ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފް ވިދާޅުވީ ސިޔާސީ ގޮތުން ކުރާ ޖެއްސުންތަކަށް އޭނާ ވެސް އެނބުރި ޖަހާނެކަމަށް!

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މަންފާ ލިބިފައިވާކަމަށް ބުނެ ކުރާ ދައުވާއަކީ މަޖިލީހުގެ ތެރެއިން ބަޔަކު އިސްވެގެން ތިބެ ހިންގާ ޖަރީމާއެއްގެ ގޮތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ސިފަ ކުރައްވައިފި އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މަންފާ ސިޔާސީ އެތައް ބަޔަކަށް ލިބިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގަބޫލު ކުރެ އެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދާ ތަހުގީގު ރިޕޯޓުުގައި 281 މީހެއްގެ ނަން ހިމެނޭއިރު، ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އޭގައި ހިމެނެ އެވެ. އެ ނަންތައް ދިރާސާ ކުރުމަށްފަހު ލިސްޓު އާއްމުކުރީ ރައްުޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީންނެވެ. އެއީ މިދިޔަ މޭއި މަހުގެ ތެރޭގަ އެވެ.

“މޫސަގެ ހޫނު ގޮނޑި” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ކްލަބް ހައުސްގައި އާއްމުންގެ ސުވާލުތަކަށް މަހުލޫފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އޭނާއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމަށް ގޮވާލައި އޭރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް އެންމެ ބޮޑު މަސައްކަތެއް ކުރި މީހާ ކަމަށެވެ. ކަރުދާހަށް ޕްރިންޓުކޮށްފައިވާ ޑޮލަރުތައް ހިފައިގެން، ރައީސް ޔާމީން ދިރިއުޅުއްވި ގެކައިރިއަށް، އެ ކަރުދާސް އެޅުމާއި އެ ނޫންވެސް އެތައް ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވިކަމަށް މަހުލޫފް ވިދާޅުވި އެވެ.

“އަޅުގަނޑަކީ މި ސަރުކާރު ގެންނަން….. މި ވާހަކަ އެންމެ ގަދައަށް ދެއްކި އެކަކު. އެންމެ ބާރަށް މި ވާހަކަތައް ދެއްކި މީހަކީ އަޅުގަނޑު… އަޅުގަނޑަކީ މިއީ ތި ޑޮލަރުތަކެއް ކުރަހައިގެން ގޮސް ތި މަގުތަކަށް، އަޅާ…. މަގުމަތީ ދުވެ ހަޅޭއްލަވައި، ތި ހުރިހާކަމެއް ކުރި މީހާ…. އެ މީހާ ފަހަތުން ތިޔަ ކޮމިޝަނެއް ހަދާފައި ކުއްލިއަކަށް މުޅި ކޮމިޓީއެއް އެއްވެފަ ރޭވިގެން ތިކަމެއް ކުރީ” މަހުލޫފް

މި ސަރުކާރު ގެނައުމަށް އެތައް މަސައްކަތެއް ކުރުމަށްފަހު އެންމެ ފަހުން އެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަންތަކާއި އިދާރާތްތަކުން އޮފީސްތައް ހުޅުވައި އެންމެ ފުރަތަމަ ވެސް ހިފީ އޭނާގެ ކަރުގައިކަމަށް ވުމީ ހިތާމާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި މަހުލޫފް ވިދާޅުވި އެވެ. އަދި ކޮމިޝަނުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޖިނާއީ ދައުވާއެއްކޮދޭން އެދި ފޮނުވި ހަމައެކަނި މީހަކީ ވެސް އެއީކަމަށެވެ.

މިއީ ސިޔާސީ ބަޔަކު އިސްވެ ތިބެ، އޭނާގެ ކުރިއަރަމުން އަންނަ ސިޔާސީ ހަޔާތް ދުއްވާލުމަށް ބަޔަކު ހިންގާ “ޖަރީމާއެއް” ގެ ގޮތުގައި މަހުލޫފް ސިފަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމުގެ “އަޑީގައި” ތިބީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައެއް އިސް ބޭފުޅުންކަމަށެވެ.

މަހުލޫފް ވިދާޅުވީ ސިޔާސީ ގޮތުން އަނެކާއާއި ޖައްސާލައި، ޖެއްސުން ކުރަން ފެށުމުން އެއްކައިރިއަށް ޖެހިދާނެކަމަށް ގަބޫލު ކުރާނަމަ އެއީ ކުށްހީއެކެވެ. އަދި ސިޔާސީ ގޮތުން އޭނާއަށް ދޭ އެތިފަހަރެއްގެ ރައްދު އޭނާވެސް ދޭނީ ސިޔާސީ ގޮތުންކަމަށް ވިދާޅުވި އެވެ.

“މިހާރު އެމްއެމްޕީއާރުސީ މައްސަލައިގައި މިހާބޮޑު އެތިފަހަރެއް އަޅުގަނޑުގެ ގައިގައި މިޖަހަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން. އަޅުގަނޑަކީ ވަރަށް ސިޔާސީ މީހެއް.. އެ ވަރު އިނގޭނެ އިގޭތޯ މިވަރު މިކުރާ ފަރާތްތަކަށް…. އެއްވެސް ހާލެއްގައި އެބޭފުޅުން ހީފުޅުކުރައްވައިގެން ނުވާނެ އަޅުގަނޑުގެ ގައިގައި މިހެން ނޭނގޭކަމަށް ހަދައިގެން ތިބެ ބޮނޑިއެއް އަޅާލީމާ އަޅުގަނޑު މިހެން މަޑުމަޑުން އަރިއަކަށް ޖެހިލާނެއެކޭ…. އެހެންނެއް ނުވާނެ އިނގޭތޯ، އެހެންވީމަ އަޅުގަނޑުގެ ގައިގައި ސިޔާސީ ގޮތުން ޖެހީމާ، އަޅުގަނޑު ވެސް ސިޔާސީ ގޮތުން ހަމަ ޖަހާނަން..” މަހުލޫފް

ދުނިޔޭގެ ގައުމުތަކުގައި މީހެއްގެ މައްޗަށް ސީރިއަސް ބޮޑު ތުހުމަތުތަކެއް ކުރެވޭ ހިސާބުން މަގާމުން އިސްތިއުފާ ދޭކަން އާއްމުން ފާހަގަ ކުރި އެވެ. އަދި އެގޮތަށް މަހުލޫފް އަމަލު ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ވިދާޅުވީ ހިޔާނާތެއް ހިންގިނަމަ އޭނާ ވެސް ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް އިސްތިއުފާ ދިނީސްކަމަށެވެ. އެހެން ނަމަވެސް، ނުކުރާ އަމަލެއްގެ ދޮގު ތުހުމަތު ބޮލުގައި އަޅުވައިގެން އިސްތިއުފާ ނުދޭނެކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް ނެރުނު އިރު، އެސްއޯއެފް އިން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތެރޭގައި މަހުލޫފް ހިންގާފައިވާ މުއާމަލާތެއް ހިމެނެ އެވެ.

ލިސްޓު އާއްމު ކުރިއިރު ވެސް މަހުލޫފްއަށް އޮތީ ދައުވާ ކުރާ ހިސާބުގައިކަން އެނގެން އޮތެވެ. މަހުލޫފް އެކަމަށް ދެކޮޅު ހަދާއިރު، މިވަގުތު މަހުލޫފް ހުންނެވީ ހިޔާނާތުގެ މައްސަލައިގައި ދެވަނަ ފަހަރަށް ސަސްޕެންޝަނުގަ އެވެ.

އެ ލިސްޓު އާއްމުކުރުމަށްފަހު ކޮމިޓީން ފާސްކުރީ، ހިޔާނާތުގެ މަންފާ ލިބުނު އެންމެން މަގާމުން ވަކި ކުރުމަށެވެ. މަޖިލީހުގެ ނިންމުމަށް ސަރުކާރުން ބުނީ، މައްސަލަ ޕީޖީއަށް ލިބި އެ އިދާރާއިން މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކު ކުރާނެ ކަމަށެވެ.

މަހުލޫފްއަށް ދައުވާ ކުރުމަށް އެދި އޭސީސީން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ހިޔާނާތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު އަހުމަދު އަދީބުގެ އަތުން ނަންގަވާފައިވަނީ މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ހުރުމަށް ކަމަށެވެ. އަދި އެ ދުވަހުގެ ވޯޓަށް މަހުލޫފް ވަޑައިގަތީ މެލޭޝިއާގައި ހުންނެވުމަށްފަހުކަމަށް ވެސް ވެއެވެ. ވޯޓަށް ފަހު އަދީބާއި މަހުލޫފު ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަދީބު އޭނާއަށް ދެއްވާފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: