ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 އަހަރާއި 13 އަހަރާއި ދޭތެރޭ މަސްތުވާތަކެތި ބޭނުންކުރަން ފަށާ، ކުދިން ހޭލުންތެރިކުރުވަންޖެހޭ: ކޮމިޓީ

ޕެޓިޝަން ކޮމެޓީގެ މުގައްރިރު އިބްރާހިމް ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް މަސްތުވާތަކެތި ބޭނުންކުރާ ފަށާ ކުދިންގެ ތެރޭގައި 11 އަހަރާއި 13 އަހަރާއި ދެމެދުގެ ކުޑަކުދިން ހިމެނޭކަމަށާއި ތައުލީމީ ނިޒާމްގެ ތެރެއިން ކުދިން ހޭލުންތެރިކުރުވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޕެެޓިޝަން ކޮމިޓީއިން ބުނެފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމަށް ހޭންޑްސް ޓުގެދަރ ޖަމިއްޔާއިން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން މަޖިލީހަށް ޕެޓިޝަން ފޮނުވާފައިވަނީ 1050 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ރައްޔިތުންގެ މަޖިލީހުން ޕެޓިޝަން ސްޕޮންސަރ ކުރައްވާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމެޓީއިން ޕެޓިޝަންގައި ފާހަގަކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށްފަހު ކޮމެޓީ ރިޕޯޓު ވަނީ އެކުލަވާލާފައެވެ. ކޮމެޓީ ރިޕޯޓު އެކުލަވާލުމާއި ގުޅިގެން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އިބްރާހިމް ނަސީރު ވިދާޅުވީ އަންނަ ހަފްތާގައި ކޮމެޓީ ރިޕޯޓަށް ބަހުސްކުރަން ފެށުމަށް އުންމީދުކުރައްވާ ކަމަށެވެ.

މުގައްރިރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ރިހިބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭ މަރުކަޒުތަކަށް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަން ހުރީ ފަޅަށް ކަމަށާއި އެއްވެސް ހިދުމަތެއް އެތަންތަނުން ފޯރުކޮށްދީފައިނުވާކަމަށް މުގައްރިރު ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް އެންޑީއޭއަށް ބޮޑު އަދަދެއް ކަނޑައަޅާ ކަމަށާއި ކަނޑައަޅާ ބަޖެޓުން ބާކީވާ ބައި އަނބުރާ ދައުލަތަށް ދީފައި އެބަހުރިކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ. އެހެންނަމަވެސް، މިއިން ސެންޓަރެއްގައި ފެންފުޅިއެއްގެ މިންވަރުވެސް ނުހުންނަ ކަމަށާއި ވޮލަންޓިއާކޮށް މަސައްކަތްކުރަންދާ ކުދިންނަށް ކާންދޭނެ ގޮތެއްވެސް ސެންޓަރުތަކުގައި ނުހުންނަކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ.

“ދައުލަތުން ބޮޑު ހޭދައެއްކޮށްފައި 2016 ވަނަ އަހަރު 68 މިލިއަން. 2017 ވަނަ އަހަރު 63 މިލިޔަން، 2018 ވަނަ އަހަރު 60 މިލިޔަން، 2019 ވަނަ އަހަރު 70 މިލިޔަން އަދި 2020 ވަނަ އަހަރު 95 މިލިޔަން ރުފިޔާ ބަޖެޓްކުރެވިފައި އެބަހުރި. މިތަންތަނުން ބާކީކޮށްފައި ދައުލަތަށް އަނބުރާ ފައިސާދީފައި އެބަހުރި. ސެންޓަރުތަކަށް ޒިޔާރަތް ކުރީމަ އެނގުނު އެތަންތަނުގައި ފެންފުޅިއެއްހާ ހިސާބުވެސް ނެތްކަން. ކޮންމެވެސް ބައެއްގެ އިހުމަލު އެބަވޭ މިކަމުގައި. ޕެޓިޝަންގައި ފާހަގަކޮށްފައިވާ ފަދައިން އެއީ ކޮންބައެއްތޯ ބަލަންޖެހޭ!” މުގައްރިރު

ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމުގައި ކޮމެޓީއިން ފާހަގަކުރެވިފައިވަނީ ކޮން ކަމެއްތޯ ސުވާލުކުރުމުން މުގައްރިރު ވިދާޅުވީ އަލަށް މަސްތުވަތަކެތި ބޭނުންކުރަން ފަށާ ކުދިންގެ ތެރޭގައި 11 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންވެސް އުޅޭ ކަމަށެވެ. މިކުދިންނަކީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ކުދިން ކަމަށާއި އެހެންކަމުން ސްކޫލް މާހައުލުގެ ތެރެއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. ކޮމެޓީއިން އެކުލަވާލި ކޮމެޓީ ރިޕޯޓުގެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި އެކަން ހިމަނާފައިވާކަން މުގައްރިރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ސާނަވީ މަރުހަލާގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގައިފިނަމަ ތައުލީމީ މަންހަޖުގެ ތެރެއިން ދަރިވަރުން މަސްތުވާތަކެތިން ސަލާމަތް ކުރުމަށް މަސައްކަތްކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

މުގައްރިރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ކުޑަކުދިން ޖެއްސުމަށް ގިނަ މަސަައްކަތްތަކެއް މުޖުތަމައުތެރޭގައި ކުރަމުންދާ ކަމަށެވެ. އަދިި މިކަމުން ސަލާމާތްވާން ބޭނުންވެފައިތިބި ކުދިންނަށް އެފުރުސަރު ފަހިކޮށްދީފައިނުވާކަންވެސް މުގައްރިރު ފާހަގަކުރެއްވިއެވެ. ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭގެ ހިންގުން މިއަހަރު ތެރޭ ބަދަލުކުރެވުނުފަހުން އެންޑީއޭގެ ހިންގުމަށް އައިސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއްތޯ ސުވާލުކުރުމުން މުގައްރިރު ވިދާޅުވީ މީގެ ކުރިން މިފަދަ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ހަރުދަނާ ގަވާއިދެއް އެކުލަވާލާފައިނުވާ ކަމަށެވެ. ގާނޫނުގައި ބުނާ ގޮތުންނަމަ މިފަދަ ކޮންމެ ސެންޓަރެއްގައި ސުޕްރިޓެންޑެންޓްއެއް ހުންނަންޖެހޭ ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި މިވަގުތު ތިބީ މިފަދަ އެންމެ ދެމީހުންކަން މުގައްރިރު ފާހަގަކުރެއްވިއެވެ. ހަރުދަނާ އުސޫލެއްގެ ދަށުން ސުޕްރިޓެންޑެންޓުންނާއި ކައުންސިލަރުން އައްޔަންކުރުމުން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ އެހެން މެމްބަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މައިންބަފައިންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ މިހާ ބޮޑުވުމުގައި އެންޑީއޭ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮންމެވެސް ބައެއްގެ އިހުމާލު އެބައޮތްކަން ކޮމެޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ދާއިރާއަކަށާއި މުއައްސަސާތަކަށް މެމްބަރުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: