ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުހުގެ ވަކި ހިސާބަކުން، ބައެއް އިލްމުވެރިން އަނެކާ ކާފަރުކޮށް ކުފުރު ކުރޭ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މި މުޖްތަމައުގެ ތެރޭގައި، މީހުންގެ ފޮޓޯތަކުގައި ރަތް ކުލައިގެ ރަސްގެ ލައި އެއީ ކުފުރު ވެފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ހުއްދަ ދީގެން ދަރުސްދޭ ޝޭޚުން ހިމެނޭކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ނަފްރަތު އުފެއްދުމަށް ނަފުރަތުގެ ބަސް ރައްދު ކުރުމާއި ހަރުކަށި ވިސްނުން ފެތުރުން ހުއްޓުވަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި މައްސަލައިގައި ގޮވާލާފައި ވަނީ އިސްލާމް ދީނުގެ ނަމުގައި ނަފްރަތުގެ ބަސްތައް ފެތުރުން ހުއްޓުވުމަށެވެ.

މައްސަލަ މަޖިލީހުން ބަލައިގަނެ، ބަހުސް ކުރަން ހުޅުވާލުމުން ވައްޑެ ވިދާޅުވީ އެމްޑީޕީއާއި ވާދަވެރި ސިޔާސީ ޕާޓީތަކުން ރައީސް މުހައްމަދު ނަޝީދު ސިފަ ކުރީ ލާދީނީ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ރައްޔިތުންގެ ބޮލުގެ ތެރެއަށް އެ ވިސްނުން ވެއްދުމުގެ ގޮތުން 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ މި ރާއްޖޭގެ މިސްކިތެއްގައި ބަންގިއެއް ނުގޮވާނެކަމަށް ބުނެ ނަފްރަތު އުފެއްދި ކަމަށެވެ.

އެންމެ ފުރަތަމަ ރައީސް ނަޝީދާއި ގުޅުވީ ނޮވެމްބަރު 03 ގެ އުދުވާނީ ހަމަލާއާއި ކަމަށާއި، އެކަން ވައިގަ ނުހިފުމުން ދެން ރައީސް ނަޝީދަށް ދޭން ފެށޫ އެހެން ލަގަބުތަކެއްކަމަށް ވައްޑެ ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ލަގަބަކީ، “ލާދީނީ” ޓެގު ރައީސް ނަޝީދުގެ ބޮލުގައި އެޅުވުންކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ ރައީސް ނަޝީދު ނޫނީ އެންމެ ގިނައިން މިސްކިތެއްގައި ނަމާދުކުރާތަން ފެނުނު ވަކި ފަރުދެއް ނުހުންނާނެ ކަމަށެވެ.

“މި ރާއްޖޭގައި ނުހުންނާނެ، ވަކި ދިވެހި ފަރުދެއް އެއަށްވުރެ ގިނައިން މިސްކިތުގައި ނަމާދުކުރާތަން ދިވެހި ރައްޔިތުންނަށް ފެންނުނު. ލީޑަރުންގެ ތެރޭގައި އަދި ހާއްސަކޮށް. އަޅުގަނޑު ގަބޫލު ކުރާގޮތުގަ ދިވެހިރާއްޖޭގެ އާބާދީގެ ވެސް މަދުވާނެ ރާއްޖޭގެ ކޮންމެ ރަށެއްގެ… ގާތްގަނޑަކަށް ކޮންމެ ރަށެއްގެ… ކޮންމެ މިސްކިތެއްގައި ނަމާދު ކުރެއްވި ބެފުޅެއް ރައީސް ނަޝީދަކީ..” ވައްޑެ

ވައްޑެ ވިދާޅުވީ، ރައީސް ނަޝީދަކީ ދީން ގަބޫލު ނުކުރާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރަމުން އައިސް އެންމެ ފަހުން އެމަނިކުފާނަށް ޖެއްސި ހާލަތު އެ އޮތީ ފެންނަން ކަމަށެވެ. ރާއްޖޭގައި މީހުން މަރާލުމާއި، އަދި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތައް ހިންގައި ބޮން ގޮއްވާލުމުގެ ފިކުރު ހުރި 1،300 މީހުންނަށް ވުރެ ގިނަ މީހުން ފާހަގަވެފައިވާކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ވާހަކައަށް އިޝާރާތްކޮށް ވައްޑެ ވިދާޅުވީ، އަހަރެއް ވެގެން ދިޔައިރު މި މީހުންނަށް ފިޔަވަޅެއް ނާޅަނީ، ކޮން ގާނޫނެއް މަދުވެގެން ތޯ ސުވާލު އުފެދޭ ކަމަށެވެ.

“އަޅުގަނޑު ހިތަށް އަރާ ކޮން ގާނޫނެއްގެ، ކޮން ފޮޅުވަތެއްގެ، ކޮން އިބާރާތެއް ނެތިގެންތޯ މި މީހުންގެ މައްޗަށް ފިޔަވަޅެއް ނޭޅިގެން މި އުޅެނީ.. އަޅުގަނޑުމެން ކޮން ކަމެއް ކޮށް ނުކޮށްދީގެން އޮވެގެންތޯ. ކޮން ޖާގައެއް ނެތިގެންތޯ…. އަޅުގަނޑު އަހާލަން ބޭނުން އެ 1،1300 މީހުންގެ ތެރޭގައި ހިމެނޭ ބައެއްތޯ ރައީސް ނަޝީދަށް ހަމަލާ ދިނީ. އެ މީހުންގެ ކަންކަން ބެލުނުތޯ ފާރަ ލެވުނުތޯ.” ވައްޑެ

ވައްޑެ ވިދާޅުވީ ސަރުކާރުގެ އޮނިގަނޑިގެ ތެރެއިން އުފައްދާފައި އޮންނަ އިސްލާމިކް މިނިސްޓްރީގެ ބޭނުނަކީ ދިނީ އެއްބައިވަންތަކަން ހިމާޔަތް ކުރުން ކަމަށެވެ. އެ މިނިސްޓްރީގެ މަސައްކަތްތަކަށް ވާން ޖެހޭނީ ދީނީ ދެބައިވުންތައް އުފެދިގެން ދިޔަ ނުދިނުން ކަމަށާއި، ދިނާއި ގުޅޭ ގޮތުން ލިޔާ ތަފާތު އެކި ފޮތްތައް ރަނގަޅަށް ބެލުންކަމަށެވެ. މުވައްސަސާއިން ދީނާއި ހިލާފު އަދި ދީނާއި ދެކޮޅަށް ލިޔެފައި ހުންނަ ފޮތްތަކުގެ ވެސް މައްސަލަތައް ބަލުމުގެ ބަދަލުގައި ފެންނަނީ ފެއިލްވެފައިވާތަންކަމަށް ވައްޑެ ވިދާޅުވިއެވެ.

“ދާދި ފަހުން ވެސް، އަޅުގަނޑުގެ އަތުގައި އެބަހުރި ސްކްރީންޝޮޓުތައް ވެސް…. ހަމަ ކަނޑައެޅިގެން ރައީސް ނަޝީދަކީ ކާފަރެެއްކަމަށް، ބޮޑު މުރުތައްދެއްކަމަށް ލިޔެފައި އޮތް މީހަކު ދާދި އިހަކަށް ދުވަހު އެ ދިނީ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާރ ކަން…” ވައްޑެ

ރާއްޖޭގެ އިލްމުވެރިންނަށް ނިސްބަތްކޮށް ވައްޑެ ވިދާޅުވީ، ދަރުސް ފެށިގެން ދާނީ މިއީ ސައްތައިން ސައްތަ އިސްލާމިކް ގައުމެއްގެ ގޮތުގައި ބުނުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް ދަރުސްގެ ވަކި ހިސާބަކުން ގައުމުގެ ބައެއް މީހުން އެއީ ކާފަރުންގެ ގޮތުގައި ސިފަ ކޮށް އެ މީހުން އެއީ ލާދީނީ ބައެއްގެ ގޮތުގައި ބުނާ ކަމަށެވެ. ވައްޑެ ވިދާޅުވީ އެފަދަ މީހުން މަސައްކަތް ކުރަނީ ދީނުގެ ނަމުގައި ބައިބައިވުން އުފެއްދުމަށް ކަމަށެވެ.

“ރަށްރަށުގައި އެބަ އުޅޭ، ރަށުގެ މަގުކޮޅަށް ގިސް މީހުން ނޫޅޭ ހިސާބުގައި. ކުދިންނަށް، ޅަ ޒުވާނުންނަށް ދީން ކިޔަވައިދޭ މީހުން. ކައިރީ ހުރި ފަޅު ރަށްތަކަށް ގެންގޮސްގެން… މާތްކަލާލޯ ހައްގު ދީން ކިޔަވައިދޭން އެހާ ވަންހަނާކޮށް އެހާ ފޮރުވިގެން، އެހާ ސިއްރުން އުޅޭކަން ނުޖެހޭނެ…” ވައްޑެ

އިސްލާމީ ޝަރީއަތުގައި މީހަކު ގޯސް ވާހަކައެއް ދެއްކުމުން، އެންމެ ފުރަތަމަ ވެސް ބަލަނީ އެއީ ގަސްތުގައި ދެއްކި ވާހަކައެއްތޯ ނުވަތަ ނޫންތޯ ކަމަށާއި، އަދި އެއީ ކޮން ނިޔަތެއްގައި ދެއްކި ވާހަކައެއްތޯކަމަށް ވައްޑެ ވިދާޅުވިއެވެ. އެހެން ނަމަވެސް މުޖްތަމައުގެ ތެރެއިން ފެންނަނީ ރާއްޖޭގައި އިސްލާމީ ޝަރީއާ އޮވެމެ، އިސްލާމިކް މިނިސްޓްރީއާއި ކަމާއި ބެހޭ އެހެން އިދާރާތައް ފެއިލްވެގެންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ބޭރުގެ ބޮޑެތި ފިލްމުތަކުގައި ފެންނަހެން މީހުންގެ ފޮޓޯތަކުގައި ރަސްގެލައި، މީއީ ކުފުރުވެފައިވާ މީހުންގެ ގޮތުގައި ސަފަކޮށް ލިޔާ މީހުންނަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީގެން ދަރުސްދޭ މީހުން ހިމެނޭ ކަމަށެވެ.

“އަޅުގަނޑު ގަތުލު ކުރަން… އެންމެ ފުރަތަމަ ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރަކު އަޅުގަނޑު ގަތުލު ކުރުމަށް ގޮވުމުގެ ކުރީގައި އެއްކަލަ މީހުން މަރާ ބޮޑެތި ސީރިއަލް ކިލާއިން އުޅޭ ފިލްމުތަކުގައި ހުންނާނެ މަރާލަން ޖެހޭ މީހާގެ ފޮޓޯގަ ރަސްގެ ލާފައި. މީހުންގެ ފޮޓޯގައި ރަތްކުލައިގެ ރަސްގެ ލައިގެން ކުފުރުކޮށް މި އެއްޗެހި ނެރުނު މީހުންގެ ތެރޭ އިސްލާމިކް މިނިސްްރީން ހުއްދަ ދީގެން ދަރުސްދޭ މީހުން އެބަ ހިމެނޭ.” ވައްޑެ

ގައުމުގެ އެތައް ސަތޭކަ ދަރީންނެއް ސީރިއާގެ ހަނގުރާމައަށް ގޮސް މަރުވެފައިވާއިރު، އެ ޒުވާނުންގެ އާއިލާއިން ތަހައްމަލް ކުރަންޖެހިފައިވާ ވޭނުގެ ވާހަކަ ދައްކަންޖެހޭ ކަމަށް ވައްޑެ ވިދާޅުވިއެވެ. މަގުމަތީ އާއްމުންގެ ތެރޭގައި ބޮމެއް ގޮއްވާލުމުން، އޭގެ ރިމޯޓު ހިފައިގެންއިން ޒުވާނާ ހައްޔަރުކުރަކުން މައްސަލަ ނިމުނީކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށާއި އޭގެ އަޑީގައި ތިބޭނެ މީހުންގެ މޫތައް މާ ފުންވާނެކަން ވައްޑެ ފާހަގަ ކުރިއެވެ.

ވައްޑެ ވިދާޅުވީ ޅަ އުމުރުގެ ޒުވާނާ އެފަދަ އަަމަލެއް ހިންގާއިރު އޭނާގެ ސިކުނޑިއަށް އެކަން ވައްދައިދީ، އެކަމަށް ފަންޑު ކުރާނެ ބަޔަކު ތިބިއިރު ހޯދަންވީ އެ މީހުން ކަމަށެވެ. އަދި ވިދާޅުވީ މިއީ ހައްތާވެސް ދައްކަން ޖެހޭ ވާހަކަތައް ކަމަށާއި، މުޖްތަމައުގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަން އުޅޭ މީހުންނަށް ފިޔަވަޅު ނޭޅެނީ މުވައްސަސާތައް ފެެއިލްވެފައި އޮތުމުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީއަށް މިފަދަ މައްސަލަތައް ނުބެލޭނަމަ، މިނިސްޓްރީއެއް އޮތުމުގެ އެއްވެސް ބޭނުމެއް ނުވިސްނޭކަމަށް ވެސް ވައްޑެ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވައްޑޭ ރުޅިއަޔަސް ތިޔްބުނާ ޓެގް ނެއްޓޭނެ ގޮތެއް ނެތް ލާދީނީ ފިކުރު ފެތުރުމުގައި އިސްކަން އުޅެނީ ތިޔަބުނާމީހަކު..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: