ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި އެވެ.
ހުޅުމީދޫ ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި މީދޫ އާއި ހުޅުދޫގެ ޖަމިއްޔާތަކާއި ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްކޫލް ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ 2 އަވަށުގެ އެކި ސަރަހައްދުތަކަށް ޓީމްތައް ބަހަލައިގެންނެވެ. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސާފުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދިޔައީ އެފަދަ ކަންކަމަށް ކުޑަކުދިންގެ ހިތްތަކުގައި ލޯބި އުފެއްދުމުގެ މަގުސަދުގައެވެ.
ފޯރިއާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް އެއްކުރެވިފައިވެއެވެ. މި ހަރަކާތް ފެށުމުގެ ކުރިން އެ ސަރައްދުގައި ބޭއްވި ކުޑަ ރަސްމިޔާތުގައި ފުލުހުންގެ ފަރާތުން ހުޅުދޫ އާއި މީދޫއަށް ޑަސްބިންތަކެެއް ވެސް ވަނީ ހަދިޔާކޮށްފައެވެ. އެގޮތުން، އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާ ވަނީ ފުލުހުންގެ ފަރާތުން ޑަސްބިންތައް ހަދިޔާކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އާމިނަތު ސޯލިހާ ވިދާޅުވީ ޑަސްބިންތައް ލިބިގެން ދިއުމަކީ ރަށުތެރެ ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މިއަދު ގެންދިޔަ ކުނިއެއްކުމުގެ ހަރަކާތް ރާވާހިންގިކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވެ ޝުކުރު އަދާކުރަށްވާފައި ވެއެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހުޅުދޫ އާއި މީދޫގައި އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހުޅުދޫ އާއި މީދޫގެ ސަރަހައްދުތަކުގައި ބިލްބޯޑު ހަރުކުރަން ފެށުމާއި، އާޓް އެގްޒިބިޝަނަކާއި، ކަލަރ ރަން ހިމެނެއެވެ. މީގެއިތުރުން، ރޭގައި ފުލުހުން ވަނީ އެ ހަރަކާތްތަކުގެ ނިމުން ފާހަގަކޮށް އެ ފަރާތްތަކަށް އެހީތެރިވެދިން މުވައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައެވެ.

