ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ބޯޑުގެ ނިންމުން: ހަތް އޮފިސަރުން ވަކި ކުރަން ދިން ލަފާ ދަނީ ދިރާސާ ކުރަމުން!

އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދިޔަ މުޒާހަރާއެއް ފުލުހުން ރޫޅާލަނީ/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ހިދުމަތް އިސްލާހުކުރަން އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމި ނިންމުން ލިބި، އެ ދިރާސާ ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލައިވާ، ޕޮލިސް ބޯޑުގެ ނިންމުމުގެ ދަށުން އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރަން ނިންމާފައިވާކަން މީޑިއާތަކުން އިއްޔެ ރިޕޯޓު ކުރި އެވެ. ބޯޑުގެ ނިންމުން ތަންފީޒު ކުރައްވަންޖޭނީ ކޮމިޝަނާ އޮފް ޕޮލިސް އެވެ. އަދި އެ ނިންމުނ ތަންފީޒު ކުރުމަށް ސީޕީ ހަމީދަށް ފޮނުވާފައިވާއިރު، ގާނޫނުގައި އެކަމަމަށް ވަކި މުއްދަތެއް ދީފައި ނެތެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކޮށް، މި އަހަރުގެ މާޗު މަހު އަމަލު ކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ލާއިންސާނީ އަމަލުތައް އަދި ކޮރަޕްޝަނާއި އެ ނޫން ވެސް ސީރިއަސް ބޮޑެތި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބަލައި އެ މީހުން މަގާމުގައި ދެމިތިބުމާއި މެދު ގޮތެއް ނިންމާ ބޯޑެކެެވެ. ގާނޫނު ބުނާ ގޮތުން ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަތައް ބަލައި ނިންމަން ޖެހޭނެ އެވެ.

ބޯޑުން ގޮތް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭ އިތުރު ބައެއް ކަންތަކުގެ ތެރޭގައި، ފުލުހުންގެ ހިދުމަތުގައި އެ އޮފިސަރަކު މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އޭނާ އަދާކުރި ހިދުމަތާއި، އެ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް އެއްވެސް ތުހުމަތުތަކެއް ކުރެވިފައިވާތޯ ބަލަން ޖެހޭނެ އެވެ. އަދި ގާނޫނުގައި ބުނާ ތައުލީމީ ފެންވަރާއި، ސުލޫކު ދެމެހެއްޓުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ބަލައި ހޯދަން ޖެހޭނެ އެވެ. އޮފިސަރަކާއި ގުޅޭގޮތުން މައްސަލައެއް، ނުވަތަ ޝަކުވާއެއް ވާނަމަ އެ އޮފިސަރަކު ބޯޑަށް ހާޒިރުކޮށް އޭނާއާއި ސުވާލު ވެސް ކުރަން ޖެހެ އެވެ.

މައްސަލަތައް ބަލައި، ތުހުމަތުތައް އޮފިސަރެއްގެ މައްޗަށް މަދަނީ މިންގަނޑަކުން ސާބިތުވާނަމަ އަދި އޭނާއަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ މީހެއްކަމަށް ސާބިތުވާނަމަ އެ އޮފިސަރަކު ވަޒީފާއިން ވަކި ކުރަން ބޯޑަށް ނިންމޭނެ އެވެ.

ބޯޑުގެ ނިންމުންތަކުގެ ތަފްސީލު ދޭން އެދުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް އެފަދަ އެންގުމެއް ލިބިފައި ނެތް ކަމަށެވެ. ހޯމް މިނިސްޓްރީން ވެސް ބުނީ، ޕޮލިސް ބޯޑުގެ ނިންމުން ނާންގާ ކަމަށެވެ.

އެނގިފައިވާ ގޮތުން، ޕޮލިސް ބޯޑުން ނިންމީ ހަތް އޮފިސަރަކު މަގާމުން ވަކި ކުރުމަށެވެ. މި ނިންމުން ނިންމީ ތުހުމަތުތައް ކުރެވުނު އޮފިސަރުންތަކާއި ސުވާލު ކުރަން ހާޒިރު ކުރުމަށްފަހު އެވެ.

މަގާމުން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރޭގައި ހިމެނެނީ:

  • ސުޕްރިންޓެންޑެންޓް ޕޮލިސް މުހައްމަދު ދާއޫދުެ
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
  • ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު
  • ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު
  • އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ

ވަކި ކުރަން ނިންމި އޮފިސަރުންނަށް ކުރަނީ ކޮން ތުހުމަތުތަކެއްކަން ސާފެއް ނޫނެވެ. އެހެން ނަމަވެސް މީގެ ތެރެއިން ބައެއް އޮފިސަރުންނާއި ގުޅޭގޮތުން މީޑިއާތަކުގައި އެކި ގޮތްގޮތުން ވާހަކަ ދެކެވިފައި އެބަހުއްޓެވެ. އޭގެ ތެރެއިން ދާއޫދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލާފައި ވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓަކަށް ލައިކެއް ދިން މައްސަލައެއް ފެންމަތިވި އެވެ. ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ޖުޑިޝަރީއަށް މި ސަރުކާރުގެ ބޭފުޅުން އަތް ބާނައިގެންކަމަށް ބުނެ ޑރ. ޖަމީލު ކުރެއްވި ޓްވީޓަކަށް އޭނާ ލައިކް ދީފައިވާ ތަން ފެންނަ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވުމުން އޭނާ ބުނީ ސިޔާސީ އެފަދަ އެއްވެސް ކަމަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. ދައޫދު އަކީ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑު ވެސް ކުރި އޮފިސަރެކެވެ.

ވަކި ކުރަން ނިންމި ޝުހާދަކީ ވެސް ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑު ކުރި އޮފިސަރެކެވެ.

ޕޮލިސް ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރައްވާނީ، ކޮމިޝަނާރ އޮފް ޕޮލިސް އެވެ. މި ނިންމުން ހަމީދަށް ފޮނުވާފައިވާކަން ސާފެއް ނޫނެވެ.

ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: