ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.
ޒަމީލުގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވުމުގެ އިތުރުން ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ ޕީޖީ އޮފީހަށްވެސް ފޮނުއްވެވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވައި އެހެން މެމްބަރުން ތާއީދު ކުރެއްވިއެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ އެ ނިންމުމާ ޕާޓީތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕާލިމަންޓަރީ މެމްބަރުންގެ ވަޓްސްއަޕް ގުރޫޕާއި ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕްގައިވެސް ހޫނު ބަހުސްތަކެއް ވަނީ ހިނގާފައެވެ.
ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް މަޖިލީހުން ޕީޖީގައި އެދިފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

