ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީއަށް 13: އޮތީ ގަޑުބަޑުވެފައިވާ ނިޒާމެއް!

ގާނޫނުއަސާސީ ތަސްދީގް ކުރުމުގެރަސްމީއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ޚުދުމުހުތާރު ވެރިކަމަކާއި ދެކޮޅަށް ރައްޔިތުންގެ ތެރެއިން ބަޔަކު އިސްވެ ތިބެ ކުރި މަސައްކަތުގެ އެއް ނަތީޖާއަކީ މީގެ 13 އަހަރު ކުރީން އޮގަސްޓު 07، 2008 ގައި ލިބުނު ފެހި ގާނޫނު އަސާސީ އެވެ. މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިސްލާހީ ހަރަކާތެއް އިއުލާނު ކުރުމަށް މަޖުބޫރުވެގެން ދިޔަ އެވެ.

ސެޕްޓެމްބަރު 03، 2003 ގައި މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާއި އެ ހާދިސާއާއި ގުޅިގެން މާފުށީ ޖަލުގައި ހިނގާ ދިޔަ ބަޑި ޖެހުމުގެ ހާދިސާގައި ރައީސް މައުމޫނަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިލާންޖެހުނެވެ. 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫނާއި ކުރިމަތިލާން ޖެހުނު ސަރުކާރުގެ އެންމެ ބޮޑު ލޮޅުމަކީ އެއީ އެވެ. އެތެރެއިންނާއި ބޭރުން އައި ފާޑުކިއުންތަކާއި، ސަރުކާރާއި ދެކޮޅަށް ފާޅުގައި އެންމެން ނިކުތުމުން ވެރިކަން ހިންގުމުގެ ނިޒާމަށް ބަަދަލު ގެނައުމަށް ރައީސް މައުމޫނަށް މަޖުބޫރު ވިއެވެ.

އިސްލާހީ އެޖެންޑާއެއްގެ ދަށުން މަސައްކަތް ފަށާކަން ރައީސް މައުމޫން އިއުލާނު ކުރެއްވީ، ޖޫން 09، 2004 ގަ އެވެ. “ނޫ ގާނޫނު އަސާސީ” އަށް ނިމުމެއް ގެނެސް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނިންމެވިއިރު ގާނޫނު ވުޖޫދު ކުރިތާ 10 އަހަރު ވެސް ނުވެ އެވެ. ނޫ ގާނޫނު އަސާސީ އާއި ދަތެއް ނެތް ސިންގާއެކޭ އެއްފަދަ އެވެ.

އިސްލާހީ އެޖެންޑާގެ ދަށުން ރައީސް މައުމޫންގެ ބޮޑެތި ނިންމުންތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިން ވަކި މުވައްސަސާއެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އަދި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ބަންދު ކުރެވޭ މަރުކަޒުތަކާއި ޖަލުތަކުގައި ހަރަކާތްތެރިވާނީ ވަކި މުވައްސަސާއެއް ގާއިމުކުރެއްވިއެވެ. އެއީ ކަރެކްޝަނަލް ސާވިސް އެވެ. އެއަށްފަހު ސިފައިންނާއި ފުލުހުން ވަކިކޮށް، ދެ މުވައްސަސާއެއް އުފެއްދީ ސެޕްޓެމްބަރު 01، 2004 ގަ އެވެ.

ރައްޔިތުން އެންމެ ބޮޑަށް އަޑުއުފުލަމުން ދިޔައީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގައި މިނިވަންކަމާއި އެކު ސިޔާސީ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށެވެ. އެހެންވެ، އިސްލާހު ކުރެވޭ ގާނޫނު އަސާސީގެ ދަށުން ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ތައާރަފް ކުރައްވާނެކަން ހާމަކުރި އެވެ.

އޭރު ރައީސް މައުމޫނަށް އަމާޒު ކުރަމުން ދިޔަ ބަސްތަކުގެ ތެރޭގައި ހުދުމުހުތާރުކަމާއި، ގޮށް މުށުގެ ބާރު ބޭނުން ކުރުން ހިމެނެ އެވެ. ހުރިހާ ބާރެއްގެ ވެރިއަކަށް ހުންނެވި ރައީސް މައުމޫނަށް އަމާޒުކޮށް، ބަހެއް ބުނަން ކެރޭ ވަރުގެ ދިވެހިންތަކެއް އުފެދުން ވީ، ރާއްޖެ އިސްލާހީ މަގަށް މަސައްކަތް ކުރުމަށް ފެށުނު ސަބަބަކަށެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންމިދާ ފެހި ގާނޫނު އަސާސީ އޮތީ، އެއް ބާރު އަނެއް ބާރާއި ވަކިވެފަ އެވެ. ދިވެހި ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތަކުން، ވެރިއަކު އައްޔަން ކުރާ ގޮތަށެވެ. ސިޔާސީ ޕާޓީތަކަށް، ހަރަކާތްތެރިވެވޭނެ ޖާގަ ފުޅާކޮށްދީފަ އެވެ.

އެހެން ނަމަވެސް ސުވާލަކީ، އޭރު ކުރި އުންމީދާއި ބޭނުންވި ބަދަލު ފެނޭތޯ އެވެ. އެންމެ ބޮޑަށް ވަކާލާތު ކުރި، ހުދުމުހުތާރުކަން ވެރިންގެ ކިބައިން ފޮހެވިގެން ގޮސްފިތޯ އެވެ. 13 އަހަރު ފަހުން މިއަދު ވެސް ދައްކަނީ އެ ގާނޫނު އަސާސީއަށް އިސްލާހުތައް ގެންނަ ވާހަކަ އެވެ. ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭ ވާހަކަ އެވެ. އެ ބަހުސްގެ ތެރެއަށް އާ ބަހުސެއް ވެއްދީ އެވެ. އެއީ، މިއީ މަސްހުނިވެފައި އޮތް ނިޒާމުގެ ވާހަކަ އެވެ. ފެހި ގާނޫނު އަސާސީގައި އެކުލެވެނީ ބަރުލަމާނީ އާއި ރިޔާސީ ނިޒާމުގެ ސިފަތަކެއްގެ ގޮތުގައި ބުނެ އެވެ.

ރިޔާސީ ނިޒާމުގެ އެންމެ ބޮޑު އަސާސަކީ ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމެެވެ. އެ ނިޒާމަށް “ޗެކް އެންޑް ބެލެންސްޑް” ނަަމުން ނަން ދިނެވެ. ރިޔާސީ ނިޒާމުގެ އަސްލަކީ ވެސް އެއީ އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޖުޑިޝަރީ ވާން ޖެހޭނީ، މިނިވަން ދާއިރާ އަކަށެވެ. އެހެން ކަމަށްވާނަމަ، “ގަޑުބަޑުވެފައިވާ” ފެހި ގާނޫނު އަސާސީ އޮތް ހާ ދުވަހަކުން އަމަލު ކުރަންޖެހޭނެ ނިޒާމަކީ މިއީ އެވެ.

މި ނިޒާމުގެ ދަށުން ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިންނެވެ. ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ސަރީހަ އިބާރާތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިންކަމަށާއި އެންމެހާ ބާރުތައް ދެމި އޮންނާނީ ދިވެހި ރައްޔިތުންގެ ކިބައިގާކަމަށް ބަޔާންކޮށްފައިވެ އެވެ.

މިހާރު މިއޮތް ނިޒާމުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ނުވަތަ ބަރުލަމާނީގެ އެއް ސިފައަކީ މަޖިލީހަށް އޮންނަ ބާރުތަކެވެ. އަދި ޖުޑިޝަރީ ދާއިރާ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި، މަޖިލީހުގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރަކު ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން ހިމެނެ އެވެ. ފަނޑިޔާރުންނާއި، ކޯޓުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ މި ކޮމިޝަނަށް ދައުލަތުގެ ދެ ބާރުގެ ނުފޫޒު ވަނުމުގެ ފުރުސަތު ބޮޑެވެ. މަޖިލީހުންނާއި، މަޖިލީހުން ބޭރުން ވެސް ޖޭއެސްސީގެ ނިންމުންތަކާއި މެދު ތަޅާފޮޅުންތަކާއި ހަމައަށް ދެ އެވެ. މިއީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނެވެ.

ގާނޫނީ ބޭފުޅުން އިއްތިފާގު ވާގޮތުން ޖޭއެސްސީގައި ސިޔާސީ ބަޔަކު ތިބޭކަށް ނުޖެހެ އެވެ. ސަރުކާރާއި، މަޖިލިސް، އަދި ސިޔާސީ ބަޔަކު ކޮމިޝަންގެ ތެރެއަށް ވަނުން ގޯހެވެ.

އެއް މައުޟޫއިން، އަނެއް މައުޟޫއެއް ނެރުމުގެ ވިސްނުމެއް ނެތެވެ. އެހެން ނަމަވެސް ވެރިކަން ކުރަން ދަތިވަނީ ފެހި ގާނޫނު އަސާސީގެ ސަބަބުން ތޯ ސުވާލު އުފެދެ އެވެ. ފެހި ގާނޫނު އަސާސީ ބަދަލުކޮށް، ބަރުލަމާނީ ނިޒާމެއް ގެނައުމުން މިހާލަތުގައި ލިބޭނެ ވަކި ހަމަޖެހުމެއް ނޯންނާނެ އެވެ. އެ ވާހަކަ އިހަށް މިވަގުތަށް ބާއްވާނަމެވެ.

ގާނޫނު އަސާސީ އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ގަބޫލު ކުރާ ގޮތުން، ފެހި ގާނޫނު އަސާސީގެ މަސައްކަތް ބަޔަކު ފެށީވެސް ހެޔޮ ނިޔަތެއް އޮވެގެންނެއް ނޫނެވެ. ރައީސެއްގެ ގޮށްމުށުގެ ބާރު ކަނޑުވާލުމުގެ ނިޔަތާއި އެކު ފެށި މަސައްކަތުން، ބާރުތައް ދެވުނީ ރައްޔިތުންގެ މަޖިލީހަށެވެ. މިހާރު އޮތް ގޮތުންނަމަ، ސަރުކާރު ހިންގަން ވީ މަޖިލީހުންނެވެ. އެކަން ފެށުނީ، މަޖިލީހުގެ ގޮނޑިއަށް މިހާރު މި އޮތް ނިޒާމާއި މުޅިން އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް އާދެވުމުންނެވެ.

އޭގެ ކުރު މިސާލެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވާ ބައެއް ބާރުތަކަށް ފައިން އަރާ މަޖިލީހުން އޭގެ ތެރެއަށް ބަސް ބުނުމެވެ. ސަރުކާރުގެ ވަޒީރުން ދެއިރު ދެދަޅައަށް މަޖިލީހަށް ހާޒިރުކޮށް، ސުވާލުކޮށް އެ މީހުން “ގްރޭޑު” ކުރުމެވެ. ރިޔާސީ ކޮމިޝަންތަކާއި، މިނިވަން މުވައްސާތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ރައީސަށް “އޯޑަރު” ދެނީ މަޖިލީހުންނެވެ. ރައީސްގެ ނިންމެވުންތައް، ބަދަލު ކުރަންޖެހޭކަމަށް ބުނެ އޭގެ މައްޗަށް ގޮތް ނިންމަނީ އެވެ.

ފެހި ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ގޮތުން ދައުލަތުން ގޮތް ނިންމަން ވާނީ ރައްޔިތުންގެ ބާރު އޮވެގެންނެވެ. ފެހި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ވާ ގޮތުގައި މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ. ނަމަވެސް މިއީ ހަމައެކަނި ގާނޫނުއަސާސީގައި ވާ ވާހަކަތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: