ލޯކަލް ކައުންސިލް  އިންތިހާބުގައި އެމްޑީޕީ ބޮޑު ތަނުން ބަލި ކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އަދުރޭ އެގޮތަށް ވިދާޅުވީ، އެމްޑީޕީން ހަތަރު ސިޓީގެ މޭޔަރު ކަމުގެ އިތުރުން 1،000 ގޮނޑި އަންނަ ލޯކަލް ކައުންސިލް އިންތިހާުގައި ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ނަޝީދަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަކީ ބިރު ދެއްކުމުގެ ގޮތުންނާއި އިދިކޮޅު މެންބަރުން މާޔޫސްކޮށްލުމުގެ ގޮތުން ދައްްކާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިންތިހާބުގައި އެމްޑީޕީ ބަލިކޮށް ބޮޑު ތަފާތަކުން ކުރި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދެއްްވި ތަރައްގީ ހުއްޓިއްޖެކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭ ކަމަށާއި، އެކަން ނޭނގިގެން އުޅެނީ އެމްޑީޕީއަށް ކަމަށެވެ. އަދުރޭ ވިދާޅުވީ އެމްޑީޕީ މީހުންނަކީ ގޮތެއް ފޮތެއް އަހުލާގެ އަދި ސުލޫކެއް ނެތް ބައެއް ކަމަށެވެ.