ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ ގެ ޕަރފޮމަންސް އޮޑިޓް : ރިޕޯޓުގައި ހުރީ ކުރީ ދައުރުގެ މެމްބަރުންގެ މަސައްކަތް!

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން މުއައްސަސާތަކާއި އެހެނިހެން ކޮމިޝަންތަކުގެ މެމްބަރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރެވޭ ކަމުގެ ވާހަކަތަކަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެކެވެ. މި ވާހަކަތައް އެންމެ ހަރު އަޑުން ދައްކަވާ އެއްސަރުކާރަކީ ވެސް މި ސަރުކާރެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިނިވަން މުއައްސަސާތަަކަށް ނުފޫޒު ނުފޯރުވާނެކަމަށާއި އެއްވެސް މުއައްސަސާއެއްގެ ތެރެއަށް އަތްބާނާ މުއައްސަސާ ގަނޑުބަޑު ނުކުރާނެކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްޓަކައި މިފަދަ ތަފާތު އެތައް ވާހަކަތަކެއް ދެއްކިކަން މިއަދުވެސް ދިވެހި ރައްޔިތުން ހަނދާން އެބަހުއްޓެވެ. މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައް ސިޔާސީ ނުފޫޒުން ސަލާމަތްކޮށް މިނިވަންކަމާއެކު މަސައްކަތްކުރުމަށް ފުރުސަތު ދޭނެކަމަށް ތަކުރާރުކޮށް ފާހަގަކުރަމުންދިޔައެވެ. ކޮރަޕްޝަންއިން ފަސާދަވެފައިވާ މިފަދަ ތަންތަން ސާފުކުރުމުގެ ވައުދުތަކާއެކުގައެވެ.

ރައީސް ޞާލިހް ގެ ސަރުކާރުން ރިޔާސީ ކޮމިޝަންތަކުގެ ނަމުގައި ކޮމިޝަންތަކެއް އުފައްދަވައި މައްސަލަތައް ބަލަންފެށީވެސް ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ މިނިވަން މުއައްސަސާތައް ތަޣައްޔަރުވެފައިވާ ކަމަށް ބުނެއެވެ. އެގޮތުން މުއައްސަސާތަކުގެ ތެރޭގައި ހުރި މުޑުދާރު ސިފަތައް ނައްތާލެވޭނީ މުސައްސަސާތައް ހިންގަން ތިބި ވެރިން ބަދަލުކޮށްގެންކަމަށް މި ސަރުކާރުން އައީ ބުނަމުންނެވެ. އެގޮތުގެ މަތިން ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ ހުރިހާ މުއައްސަސާތަކެއްގެ ވެރިން މި ސަރުކާރުން ބަދަލުކުރިއެވެ.

މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވާ އަދި އެންމެ އަވަހަށް މި ސަރުކާރުން ބަދަލުގެނައި އެއް މުއައްސަސާއަކީ އެންޓިކޮރަޕްޝަން ކޮމިޝަންއެވެ. ނަމަވެސް މިއަދު ޕަރފޮމަންސް އޮޑިޓް ރިޕޯޓެއްގެ މަޅީގައި އޭސީސީ ގެ މެންބަރުން ޖައްސާ މަގާމުން ވަކިކުރުމުގެ މަސައްކަތް މިހާރުވަނީ މެކުހަށް ޖަހާފައެވެ. ހިބަރު ވަދެއްގެ ސިފައިގައި ފެންމަތި ކުރުވި މި ޕަރފޯމަންސް އޮޑިޓް ރިޕޯޓް ހަގީގަތް ބަލާނުލާ ދޫކޮށްލެވޭކަށްނެތެ.

  • މިދައުރުގައި އައްޔަންކުރި މެމްބަރުންނާއި ރިޕޯޓާއި ގުޅުން އޮތް މިންވަރު

މިދައުރުގައި އައްޔަންކުރި މެމްބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި  ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އަދި އަލީ އަޝްރަފެވެ. މީގެ ތެރެއިން މެމްބަރު ޝަކީލް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ބާކީ ދެން ތިއްބެވި މެމްބަރުން އައްޔަންކޮށްފައިވަނީ ސެޕްޓެމްބަރު 2019 ގައެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ 1 ޖެނުއަރީ 2015 އިން ފެށިގެން 31 ޖުލައި 2020 އާއި ހަމައަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކެވެ. އެހެންކަމުން މިއޮޑިޓުގައި ހިމެނިފައިމިވަނީ ކޮމިޝަންގައި މިވަގުތު ތިއްބެވި މެމްބަރުންނަށްވުރެ މިދިޔަ ދައުރުގައި އޭސީސީގެ މެމްބަރުކަން ކުރެއްވި ބޭފުޅުންގެ މަސައްކަތްތަކެވެ. 31 ޖުލައި 2020، އެއީ އޮޑިޓުގައި އޮތް ފަހު ތާރީހުކަމަށްވާއިރު، ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުން ކުރި އަހަރުދުވަހުގެ މަަސައްކަތްވެސް އޮޑިޓުގައި ހިމެނިފައި ނެތެވެ. ޖުލައި 2020 އާއި ހަމައަށް މިދައުރުގެ އޭސީސީގެ މެމްބަރުންނަށް އަހަރު ދުވަހުވެސް މަސައްކަތްކުރެވިފައި ނެތެވެ. އެހެންކަމުން މިރިޕޯޓުގައި ފާހަގަކޮށްފައިމިވާ ކަންކަމާއި މައްސަލަތަކަކީ މިދައުރަށް މާބޮޑަށް ފެތޭ މައްސަލަތަކަކާއި ކަންކަމެއް ނޫނެވެ.

  • ޕަރފޮމަންސް އޮޑިޓް ރިޕޯޓް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޕަރފޮމަންސް އޮޑިޓެއް ހެދުމަށް ނިންމައި އެކަމުގެ މަސައްކަތް ފެށީ ހުސްވި މަސްތެރޭގައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ހުސްވި ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ އޭސީސީގެ މެމްބަރުން ވަކިކުރުމަށް ނިންމިއެވެ. އޭސީސީގެ މެމްބަރުންގެ ޕާފޮމަންސް އޮޑިޓެއް އެކުލަވާލައި ވަކި ވަކި މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަށީގެންވާ މަސައްކަތް ނުކުރާ މެމްބަރުން ވަކިކުރުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ނިންމިއެވެ.

ޕަރފޮމަންސް އޮޑިޓް އެކުލަވާލާފައިވަނީ 1 ޖެނުއަރީ 2015 އިން ފެށިގެން 31 ޖުލައި 2020 އާއި ހަމައަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ. މިމުއްދަތުގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓަރ ކޮށްފައިވަނީ 7113 މައްސަލައެވެ. މީގެ ތެރެއިން ބަލައި ނިންމާފައިވަނީ 5476 މައްސަލައެވެ. އެއީ ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 77 އިންސައްތައެވެ. ބަލައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 61 އިންސައްތަ މައްސަލަ ނިމިފައިވަނީ ކޮރަޕްޝަން ނެތް މައްސަލަތަކުގެ ގޮތުގައެވެ. 10 އިންސައްތަ މައްސަލަ ނުބަލާ ދޫކޮށްލަން ކޮމިޝަނުން ނިންމިއިރު، 5 އިންސައްތަ މައްސަލަ އެހެން އިދާރާއަކަށް ފޮނުވުމަށް ނިންމާފައިވެއެވެ. އަދި ކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންމެ އިންސައްތައެއްގެ މައްސަލަކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ކަންކަމަށް ބަލައިލާއިރު، 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ދެމެދު ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން އެ އަހަރެއްގެ ތެރޭގައި ތަހުގީގު ފުރިހަމަކުރެވެނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކޭސްގެ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، 2017 އަދި 2018 ވަނަ އަހަރު ގިނަ މައްސަލަތަކެއް ނިންމާފައިވާއިރު، މިއީ ތަހުގީގު ނުނިމި ދިގު މުއްދަތެއް ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން ދައުވާކުރެވޭނެ ޖާގަނެތްކަމަށް ބެލެވޭ މައްސަލަތައް އަވަހަށް ނިންމުމަށް ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެއްގައި ނިންމާފައިވާ މައްސަލަތަކެއްކަން ކޮމިޝަނުންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ރަޖިސްޓްރޭޝަން މަރުހަލާއަށް ފަހު ޝަކުވާ ވަޒަންކުރަން ނުފެށި ގިނަ އަދަދެއްގެ ކޭސްތައް ހުރިކަންވެސް ފާހަގަކުރެވިފައިވެއެވެ. އެގޮތުން، 30 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ކޮމިޝަނުގައި ރަޖިސްޓަރީކުރެވިފައިވާ ކޭސްތަކުގެ ތެރެއިން ވަޒަންކުރަން ފެށިފައިނުވާ 329 ޝަކުވާ ވާއިރު، މިއީ ޝަކުވާ ވަޒަންކުރުމުގެ މަސައްކަތް ކުރަމުންދާ 3 މުވައްޒަފުންގެ ނިސްބަތުން ބަލައިނަމަ ކޮންމެ މުވައްޒަފަކަށް އެވަރެޖްކޮށް 110 ކޭސްކަމަށް އޮޑިޓުން ދައްކައެވެ.

ކޮމިޝަންގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް އެވްރެޖްކޮށް 29 ކޭސް ވަނީ ހަވާލުކޮށްފައެވެ. މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން އިންވެސްޓިގޭޓަރަކަށް ނިސްބަތުން ގިނަ މައްސަލަތަކެއް ވަނީ ތަހުގީގުކުރަން ޖެހިފައެވެ. މައްސަލަތައް ނިންމާ އަދަދު އިތުރުނުވާތީ އެއް އަހަރުން އަނެއް އަހަރަށް ނުނިންމާ ހުރި މައްސަލަތަކުގެ އަދަދު އިތުރުވެ އިންވެސްޓިގޭޓަރުންގެ ކޭސް ލޯޑު ބޮޑުވަމުންދާކަންވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

  • ސަރުކާރުގެ ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން

މިސަރުކާރުން ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭނެ ސްލޯގަންއަކީ ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަންއެވެ. އެހެންނަމަވެސް، ވެރިކަމަށް ތިން އަހަރު ފުރިގެންދިޔައިރު މިސްލޯގަންއާއި އެއްގޮތަށް އަމަލުތައް ބެހެއްޓިފައިވަނީ ކިހާ މިންވަަރަކަށްތޯ ސުވާލު އުފެދެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެކަށީގެންވާ މުއްދަތެއް ދެވިފައިވޭތޯވެސް ސުވާލު އުފެދެއެވެ.

އޭސީސީގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަރުކާރުގެ މެމްބަރުންނާއި ވަޒީރުންނާއި ރައީސުންގެ މައްސަލަތައްވެސް އޭސީސީއިން ބެލިއެވެ. މީގެ ތެރޭގައި މިނިސްޓަރ އަހްމަދު މަހްލޫފް، ކުރީގެ މޭޔަރު ސިފާ މުހައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލަވެސް ފާހަގަކުރެވެއެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ މައްސަލައަކަށް ވަނީ މިއަހަރު ނިމުމުގެ ކުރިން އެމްއެމްޕީއާރްސީގެ މައްސަލަ ނުބެލުން ކަމުގައިވާނަމަ، މިހާރު ތިއްބެވި މެމްބަރުން ވަކިކޮށްގެން އެމައްސަލަ ބެލުމުގައި ވަކި ލިބޭނެ ފައިދާއެއް އޮތްތޯވެސް ސުވާލު އުފެދެއެވެ. ކޮމިޝަންގައި ފުރިހަމަވާންޖެހޭ ކިތަންމެ ކަމެއް ފުރިހަމަވެފަައި ނެތްއިރު، އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި ވަސީލަތްތައްވެސް ނެތްއިރު މިމަސައްކަތްތައް ސަރުކާރުން އެބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގެންދެވޭނެކަން ހަގީގަތުގައި ކޮމިޝަނުންވެސް، މަޖިލިސް މެމްބަރުންވެސް ގަބޫލުކުރައްވައެވެ. ސުވާލަކީ މަގާމަށް އައްޔަން ކުރިތާ ތިން އަހަރުވެސް ނުވާ އޭސީސީ ގެ މިހާރުގެ މެމްބަރުން ކުރިން ބަޔަކު މީހުން ކޮށްފައިވާ މަސައްކަތެއްގެ މައްޗަށް ބިނާކޮށް ހެދި ޕާރފޮމަންސް އޮޑިޓަކުން ވަކިކުރަން މި އުޅެނީ ކީއްވެގެންތޯއެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ކަންތައްތަކުގެ ހަގީގަތަށް ނަޒަރެއް ހިންގާލާނާމެވެ.

އޭސީސީ ގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މެކުހަށްޖަހާ މަސައްކަތް ފެށުމުގެ އަސްލަކީ މިވަގުތު އޭސީސީ ގެ މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރުންނަށް “ޕަރފޯމް” ނުކުރެވުމެއް ނޫނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ބޭނުންވާގޮތަށް މައްސަލަތަށް ތަހުގީގު ކުރުމުގެ މަސައްކަތްތައް މިހާރު އޭސީސީގައި ތިއްބެވި މެންބަރުން ކުރިއަށް ނުގެންދާތީއެވެ. އޭސީސީ އިން ކުރިއަށްގެންދާ ތަހުގީގު ތަކުގެ މައުލޫމާތު ރައީސް އޮފީހުންވެސް ބޭނުންވަނީއެވެ. އެސެޓް ރިކަވަރީ އޭ ކިޔާ ކޮމިޝަނުންވެސް ބޭނުންވަނީއެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ރައީސް ސާލިހުގެ ފެކްޝަނުންނާއި ރައީސް ނަޝީދުގެ ފެކްޝަނުންވެސް އޭސީސީ އިން ކުރިއަށްގެންދާ ތަހުގީގުތަކުގެ މައުލޫމާތު ބޭނުންވަނީއެވެ. ހަަމަ އެންމެ ސަބަބަކާއި ހުރެވެ. އޭސީސީ އިން ތަހުގީގުކޮށް ހާމަކުރާ ރިޕޯޓްތަކެއްގެ ސަބަބުން ސަރުކާރު “ޑެމޭޖް” ވެދާނެތީވެއެވެ. ސަރުކާރު “ޑެމޭޖް” ވާ މިންވަރު ކުޑަ ކުރުމުގެ ބޭނުމުގައެވެ. ފަހަރުގައި މިއީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ އާ ވައްތަރެއް ކަމަށް ވެދާނެއެވެ. އެހެން ނޫންނަމަ ފަސް އަހަރާއި ދިހަ މަހުގެ ޕަރފޮމަންސް އޮޑިޓް ރިޕޯޓެއްގައި ހިމެނޭ މިހާރުގެ މެންބަރުންގެ އަހަރަކަށްވުރެ ކުޑަ ދުވަސްކޮޅެއްގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އެ މެންބަރުން މަގުމަތި ކުރުމުގެ ބޭނުމެއް ނެތެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 39%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: