ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ވަޒީރުން ވަކިކޮށް، ސަރުކާރުގެ ހިންގުމަށް ބޮޑު ބަދަލެއް! ކީއްވެ؟

ސަރުކާރުގެ ހިންގުމުގެ ތެރެއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތްތައް/ ގްރެފިކްސް: މައްތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތެލާއި ފެން އެއްވެ ގެނައި ބޮޑު ކޯލިޝަނަށް ދެ އަހަރު ވެގެންދިޔައިރު، އެތެރޭގައި ގިނަ ރެނދުތަކެއް ލިއެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ކޮންމެ ގޯހެއްގެ ޒިންމާ ނަގަން ޖެހުނީ، ކޯލިޝަންގެ ޕާޓީއަކުންނެވެ. ހަތަރު ލީޑަރުންގެ މެދުގައި އޮތް ގުޅުން ވަރުގަދަކަމާއި، އެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެކި ޕްލެޓްފޯމުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިޔަސް ދެ ބަސްވުންތަކެއް ދާކަން ސާފެވެ.

ސަރުކާރުގެ ފަސް ވަޒީރަކު މިހާތަނަށް ބަދަލުވީއިރު، އޭގެ ތެރެއިން އެހެން ޕާޓީއެއްގެ ތިން ވަޒީރުން މަގާމުން ވަކިވާން ޖެހުނީ މަޖުބޫރުވެގެންނެވެ. ނުވަތަ ކުރިމަތިވި ފިއްތުންތަކާއި، ޕްރެޝަރުގެ ސަބަބުންނެވެ.

65 މެމްބަރުންގެ ސުޕަ މެޖޯރިޓީއޮތް އެމްޑީޕީގެ ފާޑުކިއުންތަކާއި ފިއްތުންތަކުގެ ސަބަބުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ޖެންޑާރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފެވެ. މީޑިއާތަކާއި، މަޖިލީހުގެ މެމްބަރުންތައް ވެގެން ޝިދާތާ ބޮލުގައި އަތް އަޅާ ފައްތާލިއިރު ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އޮތީ ހަނު އެވެ.

ސަރުކާރަށް މިވީހާ ދުވަހުގެ ތެރޭގައި އެއްވެސް ހައްލެއް ނުގެނިވި އޮތް، ހައުސިން ދާއިރާގެ މިނިސްޓަރަކަށް ހުންނެވި އާތިފާ ޝަކޫރުއަށް ވެސް ދިމާވީ ސުޕަ މެޖޯރިޓީގެ އުނދަގުލެވެ. ހައުސިން މިނިސްޓަރީއާއި، ޕްލޭނިން މިނިސްޓްރީގެ މެންޑޭޓުތައް އޮޅުން ނުފިލައި އޮއްވައި އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ހިޔާ ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިތާ ހަފްތާއެއް ވެސް ނުވަނީހެވެ. އަދި އެ ވިދާޅުވުން ބަދަލު ކުރެއްވީ “އެއީ އޮޅުމެއް” ކަމަށް ބުނެ މިނިސްޓްރީން ނެރުނު ބަޔާނަކުންނެވެ.

އިސްތިއުފާ ދެއްވަން ޖެހުނީ، ސިއްހީ ހާލުކޮޅު ގޯސްވެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރެވޭތީކަމަށް ވިދާޅުވި ނަމަވެސް އާތިފާއަށް އައި ޕްރެޝަރުތައް މަދެއް ނޫނެވެ. ހިޔާ ފްލެޓުތަކުގައި އެތައް ގޯސްތަކެއް ހިނގައިދާން ފެށުމުން އެންމެ ފަހުން އާތިފާ އިސްތިއުފާ ދެއްވީ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް އައި އެ މާގާމުން ވަކިވާން ޖެހޭ ތުހުމަތުތަކެއް އައުމުންނެވެ. މަޖިލީހުގެ ތެރެއަށް އެ މައްސަލަ ވެއްދިއިރު، އުފެދޭ ސުވާލަކީ، މިކަމުގައި ނިމިދާން ޖެހޭނީ ހަމައެކަނި އަމީންތޯ އެވެ. އަމީން އަކީ ވެންޓިލޭޓަރުގެ މައްސަލައިގައި “ކަން ނުވެ، ނަންވި” މީހެކެވެ. އެކަމުގައި ޝާމިލްވި އެހެން އެންމެން ތިއްބެވީ، ހަމަޖެހިލައިގެންނެވެ.

މަގާމުން ވަކި ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ކުރެވުނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. އެހެން ނަމަވެސް، އަހަރެން ގަބޫލު ކުރާ ގޮތުގައި އެއީ ލޯމައްޗަށް ދައްކާލި ދަޅައެކެވެ. އަލީ ވަހީދުގެ ފަރާތުން މިނިސްޓްރީގެ މުވައްޒަފުންނަށް ކުރިމަތިވި، ޖިންސީ ފުރައްސާރައިގެ އަޑުއެއްސެވުމަށްފަހު ކީރިތި ކުރައްވާ އޭނާ މަގާމުން ވަކި ކުރީ “ރައްޔިތުންގެ ޕްރެޝަރު” އަންނާނެތީ އެވެ. އަދި އެ ޑެމޭޖު ސަރުކާރުން ބޭނުންވެސް ނުވާތީ އެވެ. އެހެން ނޫނަމަ މިއަދު އަލީ ވަހީދު ފުރައިގެން ގޮސް ތުރުކީވިލާތުގައި މަޖާ ނަންގަވަން ނެތީހެވެ.

ދެން ހުންނެވީ، ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު މަލީހު ޖަމާލެވެ. ބަރުލަމާނީއެއްގެ ވާހަކައެއް ދެއްކެވި ހިސާބުން، މަލީހުގެ ވަރުގެ ގޯސް މިނިސްޓަރެއް ނެތި އެމްޑީޕީގެ ސުޕަމެޖޯރިޓީން ފޫގަޅާލީ އޭނާ މަގާމުން ވަކި ކުރުމަށެވެ. އަދި މިނިސްޓަރީގެ ތެރޭގައި ހަދަން ޖެހޭ ބައެއް ގަވައިދުތަކެއް ނުހެދުމާއި، ސަރުކާރުގެ ވައުދު ފުއްދުމުގައި މަސައްކަތް ނުކުރާކަމަށް ބުނެ މަލީހުގެ މައްސަލަ މަޖިލީހަށް ވައްދައި މަގާމުން ވަކި ކުރީ އެވެ.
އިތުބާރު ނެތްކަމަށް ފާސްކޮށް، މަލީހު ސަރުކާރުން “ބޭރު” ކުރިފަހުން މަހަކާއި ގާތްވީއިރު ވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެއެވެ. ބެލެވޭ ގޮތުން، މި ފެށޭ ހަފްތާގައި އަންނާނެކަމަށް ބެލެވޭ ބޮޑު ބަދަލުން އެ މިނިސްޓްރީއާއި ހަވާލުވާނެ މީހެއް އެނގޭނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. އަދި އެ ދެ ބޭފުޅުންނަކީ ވެސް ސިޔާސީ މައިދާނުގައި ނޫޅުއްވާ އެކެޑެމިކް ދެ ބޭފުޅުންކަމަށް މައުލޫމާތު ލިބެއެވެ.

ހަނދާނަށް އަންނަނީ، އެމްޑީޕީން ނެރެމުން އަންނަ ޚަބަރު ސިޓީގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަ އެވެ. ސަރުކާރުގެ ހިންގުން ސްލޯވާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އާޒިމް ވިދާޅުވީ، އެހެން ޕާޓީތަކުގެ ވަޒީރުންނެވެ. އަދި އެ ބޭފުޅުންނާއި އެ ޕާޓީތަކުން 2023 ވަނަ އަހަރަށް “ގްރޫޕު އެއްކުރަން” އުޅުންކަމަށް އާޒިމް ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ބޭނުންވާނަމަ، އެ މަސައްކަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ވަޒީރުން މިނިސްޓްރީތަކަށް އައްޔަންކުރުން ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.

މިއީ ހަމައެކަނި ޕީޖީ ލީޑަރުގެ ހިޔާލެއް ނޫނެވެ. މަޖިލީހުގައި ސަރުކާރުގެ ހިންގުމާއި ގުޅޭގޮތުން ވާހަކަ ދެކެވޭ ކޮންމެ ދަނޑިވަޅެއްގައި އެމްޑީޕީން ނަގާ މައުޟޫއަކީ މިއީ އެވެ. ޖޭޕީގެ ވަޒީރެއްގެ ވާހަކަ އާއި، މަސްވެރިންގެ ކަންބޮޑުވުން ހައްލު ނުކުރެވިގެން އުޅޭ މިނިސްޓަރެއްގެ ވާހަކަ އެވެ. އެހެން ޕާޓީއެއްގެ ވަޒީރާއި ހަމައިން، މަޖިލީހުގެ ތަޅުން ހޫނުވަނީ މެމްބަރުން ކޯލިޝަނަށް އަމާޒުކޮށް ދައްކަވާ ވާހަކަތަކުންނެވެ. އެ ވާހަކަތައް އެންމެ ގަދައަށް ދެކެވެން ފެށީ، ނިމިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ނިކުތް ދަށް ނަތީޖާއިންނެވެ. 80 އިންސައްތައިން ކާމިޔާބު ކުރާނެކަމަށް ބުނި އިންތިހާބުން ލިބުނީ 49 އިންސައްތަ އެވެ. އެހެން ކަމުން، ބާކީ އޮތް ތިން އަހަރެއްހާ ދުވަހަށް ވިސްނާ، ސަރުކާރަށް ބަދަލުތަކެއް ގެނައުމަށް މަޖުބޫރެވެ. އެހެން ނޫނީ، 2023 ގެއްލޭނެކަން އެއީ އެމްޑީޕީއަށް ޔަގީން ކުރެވޭނެ ވަރުގެ ކަމެކެވެ.

ސަރުކާރަށް ކަން ނުވާ ކޮންމެ ދަނޑިވަޅެއްގައި ވެސް، އޭގެ ޒިންމާ އަބަދު ކޯލިޝަންގެ ބޮލުގައި އަޅުވާލަ އެމްޑީޕީ މެމްބަރުން ތިއްބެވީ އެވެ. އަޑަށް ބާރުލައި ބުނީ، މަޖިލީހުން އެ މައްސަލަ ބަލައި މަގާމުން ވެސް ވަކި ކުރަންޖެހޭ ހާލަތަށް ދާނަމަ އެ ފިޔަވަޅު ވެސް އަޅާނެކަމަށެވެ. އެހެން ނަމަވެސް، އެކަން އެގޮތަށް ނުހިނގަނީ މަޖިލީހުގެ ތެރޭގައި ހިނގަނީ ރައީސް ސޯލިހުގެ ބަހަށް ވީމައެވެ. މަޖިލީހުގެ ތެރެއިން ވަޒީރެއް ވަކި ނުކުރުން އެއީ އެމަނިކުފާނުގެ އެންމެ ބޮޑު ސިޔާސަތެވެ. އޮންނާނެ ގޮތަކީ، އިސްތިއުފާ ދިނުން ނުވަތަ މަގާމުން ވަކި ކުރުމެވެ. އޭގެ އަނެއް ސަބަބަކީ، ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެ ނޫންވެެސް ތަންތަނުގައި ވަޒީރަށް އިތުބާރު އޮތްކަމަށް ބުނެ ވާހަކަ ދެއްކެވުމެވެ. އަދި ކޯލިޝަން ރޫޅޭފަދަ އެއްވެސް ކަމެއް ނުހިނގާނެކަމަށް ފާޅުގައި ވިދާޅުވުމެވެ.

ސަރުކާރުގެ ހިންގުމަށް ބޮޑު ބަދަލެއް! ކީއްވެ؟

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރެވޭކަމާއި، އިސްލާހު ކުރަންޖެހޭ ކަންތައް ގިނަކަން ފާހަގަކޮށް ކޯލިޝަން ޕާޓީތަކާއި ރައީސް ސޯލިހު ވަނީ ރަސްމީކޮށް ސިޓީއެއް ހިއްސާ ކުރައްވާފަ އެވެ. އެ ސިޓީގައި ރައީސް ވިދާޅުވީ، ބައެއް ވުޒާރާތަކުގެ ހިންގުން ހުރި ގޮތާއި މެދު އިންތިހާ ޝަކުވާ އެބައޮތް ކަމަށެވެ. އެހެން ކަމުން، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންފުޅުވާކަށް ސިޓީގައި ފާހަގަ ކުރެއްވިއެވެ. އެނގިފައިވާ ގޮތުން، އެކަމުގައި “ނެގޯޝިއޭޓް” ކުރުން މިހާރު ވަނީ ފަށާފައެވެ. އަދި ލީޑަރުންގެ މެދުގައި އެކަމުގެ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. އަދި ފެށޭ ހަފްތާގެ ތެރޭގައި އެކަންކަން އިއުލާނު ކުރެވޭނެ އެވެ.

މަސްދަރުތަކުން ޔަގީން ކުރެވިފައިވާ ގޮތުން، ބައެއް ވަޒީރުން މަގާމުން ވަކި ކުރާއިރު އަނެއް ވަޒީރުންތައް އެހެން ވުޒާރާއަކަށް ބަދަލު ކުރަނީ އެވެ. އަދި އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވޭނެ އެވެ.

މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. ޒަހާއަށް މަސްވެރިންގެ މައްސަލަތައް ހައްލު ނުކުރެވޭކަމަށް ބުނެ މަޖިލީހުގައި ވަރަށް ގިނައިން ވާހަކަ ދެކެވެއެވެ. މިހާތަނަށް އެންމެ ގިނައިން މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރެވުނު މިނިސްޓަރަކީ ވެސް އެއީ އެވެ. ޒަހާ މަގާމުން ވަކި ކުުރުމަށްފަހު، ރައީސް އޮފީހުގެ އިތުރު މަގާމެއް ދޭނެކަމަށް މައުލޫމާތު ލިބެއެވެ. ޒަހާ އަކީ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓުގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މަސްވެރިންގެ އެތައް ވޯޓެއް ގެއްލުނެވެ. އެހެންކަމުން މިއީ އެމްޑީޕީން ކޮންމެހެން ވެސް ގެންނަން ބޭނުންވާ ބަދަލެކެވެ.

ޒަހާ މަގާމުން ވަކިކޮށް، އެ މިނިސްޓްރީ ހަވާލު ކުރަނީ މިހާރު އެންވައިރޮމެންޓު މިނިސްޓަރަކަށް ހުންނެވި ޖުމްހޫރީ ޕާޓީގެ ޑރ. ހުސެއިން ރަޝީދު ހަސަން އާއި އެވެ. އެނގިފައިވާ ގޮތުން، އެންވައިރޮމެންޓް މިނިސްޓަރަކަށް ގެނައުމަށް ރައީސް ސޯލިހުގެ ވިސްނުންފުޅުގައި ހުރީ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ޑރ. ހަސަން ވަކިކޮށް އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއް އަދި، ޔަގީނެއް ނުވެއެވެ. ޑރ. ހަސަންއަކީ ވެސް އެމްއާރުއެމްގެ ބޭފުޅެކެވެ.

އާއްމުންގެ އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވާ އެއް ބޭފުޅަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވާނެ އެވެ. ދާދިފަހުން މިނިސްޓްރީގެ މެންޑޭޓާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިން މަހުލޫފް ހޫނު ފެނަށް ވެއްޓުނެވެ. ޔޫތު އެމްޕަވާ ކުރަން މަހުލޫފްއަށް މަސައްކަތް ނުކުރެވޭކަމާއި، މިނިސްޓްރީގެ ނަމުން “ކޮމިއުނިޓީ އެމްޕަވާމެންޓު” އުވާލަން ވެސް ގޮވާލި އެވެ.

ޔޫތް މިނިސްޓްރީ ދެބައިކޮށް، ޔޫތް މިނިސްޓްރީ ހިންގުން މަހުލޫފު އާއި ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރަށް ގެންނަން އުޅޭ ބަދަލުތަކާއި ގުޅޭގޮތުން “ސަންގު” އާއި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއަށް ފަހު ސަރުކާރުގެ ހިންގުން އިތުރަށް ރަނގަޅު ކުރައްވަން މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. ވަޒީރުން ވަކި ކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މަޖިލީހުގައި ދެ ފެކްޝަން، މަންޒަރު ސާފު ވާނެ ދުވަހެއް!

މި ހަބަރުތަކާއި އެކު މީޑިއާތަކުން ވެސް އުފައްދާ އެއް ސުވާލަކީ އާ ވަޒީރުންނަށް ރުހުން ލިބޭނެ ތޯ އެވެ. މަޖިލީހުގައި 65 މެމްބަރުންނާއި އެކު ބިޔަކޮށް އޮތް އެމްޑީޕީގެ ދެ ފެކްޝަނެއް ބުރާސްފަތި ދުވަހު ފެނުނެވެ. ރާއްޖޭގައި އިއުލާނު ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރު މަޖިލީހުން ފާސް ކުރަން ޖެހޭ ގޮތަށް ގެނައި ހުށަހެޅުމުން އެ ފާހެއް ނުވިއެވެ. އެ މާއްދާ އުވާލައި، އިސްލާހު ފާސްކުރީ، ފާާސްވީ 37 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 31 މެމްބަރެއް ވޯޓު ދިނެެވެ.

މަޖިލީހުގައި ދެ ފެކްޝަންގެ އަރައިރުންތައް ފެނިއްޖެއެވެ. އެހެންކަމަށްވާނަމަ، ވަޒީރުންނަށް އަލުން ރުހުން ދޭން ޖެހޭ ހިސާބުން އެ ބަހުސް ފެންމަތިވާނެކަން އެއީ ޝައްކެތް ނެތް މިންވަރަށް ޔަގީން ކަމެކެވެ.

މިއީ ގައުމީ މަޖިލީސް ހޯދަން ކުރާ މަސައްކަތަކަށް ވެދާނެ! 

ކުރިޔަށް އޮތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބެވެ. ދެ ރައީސުން ވެސް އެ ބޭފުޅުންގެ ފަރާތުން މީހަކު ދާއިރާއަށް ނެރޭނެ އެވެ. ކުރި ހޯދާނެ ބޭފުޅަކީ އެއީ 2023 ގެ ޓިކެޓު ކަށަވަރު ކުރާނެ ބޭފުޅާ އެވެ. ގައުމީ މަޖިލީހަކީ ޕާޓީގެ އެތެރޭގެ އެތައް ނިންމުމެއް، ގެނައުމުގެ ބާރު ލިބިގެންވާ މަޖިލީހެކެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި، ދެ ބޭފުޅުންގެ ކޯޅުންގަނޑުން އޭގެ އަސަރު ކޯލިޝަނަށްކޮށް ރައްޔިތުންގެ ތާއީދު އިތުރަށް ދަށް ވެގެން ދިއުމަކީ މާ ގާތް ކަމެކެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސިޔާސީ އެކްޓިވިސްޓުންވެސް ވަކިކުރަށްވާ! ފުރަތަމަ ޓޫރިޒަމް ވުޒާރާއިން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: