ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެޓިޝަން ގެންދާ ގޮތް ލޮނުމަޑީއެއް ނޫނެވެ. ރައްޔިތުން ބޭނުން ނުވަނީ އެވެ!

ބަރުލަމާނީ ފެކްޝަނުގައި ސޮއި ކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ދުވަސްތަކުގައި ސިޔާސީގޮތުން އެންމެ ބޮޑު ވާހަކައެއްގެ ގޮތުން ދެކެވުނު އެއްވާހަކައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތަކުގެ ވާހަކަތަކެވެ. މިދެކެވޭ ބަރުލަމާނީ ނިޒާމަކީ ކޮން ނިޒާމެއްތޯވެސް ގިނަ ބަޔަކަށް ވަނީ އޮޅިފައެވެ. އެހެނެއްކަމަކު އޮޅުމަކުން އަދި އެއީ މީހުންގެ މައްސަލައެއް ނޫނެވެ.

އާންމުންނަށް ވެރިކަން ބަދަލުކުރުމަށް މި ގެނެވޭ ނިޒާމުތަކާއި، ދެން ހުރި އެއްޗެއްގެ ހަގީގަތާއިމެދު، އަދި އެއީ ކޮން އެއްޗެއްކަމާއިމެދުގައި އޮޅުން އަރަނީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. މިވަގުތު ރާއްޖޭގައިވާ ރިޔާސީ ވެރިކަމުގެ ނިޒާމުވެސް ހިންގެނީކީ، އޭގައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ މައްޗަށްތޯ ސުވާލު އުފެދެއެވެ. ރައްޔިތުންގެ ހައްގަށާއި، ދައުލަތުގެ ހަޒާނާތަކަށް ވެގެންދަނީ ކިހިނެއް ކަމެއް އެނގޭ އެންމެ މީހެއްވެސް ނެތެވެ. އެނގޭހައިވެސް އެއްޗަކީ މިއަދު ރައްޔިތުންތައް، އެމީހުންގެ ބިކަ ހާލުގައި ދިރިއުޅެމުން ގެންދާކަމެވެ.

ވަކި ވައްތަރެއްގެ ނިޒާމެއްވެސް ގާއިމުކުރެވެން އޮތީ މެމްބަރުންގެ ގާބިލިއްޔަތުގެ މައްޗަށާއި، އިންސާފު ގާއިމުކޮށް، ރައްޔިތުންގެ ހައްގު ދަމަހައްޓައިދީގެންނެވެ. ނަމަވެސް ބަދަލަކަށް ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް މިހާރު ރައްޔިތުން ތިބީ ސަރުކާރުގައި ހިނގާ “ވާނުވާ” ކަންކަމާއި ވިސްނައި ވިސްނައި ބޯހަލާކުވާވަރުވެފައެވެ.

މިކިޔާ ބަރުލަމާނީ ނިޒާމަކީ ކޮބައިބާވައެވެ؟

ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި ނުވަތަ ބޮޑުވަޒީރު ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ މަސްހުނިވެގެން އެކުލަވާލާ ވެރިކަމުގެ ނިޒާމަކައް ކިޔާ ނަމެކެވެ. މި މި ނިޒާމު އެންމެ ފުރިހަމައަށް ގާއިމްވެފައިވާ ޤައުމަކީ އިނގިރޭސިވިލާތް ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތުގެ އިތުރުން ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއި އެކު ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަމުން ދެއެވެ. އެއަށްފަހުގައި ދެން ސުވާލު އުފެދެނީ ރާއްޖޭގައި މިފަދަ ނިޒާމަކަށް ވެރިކަން ބަދަލުކުރެވި، ކާމިޔާބުކަމާއި، ފުރިހަމަކަމާއިއެކުގައި ކުރިއަށް ގެންދެވިދާނެތޯއެވެ.

މި ނިޒާމުގައި ގައުމެއްގެ ރައީސަކީ ހަމައެކަނި ދައުލަތް ތަމްސީލު ކުރާ ފަރާތެކެވެ. އަދި އެއީ ސިޔާސީގޮތުން އެއްވެސް ނުފޫޒެއް ނުވަތަ ބާރެއް ހިންގޭނެ މީހެއްނޫނެވެ. މި ނިޒާމުގެ ތެރެއިން ރައީސް ދެއްވަވާ ބާރުތަކުގެ މަތިން ހަގީގީ ވެރިކަން ހިންގުމުގެ ބާރު އޮންނާނީ ބޮޑުވަޒީރު އަތުގައެވެ. އެހެން ކަމުން ބޮޑުވަޒީރު ކަމެއް ނިންމެވުމުން އެއޮންނަ ހަމަތަކެއްގެ މަތިން އެކަން އިޢުލާން ކުރާނީ ދައުލަތުގެ ވެރިޔާއެވެ.

މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު އިސްވެ ހުންނަވައިގެން ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ މި ޕެޓިޝަންގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވެސް ވަނީ ސޮއިކޮށްފައެވެ.

މީގެ ކުރިން ވެރިކަން މި ނިޒާމަށް ގެނައުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވިނަމަވެސް، ފަހަކަށް އައިސް އެމަނިކުފާނު ވަނީ މިފަދައިން ވެރިކަން ބަދަލުކުރަން ބޭނުންވެ ވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އެމްޑީޕީގައި ހިޔާލު ތަފާތުވެ، އުފެދިފައިވާ ދެ ފެކްޝަނުގައި ރައީސް ޞާލިހްގެ ފެކްޝަނުން މިކަން މިހެން ކުރުމުކަށް ތާއީދެއް ނުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވީ ރައީސް ޞާލިހް އުޅުއްވަނީ އެޕާޓީން ކުރެއްވި ވައުދުތައް ފުއްދުމަށް ކަމަށާއި، އެމަނިކުފާނު އަބަދުވެސް ވިސްނަވާގޮތުގައި އެފަދަ ނިޒާމެއް އެކުލަވާލައި ގޮތެއް ނިންމާނީ ރައްޔިތުންކަމަށެވެ. ހަމައެހެންމެ އިދިކޮޅުގެ އެކި މެމްބަރުންނާއި ރައީސް ޞާލިހަށް ތާއީދުކުރައްވާ ބޭފުޅުންވެސް މި ޕެޓިޝަންއާއި ދެކޮޅުވެ އެކި ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވާގޮތުންނަމަ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދަައުރުގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުނުކުރާ ކެނޑިޑޭޓުންނަކަށް އެމަނިކުފާނުގެ ތާއީދެއް ނުލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. މި ޕެޓިޝަން ވަރަށް ފޯރީގައި ހުށަހެޅިނަމަވެސް ނަތީޖާ ލިބުނީކީ ހީކުރި ފަދައިންނެއް ނޫނެވެ.

އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާއިރު، މި ޕެޓިޝަންގައި ސޮއި ކުރެއްވީ ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި އުޅުއްވާ 15 މެމްބަރުން އެކަންޏެވެ. އެހައި ހިސާބުން މިކަމަކީ އެމްޑީޕީން އެންޑޯސް ކުރި ކަމަކަށްވެސް ނުވިއެވެ. އަދި އެޕާޓީން ހިންގާ ކަމެއް މިފަދައިން ލޮނުމަޑުކޮށެއް ނުދާނެކަމަށް އެޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.

ޕެޓިޝަން ކާމިޔާބުވިނަމަ ލޮނުމަޑު ވާ ވާހަކަ ދައްކައި އެމްޑީޕީން އެންޑޯސް ނުކުރާ ކަމަށް ބުނާނެބާވައެވެ؟ ކޮންމެއަކަސް ޕެޓިޝަން ލޮނުމަޑުވީކީ، އެމްޑީޕީން ކުރި ހަރަކާތެއް ނޫންވީމަކަމަށް ބުނެ ފަހަތައް ޖެހުމެއް މިކަމަކު ނެތެވެ. މިހެން މިވީ ލޮނުމަޑު ވީމައެއް ނޫންކަމަށާއި، އެއީ ރައްޔިތުން، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ބޭނުން ނުވާތީކަން އެމްޑީޕީން ގަބޫލުކުރަން ޖެހެއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: