ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކުރިން ކުރި ލޮކްޑައުން” ކުރަން، ލޮކްޑައުންއަކަށް ދިޔުމުގެ ބޭނުމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއެއްގެ ހިތި ތަޖުރިބާ ދިވެހިން ކޮށް ނިންމިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެއީ ކިހާވަރެއްގެ ކަމެއްކަން ދިވެހިންގެ ތެރެއިން އާންމު ރައްޔިތުން އަދި ހަނދާން ނުނެތެއެވެ.

ވަޒީފާތަކަށާއި އާމްދަނީތަކަށް ކުރި ނުރަނގަޅު އަސަރުތަކާއި، ވަކި ވަކި ފަރުދުންގެ އިތުރަށް ޖުމްލަކޮށް މުޅި އިގްތިސާދު ހީވެސް ނުކުރާހާ ފުން އަނދަވަޅަކަށް ވެއްޓުނެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުމަށްވުރެ، ކޮވިޑްގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން މާ ބޮޑެވެ.

ރާއްޖެއަށް ކޮވިޑްގެ ބަލި އެނެމް ފުރަތަމަ ފެތުރެން ފެށިއިރު ނުވަތަ އަލަށް މާލެ ސަރަހައްދުން ކޮވިޑްގެ ކޭސްއެއް ފެނުން ދުވަހުން ފެށިގެންވެސް ސަރުކާރުން ހާމަކުރަމުން އައީ ރާއްޖެ އޮތީ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށެވެ. އިތުރު ގޮތެއް ނެތިއްޖެ ހާލަތުގައި ފްލޯޓިން ހޮސްޕިޓަލްތައްވެސް ރާއްޖެއާއި ހަމައަށް އަންނާނެކަމަށް އޭރު ކޮވިޑްގެ ކަންކަން ކޮންޓްރޯލް ކުރުމަށް އިސްކޮށް ތިއްބެވި ވުޒާރާތަކުން ހާމަކުރަމުން ދިޔައެވެ. އެއީ ތަރައްގީގެ ގޮތުން ބެލިކަމުގައިވިޔަސް، ދުވަހަކުވެސް މި ރާއްޖެއިން ފެނިފައިނުވާ ވަރުގެ ތަންތަންކަމަށް ވުމުން އެހާލަތުގައި ދުނިޔެ އޮއްވައި އެވަސީލަތްތައް ރާއްޖޭގައި ތަރައްގީކުރާނީ ކިހިނެއްތޯ ނޫސްވެރިން ކުރި ސުވާލަށްވެސް އެވެރިން ކުރީ މަލާމާތެވެ.

އެންމެ ނުރައްކާތެރި ހާލަތަކީ ކޮބައިތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބަކީ ހާސްނުވެ ތިބުމަށް ދިން ނަސޭހަތެވެ. އަދި ނޫސްވެރިން ކުރާ ސުވާލުތަކުން އެހާލަތު ނައިސްގެން އުޅޭހެން ހީވާކަމަށް ވިދާޅުވެ، އެސުވާލުތަކަށްވެސް ކުރީ މަލާމާތެވެ.

ޑިރެކްޓަރ ޖެނެރެލް މައިމޫނާ އަބޫބަކުރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދުވާލަކު 7 ނުވަތަ 15 ވަރަކަށް ކޭސް ފެނުމުން ރައްޔިތުން ބިރުން ތިބިވަރާއި ސަރުކާރުން އެކަމާއި ތެޅިގަތް މިންވަރު ވަނީ ފެނިފައެވެ. އެއީ ކޮވިޑްގެ ފުރަތަމަ ރާޅުކަމަށް ހީކުރެވި ފިޔަވަޅުތައް އަޅަން ފެށިއިރު، އޭރު ދިވެހި ރައްޔިތުން އައީ އެޗްޕީއޭއަށް ފުރިހަމަ އިތުބާރު ކުރަމުންނެވެ. ކޮވިޑް ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް އަށާއި ދިވެހި ސަރުކާރަށް އައީ ފުރިހަމަ އިތުބާރު ކުރަމުންނެވެ.

އެހެންނަމަވެސް، އިތުބާރު ގެއްލެން ފެށީ ރައްޔިތުން ފުރަބަންދު ކުރުވައި، ދެން ސަރުކާރުން ކުޅުނު ގޭމްތަކުގެ ސަބަބުންނެވެ. ވައްކަންކުރުމާއި، ޚާއްސަ ހުއްދައިގެ ދަށުން ރަށްތަކަށާއި ގައުމުތަކަށް ދަތުރުކުރުމަށް ސަރުކާރުގެ އިސްވެރިންނަށް ދޫ ދޭން ފެށި ހިސާބަކީ އެޗްޕީއޭއާއީ ސަރުކާރަށް އިތުބާރު ގެއްލުނު ހިސާބެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގައިމުވެސް ދެބުރަކަށް ކޮންޓްރޯލް ކުރެވުނެވެ. ކޮވިޑްގެ ބިޔަ ރާޅެއް ގޮތަށް ސިފަ ކުރާ ވަރުގެ ރާޅެއް ބިންދާލި މިއީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، މިހާ ހަމަޖެހިލައިގެން، މިއިން އެއްވެސް ކަމަކުން ވަކި ވަކި ފަރުދުންނަށްވެސް އަދި ރާއްޖެއަށް އަސަރެއް ނުކުރާހެން ހީވާ ފަދަ ގޮތަކަށް ސަރުކާރުން އަމަލުތައް ބަހައްޓަމުން އަންނާތީ، މިހާރު އާންމުކުރަމުން އަންނަ ކޮވިޑްގެ ތަފާސްހިސާބުތަކުގެ ސައްހަކަމާއިމެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ދުވާލަކު އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1000އަށްވުރެ މައްޗަށް އަރާފާނެ ކަމަށް ހީކުރި މީހަކު މިރާއްޖޭގައި އިނގިލިން ގުނާލެވޭހާ މަދުވާނެއެވެ.

މިއަދަދުތައް މިހާ މައްޗަށް ދިޔައީ، ރައްޔިތުންގެ ސަބަބުން ނޫންކަން ނުވަތަ ފަރުދީ ޒިންމާ އަދާ ނުކުރާތީ ކަމަށް ސަރުކާރުން ކިތަންމެ ވަރަކަށް ދައްކަން މަސައްކަތް ކުރިޔަސް، އެކަން އެހެން ނުވާނެކަން މުޅި މިދިވެހިރާއްޖެ ދަނެއެވެ. ދެ ފަހަރު މަތިން ކޭސްތައް ކޮންޓްރޯލްވުމަށްފަހުވެސް، އަދަދުތައް ހައްދު ފަހަނައަޅައި ހިސާބަށް ދިޔައީ ހަމަ ސަރުކާރުގެ އިހުމާލުންނެވެ.

އެންމެ ފުރަތަމަ އެކަން އައީ އިނގެރޭސިވިލާތުން އާ ވޭރިއަންޓް ފެނުމުންވެސް، އިނގެރޭސިވިލާތުގެ މީހުން ރާއްޖެއައުން މަނާ ނުކުރި ހިސާބުންނެވެ. އަދި މިފަހުން، ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ދިން ލުއިތަކަކީ އަދަދުތައް މިހާ މައްޗަށް ދިޔުމުގެ އަސްލެވެ. އެކަން ގަބޫލުނުކުރަން އެޗްޕީއޭއިންނާއި ސަރުކާރުން ކިތަންމެ ބަހަނާތަކެއް ދެއްކިނަމަވެސް، ހަގީގަތަކީ އެއީކަން ދިވެހި ހުރިހާ ރައްޔިތުންހެން ގަބޫލުކުރެއެވެ.

މިއަދު އަނެއްކާވެސް، ލޮކްޑައުންއަކަށް ދިޔުމަށް އެވާހަކަތައް ދައްކަމުން  އަންނައިރު ސަރުކާރުންވެސް ހަނދާން ބަހައްޓަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މީގެ ކުރިން ކަންކުރި ގޮތަށް ކަން ކުރަން ބޭނުންވާނަމަ، ލޮކްޑައުންއަކަށް ދިޔުމުގެ ބޭނުމެއް ނެތެވެ. އާންމު ރައްޔިތުން އިތުރަށް ބިކަވުން ނޫންކަމެއް ނުވާނެއެވެ. ލޮކްޑައުންއެއްގެ ސަބަބުން ސިޔާސީ މަގާމް ތަކުގައި ތިއްބެވި ބޭފުޅުންނަށާއި މަހުޖަނުންނަށް އެކަމުން މާބޮޑު އަސަރެއް ނުކުރިނަމަވެސް، ފުރަތަމަ ލޮކްޑައުންއާއެކީވެސް ރައްޔިތުން ބަނޑަށް ޖެހި މަރުނުވީ ކިރިޔާކަން ހަނދާން ނެތޭހާ އަދި ދުވަހެއް ނުވެއެވެ. ވަކި ބަޔަކަށް ޚާއްސަ އިސްތިސްނާތަކެއް އޮވެ، ލޮކްޑައުންއަކީ ކުޅޭ ކުޅިވަރަކަށް ހަދަން ލޮކްޑައުންއަކަށް ދިޔުމުގެ ބޭނުމެއް ނެތެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: