ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ހުއްޓުވީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތި، އާއްމުން ރަތަށް!

މަސައްކަތުގެ މާހައުލުގައި ހިނގާ ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި އަންހެން ކުއްޖަކު ބިޑިއަޅުވާ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހަނީ/ ފޮޓޯ: ޖެރީ (އަޝަހާދު)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ގޯނާގެ ފުރައްސާރަތަކާއި ދެކޮޅަށް ރޭ ޒުވާނުންތަކެއް ނިކުތީ އެއްގޮތަކަށް ވެސް އެ ހިނގާލުން ހަލަބޮލިކޮށްލުމުގެ ނިޔަތުގައެއް ނޫނެވެ. ސުލްހަވެރިކަމާއި އެކު، އެ މީހުންގެ އަޑުއުފުލުމަށެވެ. އެހެން ނަމަވެސް، ޒުވާނުންތަކަށް ހުރަސްއަޅައި އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލު ކުރީ ސިޔާސީ ބޮޑެތި މުޒާހަރާތައް ރޫޅާލާ އުސޫލުންނެވެ. ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހައި ބައެއް ޒުވާނުން ހައްޔަރު ކުރި އެވެ.

ބައިވެރިންނަށް އަމާޒުކޮށް ބައެއް ފުލުހުން އަވަގުރާނަ ގޮވި އަޑު ނޫސްވެރިންނަށް އިވޭނެ އެވެ. އަދި އެ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ވެސް އަނިޔާކޮށް، ބޭއަދަބީކޮށް އޮފިސަރުން ވާހަކަ ދެއްކި އެވެ. ރޭ ފުލުހުންގެ އަމަލުތައް ހުރި ގޮތާއި ގުޅޭގޮތުން އެތައް ބައެއްގެ ފާޑުކިއުމާއި ނުރުހުން ވަނީ އަމާޒުވެފައެވެ.

ޒުވާނުންތަކެއް އިސްވެ ކުރިޔަށް ގެންދާ “ރައިޒް އަޕް އެމްވީ” މޫވްމަންޓުގެ ހަރަކާތްތައް ފެށީ ރަސްފަންނު ސަރަހައްދުންނެވެ. އަދި އެތަނުގައި ޝުއޫރުތައް ފާޅުކުރުމަށްފަހު، މަޖީދީ މަގުން ހިނގައިގަތުމާއި އެކު އައިކެއާ ސަރަހައްދުން ފުލުހުން އެ މީހުންނަށް ހުރަސްއެޅި އެވެ. އަދި އެ މީހުން ބޭނުންކުރި މެގަ ފޯނު ޖަހައިގަތެވެ. އެގޮތަށް ފުލުހުން އަމަލު ކުރަން ފެށުމުން، ބައިވެރިން ބިންމަތީ އިޝީނދެ ޝުއޫރު ފާޅު ކުރަނިކޮށް، ހަރަކާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުނު ޒުވާނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، އެ ވަގުތު އޭނާ ކައިރީގައި ތިބި އެކުވެރިން މަސައްކަތް ކުރީ އެކަން ވިޔަ ނުދޭންށެވެ. އެއްވެސް ގާނޫނީ އިންޒާރު ދިނުމެއްނެތި ފިރިހެން ފުލުހުން އެތަނުގައި ތިބި އަންހެން ކުދިން އަތުގައި ހިފާ ފަހަތަށް ޖައްސަމުން ދިޔައެވެ. އަދި ޒުވާނާ ހައްޔަރު ކުރުމަށް ކުލަ ހެދުމުގައި އިން އަންހެން ފުލުހަކު ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެތަނުގައި އެވަގުތުއިން އަންހެން ފުލުސް، ޕެޕާ ސްޕްރޭ ފުޅި އަންހެން ކުއްޖާގެ މޫނަށް އަމާޒުކޮށް ޖެހިއެވެ. އަދި ބޮލުގައި ހިފާ ހިއްލާލުމަށްފަހު އަނެއްކާވެސް މޫނަށް އަމާޒުކޮށް ޖެހިއެވެ. އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި، އަނެއް ދެ އަންހެން ކުދިންނަށް ވެސް އަމާޒުކޮށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ފުލުހުން ޖެހި އެވެ.

އިހުތިޖާޖު ކުރި ޒުވާނުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުން ވަނީ ވަރަށް ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި ޒުވާނުން އެތަނުން ދުރުކުރުމަށް މަސައްކަތް ކުރަމުން ދިޔައީ އަނިޔާވެރިކަމާއި އެކު އެވެ. މި ވީޑިއޯތަކާއި ފޮޓޯތައް އާއްމުވުމުން ފުލުހުންނަށް އެތައް ފާޑުކިއުމެއް ދަނީ އަމާޒުވަމުންނެވެ.

ރޭ ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިންގެ ނުރުހުން ފުލުހުންނަށް އަމާޒުވި އެވެ. އަދި މިއީ ޕްރޮފެޝަނަލް ސްޓެންޑާޑްއެއް ނޫންކަމާއި، މި މައްސަލަ ތަހުގީގު ކުރަންޖެހޭކަން ނޫސްވެރިން ފާހަގަ ކުރިއެވެ. ނޫސްވެރިން ވަނީ، ޕެޕާ ސްޕްރޭ ޖެހުމުގައި ފުލުހުން އަމަލުކުރީ ކޯޑް އޮތް އެތިކްސްއާއި ހިލާފަށްކަމަށް ބުނެ އެކަން ބަލަން ޖެހޭކަމަށް ބުނެފައެވެ. ގްރޫޕުގެ ތެރޭގައި ސުވާލުތައް ގިނަވެ، ފުލުހުން ބުނީ މުޒާހަރާގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްއިންނާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށްދާވަރަކުން އޭގެ ތަފްސީލުތައް މީޑިއާތަކާއި ހިއްސާ ކުރާނެކަމަށް ބުންޏެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޖިންސީ ގޯނާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތް ބެލުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އާއްމުންގެ ކަންބޮޑުވުންތަކަށް އިހުތިރާމު ކުރާކަން ފާހަގަކޮށް ހަމީދު ވިދާޅުވީ އޮފިސަރުންނާއި މެދު ހުރި ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސްއިން ބަލަމުން ގެންދާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓްވީޓެއް ކުރައްވާ ވިދާޅުވީ، ބާރުގެ ބޭނުން ކުރުން ގާނޫނުން ހުއްދަ ކުރާ ހާލަތްތަކުގައި ވެސް ބާރުގެ ބޭނުން ކުރަންވާނީ، އެކަން ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެހެންކަމުން އިހުތިޖާޖުގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ތަހުގީގި ކުރާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އާއްމުންގެ ރުޅިގަނޑު ފަޅައިގެން، ފުލުހުންނަށް އެތައް ފާޑުކިއުންތަކެއް!

ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯއާއި އެކު ރޭގެ މުޒާހަރާގައި އުޅުނު އޮފިސަރުންގެ މައްސަލަ ބަލަން އާއްމުން ދަނީ ގޮވާލަމުންނެވެ. އަދި ފުލުހުންގެ ރީފޯމްއަކީ މިއީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

“އިސްލާހަކީ ގާނޫނަކުން ވާކަމެއް ނޫން” މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

“މާ ބޮޑަށް މަދިރި ގިނަވެގެން ސްޕްރޭ ކުރަނީ ތަ؟ ކުރަފި އުޅޭތީ އެ ފައްސަން ސްޕްރޭ ކުރަނީތަ؟ ހަތަރެސް ފައި ބަދެ ބިންމައްޗަށް ވައްޓާފައި ލޮލަށް ޕެޕާރ ސްޕްރޭ އެޖަހާ މީޙުންނަށް ފުލުހުން އަދަބެއް ނުދޭނެ. އެކަމަކު އެމީހުންނަށް އަދަބު ދޭންޖެހޭ.” ނުރުހުން ފާޅުކޮށް އާއްމުންގެ މީހަކު ޓްވީޓު ކުރިއެވެ.

ވީޑިއޯއިން ފެންނަ މަންޒަރާއި މެދު ހިތްހަމަ ނުޖެހި، ޒުވާނަކު ކުރި ޓްވީޓެއްގައި ބުނީ، “އެ އޮފިސަރު ނޫ ކުލައިގެ ހެދުމުގައި އިން ކުއްޖާގެ ބޮލުގައި ވައަތުން ހިފާ ހިއްލާލުމަށްފަހު ސީދާ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ އެ ޖެހީ…. އޭނާގެ ކަނާ އަތުގައި އެ އޮޮތީ ޕެޕާ ސްޕްރޭ ފުޅި…. ވީޑިއޯއިން ސާފު އެ އަންހެން އޮފިސަރު މަސައްކަތް ކުރީ، އެ ކުއްޖާ ގަދަކަމުން ހިއްލާލުމަށްފަހު މޫނަށް ޕެޕާ ސްޕްރޭ ޖަހަންކަން. މިއީ ވަރަށް އަނިޔާވެރި، އިންސާނިއްޔަތުކަމެއް ނެތް އަމަލެއް” ކަމަށެވެ.

“ދެން މިހާރު މި އުޅެނީ މި މީހުންނަށް ޓީޒާ ގަން ދޭން؟؟؟.” އިތުރު ޒުވާނަކު ޓްވީޓު ކުރި އެވެ.

“މި މީހުންނަށް ދަސްކޮށްދޭން ވީ އަދަބު އަހުލާގެއް ނު؟ ކޮން ރީފޯމްއެއް. މުޒާހަރާއަކަށް ނެރޭއިރަށް ޕެޕާ ސްޕްރޭ ޖަހަން ކެތް މަދުވެފަ ތިބޭ ބައެއް” ޓްވީޓެއްގައި ވެއެވެ.

“މިއީ އަޅެ އަލަށް ޕެޕާ ސްޕްރޭ ޖަހަން ލިބުނު ބައެއްތަ؟…. ތިއީކީ ބޮޑީ ސްޕްރޭއެއް ނޫން ހިތަށް އެރި ގޮތަކަށް ޖަހަން” ޒުވާނެއްގެ ޓްވީޓުގައި ވެއެވެ.

ފުލުހުންނަށް މި މައްސަލައިގައި އެތައް ފާޑުކިއުންތައް އަމާޒުވަމުން ދާއިރު، މީގެ ކުރިން ވެސް މުޒާހަރާތަކުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެކަމާއި ނުރުހުން އާމާޒުވެފައި ވެއެވެ. މި މުޒާހަރާއަކީ އެއްވެސް ސިޔާސީ މަގްސަދެއްގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއް ނޫންކަމުން، މޭޑޭއާއި އަމާޒުކޮށް ޒުވާނުންތަކެއް ކުރިޔަށް ގެންދިޔަ މި ހަރަކާތަކީ ފުރުސަތު ދޭންޖެހޭ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: