް ވެސް ބަލި ކުރުން ކަމަށެވެ.
2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީ އާއި އެކު، އޭގެ ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. 65 ގޮނޑިއާއި އެކު އެމްޑީޕީން ހޯދި ކަމިޔާބަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ރާއްޖޭގައި މަޖިލީހުގެ އިންތިހާބެއްގައި އެންމެ ގިނަ ގޮނޑި ހޯދި ފަހަރެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކައުންސިލް އިންތިހާބު 70 އިންސައްތައިން ކަމިޔާބު ކުރުން ކަމަށެވެ.
ރާއްޖޭގެ ބޮޑެތި އާބާދީތައް އޮތް އަތޮޅުތަކާއި، ސިޓީތަކުން އިންތިހާބު ކާމިޔާބުކޮށް، އެމްޑީޕީން ކުރި ހޯދާނެކަމާއި މެދު އެއްވެސް ޝައްކެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އާއި، ކުޅުދުއްފުށި އަދި ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
”މާލޭގެ ގޮނޑިތައް، އައްޑޫގެ ގޮނޑިތައް، ކުޅުދުއްފުށީގެ ގޮނޑިތައް، ފުވައްމުލަކުގެ ގޮނޑިތައް، ތިނަދޫގެ ގޮނޑިތައް، ނައިފަރު، ހިންނަވަރުގެ ގޮނޑިތައް، ދުވާފަރު ގޮނޑިތައް، މިއިން މީހުން ގިނަ ކަމަށް ބުނާ 27 ރަށެއް އޮވޭ، މިއިން އެންމެ ރަށަކުން ވެސް މެޖޯރިޓީ ނުލިބި ދާނެ ކަމަށް ގަބޫލެއް ނުކުރަން،“ ރައީސް ނަޝީދު
ކައުންސިލް އިންތިހާބަށް އެމްޑީޕީން ހުށަހެޅި ”ޖަޒީރާ ރާއްޖެ“ މެނިފެސްޓޯ އާއި އެކު، ރައްޖޭގެ ކުދި އާބާދީތަކަށް ކުރިއެރުން އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެފަދަ ރަށްތަކަށް ދީފައިވާ ސަމާލުކަން އިތުރު އެއްވެސް ސަރުކާރަކަށް ދެވިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީއިން ހުށަހަޅާ ”ޖަޒީރާ ރާއްޖެ މެނިފެސްޓޯ“ ގައި ހިމެނޭ ކަންކަމަކީ ރާއްޖޭގެ ކުދި އާބާދީތަކުން ވެސް ބަލައިގަންނަ މެނިފެސްޓޯއެއް ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން ހިންގާފައިވާ ކަންކަމާއި ކުރީގެ އެއްވެސް ސަރުކާރަކަށް ގާތް ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
”މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީ، އެންމެ ދިވެއްސަކު ވެސް ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،“ ރައީސް ނަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އޭރު އޮތީ ބިކަވެފައި އޮތް ކައުންސިލެއް ކަމަށެވެ. އަދި ހުރިހާ ބާރެއް ކައުންސިލްތަކުން ނަގާ، އެތައް ގޮންޖެހުންތަކެއް ކުރިމަތި ކުރުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް ވުޖޫދުކޮށް، ކައުންސިލްތައް ބާރުވެރިކުރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ހަރަކާތްތެރި ނުވެވޭނެހެން ގާނޫނަށް ގެނައި އިސްލާހުތައް އުވާލައި، އިތުރު ބާރުތަކެއް ގެނެސްދިނީ އެމްޑީޕީން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ފެށުނީއްސުރެ އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތައް ބާރުވެރިކޮށް ގައުމުގެ ކުރިމަގު ބައްޓަން ކުރުން ކަމަށެވެ. އެމަނކުފާނު ވިދާޅުވީ މި ސަރުކާރު އުފެދުމުގެ އެންމެ ބޮޑު އެއް ބޭނުނަކީ ވެސް އެއީ ކަމަށެވެ.
ގާނޫނަށް ގެނައި ބަަދަލުތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ އިސްލާހެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވީ، ކައުންސިލްތަކުގެ 33 އންސައްތަ އަންހެނުނަށް ހާއްސަ ކުރުމެވެ.
ސަރުކަރުން ދިވެހި ރައްޔިތުންނަށްޓަކާ ކުރަމުންދާ މަސައްކަތާއި އެކު، ކުރިޔަށް މި ދެވެނީ ރައްޔިތުން އެދޭ ”އާ ފަތިހަކަށްކަން“ ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ސްޕޯކްސްޕާސަންއަކަށް ހަމަޖައްސާފައި ވަނީ މާލޭ ސިޓީ ކައުންސިލަށް، އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާ މުހައްމަދު ސައިފެވެ.
އީސީން ވަނީ އަންނަ އޭޕްރިލް މަހުގެ 10 އެއްގައި އިންތިހާބު ބާއްވާނެކަމަށް އިއުލާނުކޮށްފަ އެވެ.

