އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ދައްކަވަމުން ގެންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ގައި ވިސާމް ވިދާޅުވީ ޖުމްލަ ގޮތެއްގައި އިދިކޮޅުގައި އޮވެ ޕީޕީއެމްއިން ސަރުކާރަށް އަމާޒުކޮށް ދައްކަވަމުން ގެންދަވަނީ އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އިދިކޮޅުގައި އޮވެ ޕީޕިއެމްއިން ކުރަމުން ދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތް މަސައްކަތެއްކަން ފާހަގަކޮށް ވިސާމް ވިދާޅުވީ ސިޔާސީ ގޮތުން ވަކި މަގްސަދެއް ހާސިލު ކުރުމަށް އެބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ގެއްލުންވަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.
ކޮންގްރެސް ކޯލިޝަނަށް ފާޑުކިއުންތައް އަމާޒުކޮށް ވިސާމް ވިދަޅުވީ، އެއީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއްކަން ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާހަގަ ކުރައްވައި ވިސާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބުގެ މަގާމުން ވަކި ކުރުމުން އެ ވެރިކަމާއި ދެކޮޅަށް ގިނަ މަސައްކަތެއް އޭނާ ކުރިތަން ފެނުނު ކަމަށެވެ. އަދި ރައީސް ޔާމީނަކީ ދިވެހި ސަރުކާރު ދުށް އެންމެ ކޮރަޕްޓު އަދި އަނިޔާވެރި ވެރިޔާގެ ގޮތުގައި އެކި ޖަލްސާތަކުގައި ވާހަކަ ދައްކަވައި، ވެރިކަން ބަދަލު ކުރަން ހަރު އަޑުން އެންމެ ގިނަ ވާހަކަތަކެއް ދެއްކި އެއް ބޭފުޅަކީ ޑރ. ޖަމީލް ކަމަށެވެ.
ވިސާމް ވަނީ ރައީސް ޔާމީނަށް އަމާޒުކޮށް ޔުނައިޓެޑް އޮޕޮޮޒިޝަންސްގެ މަސައްކަތްތަކުގެ ތެރެއިން ދެއްކެވި ބައެއް ވާހަކަތަކަށް އަލިއަޅުވާލައްވާފަ އެވެ. އެހެން ނަމަވެސް ފަހުން އަމިއްލަ އެދުން އިސް ކުރައްވައި ރައީސް ޔާމީންގެ ދިފާއަށް އެކި ވާހަކަތައް ދައްކަވާއިރު ގިނަ ފަހަރަށް އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.
ވަކި މަގުސަދެއް ހާސިލު ކުރުމަށް އިދިކޮޅުން އަބަދުވެސް ދައްކަމުން ގެންދާ ވާހަކަތަކުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރު އެކަށީގެންވާ ގޮތެއްގައި ފަންކްޝަން ނުކުރާކަމަށް ބުނެ ދައްކަވާ ވާހަކަތަކާއި އަދި މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ރިބަންފަތް ކެނޑުމުގެ އުސޫލު ގެންގުޅޭކަމަށް ބުނެ ދައްކަވާ ވާހަކަތައް ވިސާމް ފާހަގަ ކުރެއްވި އެވެ. އެކަމަށް ރައްދު ދެއްވައި ވިސާމް ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގާ އެއްވެސް ރަށެއް މިވަގުތު ނެތް ކަމަށެވެ.
މީގެ އިތުރުން ވިސާމް ވަނީ ޕީޕީއެމްގެ އަމަލުތަކަކީ ރައްޔިތުން ގަބޫލު ނުކުރާ ފަދަ ހަގީގަތެއް ނެތް ވާހަކަ ތަކެއްގެ މައްޗަށް ބިނާވެގެންވާ އަމަލުތަކެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އަމަލުތައް ޕީޕީއެމްއިން ހިންގި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށް ވުމާއި އެކު، އަސާސެއް ނެތް ވާހަކަތައް ދެއްކުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

