ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންނާއި އާއްމުންގެ ނުރުހުން އަމާޒުވެ، އެންމެ ފަހުން ޕްރެސްއަށް ނަސީމް!

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްބިއުލާންސެއްގެ އިންތިޒާރުގައި ތިއްބައި، އާއިލާއެއްގެ އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ކޮވިޑުގައި ނިޔާވި ހަބަރާއި އެކު މުޅި ގައުމު މިއޮތީ ސިހުމެއްގެ ތެރޭގައެވެ. ސޯޝަލް މީޑިއާއިން ފެންނަނީ އެންމެން ވެސް އެ މީހުންގެ އިހުސާސްތައް ބަންޑުން ކުރަމުންދާ މަންޒަރެވެ. އާއިލާގެ މެމްބަރަކު، ތިމާގެ މަންމަ ނުވަތަ ބައްޕަ މަރާއި ހަނގުރާމަ ކުރަމުން ދިޔަ ވަގުތު އެޗްޕީއޭއަށާއި، އައިޖީއެމްއެޗަށް ގުޅައި އެމްބިއުލާންސެއް ފޮނުވައިދޭން އެދި ކުރި އާދޭހެވެ.

މިވީ އަހަރެއް ހާ ދުވަހުގެ ތެރޭގައި، ކޮވިޑަށް ފަރުވާ ކުރަމުންދިޔަ އެތައް ބަޔަކަށް އިހުމާލުތަކެއް ވެއްޖެއެވެ. އެ ވާހަކަތައް ދެއްކުމުން، އެންމެ ފުރަތަމަ ވެސް ނޫސްވެރިންނަށް ދިން ޖަވާބަކީ “ދެން މިފަދަ ކަމެއް ތަކުރާރު ނުވާނެ” ކަމަށެވެ. ނޫނީ ކުރިޔަށް ދެވޭނީ “ފިލާވަޅު” ލިބިގެންކަމަށް ބުންޏެވެ.

ގައުމުގައި ބޮޑު ކަމެއް ހިނގުމާއި އެކު ވެރިން ޖަވާބުދާރީވާން ދެކޮޅު ހަދާ ނުވަތަ ފަސް ޖެހޭ އިތުރު ގައުމެއް މި ނޫނީ އޮންނާނެހެން ހީއެއް ނުވެއެވެ. ދުނިޔޭގެ ތަހުޒީބުވެ ކުރިއަރާފައިވާ ގައުމުތަކުގެ ވާހަކަ ދެބަހުން އެއްބަހަށް ދައްކާއިރު، ގައުމަކަށް ދިމާވާ ކޮންމެ ހައްސާސް ދަނޑިވަޅެއްގައި އެ ތަނެއްގެ ވެރިން އަަވަސް ވެގެންނަނީ ރައްޔިތުންނަށް އެކަމެއް އޮޅުންފިލުވައިދޭންށެވެ. އެހެނަވެސް ރާއްޖޭގައި އެ މަންޒަރެއް ނުފެނެއެވެ. އެކެއްގެ ބޮލުން، އަނެއްކެއްގެ ބޮލުން އެއް މުވައްސަސާއިން އަނެއް މުވައްސަސާއަށެވެ.

ކޮވިޑު-19 ގެ ހާލަތު ގޯސްވެ ދުވާލެއްގެ މައްޗަށް ނިޔާވާ މީހުންގެ އަދަދު ދިހައަކަށް އަރާއިރު ނޫސްވެރިން ފުއްދާލަން މިޖެހެނީ މަބްރޫކްއަކުންނެވެ.

އާއްމުންގެ ނުރުހުމާއި، ކަންބޮޑުވުންތައް މިއަދު ސޯޝަލް މީޑިއާގައި ތަފާތެވެ. ކޮންމެ މީހެއްގެ ޓްވީޓަކުން ވެސް ފެންނަނީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއްގެ އާއިލާއަކަށް އެޓެންޑު ކުރުމުގައި އެޗްޕީއޭ ނުވަތަ އައިޖީއެމްއެޗް އަމަލު ކުރި ގޮތުގެ ވާހަކަ އެކެވެ.

ގެއެއްގައި ހުރި ބަލި މީހެއްގެ ވާހަކަ ރިޕޯޓުކޮށް އޭގެ ގަޑި ދެގަޑިއިރު ފަހުން އެމްބިއުލާންސް އަންނައިރު އޭގައި އޮކްސިޖަނެއް ނުހުރެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގެ ހާލަތަކީ މިއީ އެވެ. މިވީ އަހަރެއްގެ ތެރޭގައި “ކުރީ ކީއްހޭ” އަހަނީ ސަބަބުތަކެއް ހުރީމައެވެ. ފެންނަނީ ނަމުން “ރެޑީ” ވެފައި ކަމުން “ފެއިލް” ވީ ތަނެވެ.

މިއަދު ހެނދުނުން ފެށިގެން އެޗްއީއޯސީގެ ވަޓްސްއަޕް މީޑިއާ ގްރޫޕާއި، ހެލްތް މިނިސްޓްރީގެ ގްރޫޕުގައި ނޫސްވެރިން ދިޔައީ ޕްރެސް ކޮންފަރެންސް ބާއްވާނެ ވަގުތަކާއި މެދު ސުވާލު ކުރަމުންނެވެ. އެހެން ނަމަވެސް ގައުމަށް އެންމެ ބޭނުންވީ ވަގުތު ޕްރެސް ކެންސަލް ކުރީ އެވެ. އަދި ކެންސަލް ކުރި ސަބަބާއި މެދު ހުއްޓުމެއް ނެތި ނޫސްވެރިން ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދިނެވެ.

އިހުމާލުތަކާއި ގުޅޭގޮތުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމްގެ ބަހެއް ހޯދުމަށް މިއަދު ނޫސްވެރި އަކު ގުޅާލުމުން ވިދާޅުވީ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިފައިވާނެ ކަމަށެވެ. އަދި ޕްރެސް ކޮންފަރެންސްއެއް ބާއްވަން އެނގި ކަމަށާއި، ނޫސްވެރިން “ވަރު ވަރުން ސުވާލު ކުރަނީ ކީއްކުރަންތޯ” ނުރުހުންވެ ވިދާޅުވިއެވެ.

އެންމެ ބޭނުންވީ ވަގުތު އެޗްއީއޯސީން ބުނީ މިއަދު ޕްރެސް ނުބާއްވަނެ ކަމަށެވެ. އެއާއި އެކު ނޫސްވެރިންގެ ކަންބޮޑުވުން އިތުރުވި އެވެ. އަދި ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކުރަން ފެށުމުން އޭގެ މާގިނަ އިރުތަކެއް ނުވެ ހެލްތް މިނިސްޓަރާއި އެކު ބާއްވާ ޕްރެސްއެއް މިރޭ 10:00 ގައި އޮންނާނެކަމަށް އެ ސެންޓަރުން އެންގި އެވެ. ކޮންމެ ކަމެއް ކުރަނީ ރައްޔިތު މީހާގެ ރުޅިގަނޑު ފަޅައިގެން ދިއުމުންނެވެ.

މީގެ އަހަރެއް ކުރިން ކޮވިޑު ބަލީގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވުމާއި އެކު ވީ އިހުމާލުގެ މައްސަލަ މިއަދާއި ހަމައަށް ބެލިފައި ނެތެވެ. އޭރު ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން ނޫސްވެރިންގެ ސުވާލުތައް ބަންޑުންވީ އިރުވެސް ވީއިރު ވެސް ދެވުނު ޒިންމާދާރު ޖަވާބެއް ނެތެވެ. ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ހިދުމަތް ނުކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ، އެ މަގާމު ކަން ކުރެވޭ ބޭފުޅަކާއި ހަވާލު ކުރެއްވުމެވެ.

މިއަދު ހެލްތް މިނިސްޓަރެއްގެ މަގާމުގައި ހުންނެވީ އެހެން ބޭފުޅެއްނަމަ، މަޖިލީސް ރޭގަނޑު ދަންވަރު ހުޅުވައިގެން ވިޔަސް ކުއްލި މައްސަލައެއް ކުރިޔަށް ގެންދިޔައީސްކަން ޔަގީނެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަކި ޕާޓީ އެއްގެ މީހަކު މިނިސްޓަރަކަށް ހުއްޓާ މިކަހަލަ ކަމެއްވީނަމަ އެމީހަކު ކާލީސް. ހަމަ އިސްތިއުފާ ދޭން ޖެހުން ނޫން ގޮތެއް ނޯންނާނެ. ދެން އެމްޑިޕީ މީހެއްނަމަ އެންމެން ވަރަށް އަންޑަސްޓޜންޑިންގް ވާނެ. ސައްލޭ މަޖްލީހުގް ސިވިލް ސާވަންޓުންނަށް ބަދުބަސް ބުނީމަވެސް ވީ އެހެން.އެންމެން އެއީ އެހެން ބުނި އެއްޗެއް ނޫން ކަމަށް ހަދާލީ. އެވާހަކަ އަސްލު ބުނި ގޮތް ތަރުޖަމާ ޕޯސްޓްތައް އޮތީ މުޅި އެފްބީގަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: