ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ހަމައެއް ނުވި، އީސަ ކޮމިޓީގެ މުގައްރިރު ކަމުން ވަކި ކުރަން ވޯޓަށް ނޭހުނު!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކި ކުރުމަށް ބޭއްވި ކޮމިޓީގެ ކޯރަމް ހަމަނުވެގެން ނިންމާލައިފި އެވެ.

އިޖްތިމާއީ ކޮމިޓީއަށް އީސަގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައި ވަނީ، ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ފިރުޝާން އެވެ. ފިރުޝާން ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރައްވާފައި ވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

މެމްބަރު އީސަގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވި، އެ މައްސަލަ މީޑިއާތަކުގައި ފެންމަތިވީ އިއްޔެ އެވެ. އެ މައްސަލައިގައި އަނިޔާތަކެއް ލިބުނު އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ވަނީ މައްސަލަ ފުލުހުންގެ އެފްސީޕީޑީއަށް ހުށަހަޅުއްވާފައެވެ. އަދި އިއްޔެ ބަޔާން ވެސް ދެއްވި އެވެ.

އިތުބާރު ކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެެވެ. އަދި އީސަ ވަނީ ދެ ބޭފުޅުންގެ ދެ އަހަރު ވެސް ނުވާ ތުއްތު ކުއްޖާ ނުވަ ވަނަ ފަންގިފިލާއިން ބިންމައްޗަށް ވައްޓާލާނެ ކަމުގެ އިންޒާރުތަކެއް ވެސް ދީފަކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ގޭތެރޭގައި އަޑުގަދަ ވާން ފެށުމުން އެ މައްސަލަ ހުށަހަޅާފައިވަނީ އެ މީހުންގެ އަވައްޓެރިއެކެވެ.

އަސްރާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ވެސް ހޯއްދެވި އެވެ.

އަންހެނުނަށް ކުރާ އަނިޔާތައް ހުއްޓުވެންޖެހޭކަން ފާހަގަކޮށް އެކަމާއި ދެކޮޅަށް އަޑުފުލުމުން، ފިރުޝާން ވަނީ މި މައްސަލަ ބެލެންޖެހޭކަން ފާހަގަކޮށް އީސަ ކޮމިޓީން ވަކި ކުރުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ތާވަލު ކުރި ޖަލްސާގައި ބައިވެރިވީ ފިރުޝާނާއި އެކު ހަތަރު މެމްބަރުންނެވެ. ކޮމިޓީގެ ކޯރަމްއަކީ ފަސް މެމްބަރުންނެވެ.

ފިރުޝާން ވިދާޅުވީ އެހެން މެމްބަރުން ވެސް ޖަލްސާއަށް ގެނައުމަށް މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނުން އެހެން ދުވަހަކު ކޮމިޓީ ކުރިޔަށް ގެންދާ ގޮތަށް މިއަދަށް ނިންމާލީ ކަމަށެވެ.

އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ. އީސަގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ ހައްޔަރު ކޮށްދިނުމުގެ އަމުރަކަށް އެދެން ފުލުހުން ހުށަހެޅުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ އެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: