ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާކަން އެނގޭ، އެންމެ އޮޕަރޭޝަނަކުން ނުހުއްޓުވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތަކަކީ ހަރުކަށި ފިކުރުގެ ހާއްޔެއްކަމަށް އަބަދުވެސް އަޑުތައް ފެތުރިފައިވެއެވެ. އާންމު ރައްޔިތުން ބިރުގަންނަ މިންވަރަކަށް ރާއްޖޭގައި މިވަގުތު ހަރުކަށި ފިކުރު ފެތުރިފައި އޮތްއިރު މިފިކުރުގެ ގިނަ ބަޔަކު މިވަގުތު ރާއްޖޭގައިވެސް އުޅެމުންދާކަން ވަނީ ހާމަވެފައެވެ.

ހަރުކަށި ފިކުރު މާނަ ކުރެވޭނެ ގޮތެއް މިހާތަނަށް އައިއިރު ރާއްޖޭގެ ގާނޫނު އަސާސީއިންވެސް އެނގެން ނެތްއިރު، ފަހަކަށް އައިސް ރާއްޖޭގައި ހިނގާ ގޮތް ނޭންގޭ ބޮޑެތި ހުރިހާ ކުށްތަކަކީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުގެ ގޮތުގައި ވަނީ ލޭބަލްކުރެވިފައެވެ. ބައެއް ހާލަތްތަކުގައި، ބައެއް މީހުންނަށް އެކަން ގަބޫލުކުރަންވެސް ފަސޭހަކަމަކަށް ނުވާއިރު “ހަރުކަށި ފިކުރު” މިއީ ތަހުގީގީ އިދާރާތަކާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުން ދުލަށް ފަސޭހައަކަށް ގެންގުޅޭ ބަހެއްގެ ގޮތުގައިވެސް ބައެއް މީހުން ފާހަގަކުރެއެވެ.

ހަރުކަށި ފިކުރުގެ މީހުން ނުވަތަ އެފިކުރު ރާއްޖޭގައި ޕްރޮމޯޓްކޮށް އެފިކުރަށް މީހުން ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނަކީ ކޮބައިކަން މިހާތަނަށް އައިއިރުވެސް ހޯދިފައިނެތެވެ. އެހެންނަމަވެސް، 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ހިންގި ބޮން ގޮއްވާލުމުގެ ހާދިސާއާއި ހަމަ އެއަހަރު އއ. ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން އުޅުނު ބަޔަކާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި އަދި ފާއިތުވި އަހަރުތަކުގައި ސިޔާސީ އެކި ވެރިންނަށާއި ނޫސްވެރިން ނުވަތަ ބްލޮގަރުންނަށް ދެވުނު ހަމަލާތަކާއި ގުޅުވައި ހަރުކަށި ފިކުރުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ހަރުކަށި ފިކުރަކީ ކޮބައިކަން ރަސްމީ އިދާރާއަކުން ހާމަކޮށްދެވިފައިވެސް ނެތެވެ. އަދި މިފިކުރު ރާއްޖޭގައި ފެތުރުމުގައި ހަރަކާތްތެރިވަނީ ނުވަތަ އެފަދަ މީހުން މިދޭ ހަމަލާތަކަށް ހަރަދުކުރާ ބަޔަކީ ކޮބައިކަންވެސް މިހާތަނަށް އައިއިރު ހޯދިފައެއް ނެތެވެ.

އއ ހިމަންދޫގައި ހިނގިހަމަނުޖެހުންތަކުގެ ތެރެއިން

ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ގިނަވެ، ރާއްޖޭގައި އެކި ހަމަލާތައް ދެވިފައިވާއިރު މިފަދަ ހަމަލާތައް ދެވޭނެ ވަރުގެ ނުވަތަ އެކަމުގެ ތަމްރީން ލިބިފައިތިބި 1300އަށްވުރެ ގިނަ މީހުން ތިބިކަމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ހާމަކޮށްފައިވެއެވެ. މިމީހުންނަކީ މީހުން މެރުމަށްވެސް ފަސްނުޖެހޭނެ ބައެއްކަމަށް ތަހުގީގީ އިދާރާތަކުން ހާމަކުރެއެވެ.

ކޮންމެވެސް ވަރަކަށް މައުލޫމާތުތަކެއް އެކި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކޮށްފައިވާއިރު ހަރުކަށި ފިކުރަށް ތަބާވާ މީހުންނަކީ ރާއްޖޭގެ ގާނޫނު އަސާސީ ގަބޫލުނުކުރާ، ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްގެ ގޮތުގައި ގަބޫލުކުރާ މީހުންކަމަށްވެއެވެ. އަދި ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކަށް އިހްތިރާމް ނުކުރާ، ސްކޫލްތަކުގެ ގައުމީ މަންހަޖު ގަބޫލުނުކުރާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ބޮޑެތި ބަދަލުތަކާއެކު މިވަގުތު އޮތް ސަރުކާރުންނާއި ރައްޔިތުން މަޖިލީހުން ޓެރަރިޒްމްގެ ބިލަށް އިސްލާހު ގެނެސް ބިލު ފާސްކުރުމުންވެސް، ޓެރަރިޒްމްގެ ގާނޫނުގައި އަދިވެސް ބޮޑެތި ލޫޕްހޯލްތަކެއް ހުރިކަން ހާމަވެގެން ދިޔައީ ރައީސް ނަޝީދުގެ ހަމަލާއަަށްފަހު ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. ހަރުކަށި ފިކުރުގެ މީހުން ނުވަތަ ބޮން ގޮއްވައި އެކި ގޮތްގޮތުން ގެއްލުން ދެވޭނެކަމުގެ ތަމްރީން ލިބިފައި ތިމި އެތައް ބަޔަކު ރާއްޖޭގައި ދޫވެފައި ތިބިކަން ހާމަވާއިރުވެސް އެމީހުންނާއިމެދު ފިޔަވަޅެއް އެޅިފައިނުވަނީ ކީއްވެތޯ ހޯމް މިނިސްޓަރުކުރެން ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ ގާނޫނުން އެކަމަށް ތަން ނުދޭ ކަމަށެވެ. ޓެރަރިޒްމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ މިއީވެސް އެންމެ އެދެވޭ އިސްލާހުތައް ނޫންކަން ހާމަވީ އެހިސާބުންނެވެ.

ޓެރަރިޒްމްގެ ހަމަލާތައް ދިނުމަށް ރާވާ، އެކަމުގެ މަޝްވަރާތައް ކުރެވޭ އެއް ތަނަކަށް މާލެ ސަރަހައްދުގެ ޖަލުތައް ވާނެކަމަށް އަބަދުވެސް ވާހަކަތައް ދެކެވެއެވެ. އެހެންނަމަވެސް، އަބަދުވެސް ޖަލުތަކުގެ ސެކިޔުރިޓީ ބަލިކަށި ވާހަކައާއި ޖަލުތަކަށް އެކި އެއްޗެހި ވައްދާ މައްސަލައަކީ އަބަދުވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމަކަށް މިވީހާތަނަށް އެދެވޭ ހައްލެއް ގެނެވިފައެއް ނެތެވެ. އެކަމަށް މާބޮޑެތި މަސައްކަތްތަކެއްވެސް ކުރެވިފައެއް ނެތެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހު ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މި އޮޕަރޭޝަންގައި ސީދާ ކޮމިޝަނަރ އޮފް ޕްރިޒަންސްވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ސަންގު ޓީވީއިން ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި ގުޅުމުން ކޮމިޝަނަރ ވިދާޅުވީ އޮޕަރޭޝަނަށްފަހު އޮޕަރޭޝަނާއި ގުޅުންހުރި މައުލޫމާތު މީޑިޔާއާއި ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، ހަމަލާއާއި ގުޅިގެން އިތުރު އެހެން ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން މާލެ އާއި ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެކި ގެތައް ބަލައި ފާސްކޮށް ބައެއް ސާމާނާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެދުވަސްވަރު އައްޑޫ ސިޓީއިންވެސް ވަނީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބެލެވޭ މީހުން ހައްޔަރުކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ލިބުނު ހަމަލާއެއްކަމަށް މިވަގުތަށް ބެލެވެން އޮތްއިރު ހަރުކަށި ފިކުރު މިހާ އާންމުވި ސަބަބަކާއިމެދު އާންމުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ހަރުކަށި ފިކުރާއި އެއްވަރަށް އިސްލާމްދީނަށް މަލާމާތްކުރުން ނުވަތަ ލާދީނީ ފިކުރު ރާއްޖޭގައި އާންމުވެފައިވުމަކީ ހަރުކަށި ފިކުރަށް ބާރުދޭ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިދުވަސްވަރު އަނެއްކާވެސް ގިނަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާއިރު، މީގެކުރިންވެސް މިފަދަ ހަމަލާތަކާއި ވިދިގެން މިފަދަ އޮޕަރޭޝަންތައް ހިންގާ މިންވަރު އިތުރުވެފައިވެއެވެ. އެހެންނަމަވެސް، ދުވަސްކޮޅަކަށްފަހު މިފަދަ ކަންކަން ބެލުން މަޑުޖެހި، އަނެއްކާވެސް މިފަދަ މައްސަލަތައް ބަލަން ފަށަނީ ކޮންމެވެސް ހަމަލާއެއް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ދިނުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: