ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއި އެކީ ކުރާ ވެރިކަމެއް ކަމަށާއި، އެމްޑީޕީން ގެންނަން މަސައްކަތް ކުރަމުންދަނީ އެނިޒާމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ”ރަށްވެހި ފަތިސް“ ކެމްޕޭން އަލުން ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި މިނިޒާމު ގެނައުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ނިޒާމު މިހާތަނަށް އައުމަށް އައި ލަސްވުމަކީ އެކަމާ ދެކޮޅު ބަޔަކު އަދި އެކަމަށް ހިތްނޭދޭ ކަމެއް ކުރުމަން ޖެހުމުން ވެފައިވާ ލަސްވުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
”މީގެ ކުރިނަ ހިނގަމުންދަނީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަމެއް. ނަމަވެސް މިހާރު ހިނގަމުން މިދާ ވެރިކަމުގެ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީގައި ކުރާ ވެރިކަމެއް. މި ނިޒާމު ލާހިކުވެ ފައްކާވުމަށްޓަކާ އެންމެ ފުރަތަމަ މިކަމަށް ރުހި ގަބޫލުވެ ދަސްވާންޖެހޭ.“ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގުޅިފަިއވަނީ ލާމަރުކަޒީ އުސޫލުން ރައްޔިތުންނާއި އެކީގައި ކުރާ ވެރިކަމެއްގެ ތެރެއިން ކަމަށްވާއިރު އެމްޑީޕީން ވެރިކަމާއި ހަވާލުވުމަށްފަހުވެސް މިނިޒާމުގެ ތެރެއިން ދައުލަތް ހިންގުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

