ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުމާލުތައް ހުރީ ބަރިބަރިއަށް، ނަސީމް އިސްތިއުފާ ދެއްވަން ޖެހޭ: ޑރ. ޑީޑީ

ޑރ. އިބްރާހިމް ދީދީ ސަންގުޓީވީގެ ޚަހަބަރަށްފަހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމުގައި ސައްތައިން ސައްތަ ހެލްތު މިނިސްޓްރީގެ އިހްމާލު އެބަ އޮތްކަމަށް ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް 19 ޖެހިގެން ނިޔާވި މިޝްކާ ބަލައި އެމްބިއުލާންސް އައި އާއިލާއިން އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި އެޗްޕީއޭއަށް ގުޅަމުން ދިޔަތާ ދެ ގަޑިއިރަށްވުރެ ފަހުން ކަމަށް ނިޔާވި ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އެކަމާއި ގުޅިގެން ގިނަ ރައްޔިތުން ހެލްތު މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދާއިރު، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުދު ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ވެސް ވަނީ އަމިއްލަފުޅަށް މިޝްކާގެ މަރުގައި ބައެއްގެ އިހުމާލު އެއްބައޮތްކަން އެއްބަސްވެވަޑައިގެންފަ އެވެ. 

މިޝްކާގެ މަރާއި ގުޅޭގޮތުން ރޭ “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ދީދީ ވަނީ ސިއްހީ ދާއިރައިން އިހްމާލުވެފައި ވަނީ ހަމައެކަނި މިޝްކާގެ މަރުގައި އެކަނި ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރާއްޖެ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރުގައި ވެސް އެފަދަ އިހްމާލުތަކެއްވެފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވަނީ މިޝްކާގެ މަރާއި، މީގެ އަހަރެއް ކުރިން ހިނގި ހާދިސާއާއި ހުރީ އެންމެ ތަފާތެއްކަން ފާހަގަކޮށްފައެވެ. އެއީ އުމުރުގައި ހުރި ތަފާތުތަކެއްކަމަށާއި، އެ ދުވަހު އުމުރުން ދުވަސްމީ މީހަކު ނިޔާވީ އެމްބިއުލާންސް ފޮނުވައިދިނުމަށް އެދުނުތާ އެތައް އިރެއްފަހުން، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ.

އެފަދަ މަރުތައް ތަހްގީގު ކުރާނެކަމަށް ހެލްތު މިނިސްޓްރީން ކޮންމެ ފަހަރަކުވެސް ބުނި ނަމަވެސް އެކަންކަމުގެ ތަހްގީގު ރިޕޯޓް ރައްޔިތުންނާއި ހަމައަށް ނާންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. ޑރ. ޑީޑީ ވަނީ ހެލްތު މިނިސްޓްރީއިން ވެފައި ހުންނަ އިހްމާލުތައް ހެލްތު މިނިސްޓްރީން ތަހްގީގު ކުރާނީ ކިހިނެއްތޯ އަހައި ސުވާލުވެސް އުފައްދައިފައެވެ. އެގޮތުން ހެލްތު މިނިސްޓްރީން އެކި ދުވަސްތަކުގެ މަތިން އެކި އަހަރުތަކުގައި ވެފައި ހުރި އިހްމާލުތައް ބަރި ބަރިއަށް އެބަ ހުރިކަން ފާހަގަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، އެފަދަ އެއްވެސް އިހްމާލަކަށް ލިބުނު އެއްވެސް އިންސާފެއް ނެތް ކަމަށެވެ.

ބޭރުގެ އެކި އެކި ކުންފުނިތަކުން ދިވެހި ސަރުކާރުގެ އަތުން އެއްވެސް ރުފިޔާއެއް ހަރަދުނުވާ ގޮތަށް، ބޭރުގެ އެ ކުންފުނިތަކުގެ ހަރަދުގައި ހުރިހާ ލެބޯރިޓީ ޓެކްނީޝަނުންނާއި ހުރިހާ ސަމާނުތަކާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް 19 އަށް ޕީސީއާރު ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރަށް ހުށަހެޅި ކަމަށް ޑރ ދީދީ ވިދާޅުވިއެވެ. އަދި އެ ހުށަހެޅުމާއި ބެހޭ މައުލުމާތު އެންމެ ކައިރިން އެނގޭ އެކަކީ އެބޭފުޅާ ކަން ފާހަގަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ކޮވިޑް ޓެސްޓް ކުރާން ބޭނުން ވާވަރަށް މާލެ ސަރަހައްދުގައި ލެބޯރިޓީ ގާއިމުކުރެވިފައި ހުރި ކަމަށް ބުނެ ސަރުކާރުން ވަނީ އެ ހުށަހެޅުންތަކަށް އިންކާރު ކޮށްފައިކަމަށެވެ.

އިންޑިއާގައި ހަލުވިކަމާއިއެކު ކޮވިޑް 19 ގެ ވޭރިއަންޓެއް ފެތުރެމުން ދިޔަ ދުވަސްވަރުގައި، އިންޑިއާއިން މީހުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތް ހަދައިދިނުމަށް ރައްޔިތުން އާދޭސް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ދިނީ ހަމަ ބީރުކަންފަތެއް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއިން އައި ފުޓްބޯޅަ ޓީމެއް މާލެ މަގުމަތީގައި މިނިވަން ކަމާއިއެކު އުޅުނު މަންޒަރު ފެނި އެކަމާއި ރައްޔިތުން އަޑު އުފުލަން ޖެހުނުކަން ފާހަގަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ރާއްޖެ މިއަދު މިއޮތް ހާލަތަށް ދިޔައީ 100 އިންސައްތަ ސަރުކާރުގެ އިހްމާލުން ކަމަށެވެ. އަދި އެކަމުގައި އިހްމާލުވެފައިވާ މީހުންނަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ޑރ. ޑީޑީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައިފަ އެވެ.

މިހާރު މިއޮތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭ ވަގުތު އައިސްކަން ފާހަގަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، އިތުބާރު ނެތް ކަމުގެ ވޯޓް ނަގާއިރު އެއީ ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ބަލާކަށް ނުޖެހޭ ކަމަށެވެ. ބަލަން ޖެހޭނީ އެމީހަކަށް މަގާމުގެ ޒިންމާތައް އަދާކުރެވޭތޯ ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ. މިއަދު ބޭނުންވަނީ ވަކި ޕާޓީއެއް ގޯސްކޮށް ވަކި މީހަކަށް ބަދުބަސް ބުނަން ނޫންކަން ފާހަގަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ބޭނުންވަނީ މިއަދު ރާއްޖެއަށް ދިމާވެފައި މިވާ ދަތި ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކޮށް، ކަމާއި ބެހޭ އިދާރާތަކުން ހަދާ ކުށްތައް މަދުކޮށް ރައްޔިތުންނަށް އިންސާފު ލިބޭނެ ނިޒާމެއް ގާއިމުވެގެން ދިޔުމަށް ކަމަށެވެ.

ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަން ފާހަގަކުރައްވަމުން ޑރ. ޑީޑީ ވިދާޅުވީ، ރައްޔިތުން އެމްޑީޕީ އަށް ވެރިކަން ދީ މަޖިލީހުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީއެއް ހޯދައިދިނީ ވަރަށް ފޮނި ހުވަފެންތަކަކާއި އެކުގައި ކަމަށާއި ނަމަވެސް ފެނިގެން މިދަނީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ނުޖެހި ދާ މަންޒަރު ކަމަށެވެ. ކޮވިޑް 19 ރާއްޖޭގައި ފެތުރެން ފެށުމުގެ ކުރިންވެސް، ރާއްޖޭގެ ރަށްތަކުގެ ސިއްހީ ދާއިރާގެ ކަންކަން އޮތީ ވަރަށް ދަތް ހާލަތެއްގައި ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.

ޕްރޮގްރާމް ލިންކު: https://www.facebook.com/SanguTelevision/videos/159598209474575

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: