ހިޔާ ލިފްޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލުކުރުމާއި މެއިންޓެނެންސް މަސައްކަތް ކޮންޓެކް ޕްރައިވެޓް ލިމިޓެޑް (ސީޕީއެލް) އާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގައި ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ. އެޗްޑީސީން މިދަފައިން ބުނެފައި ވަނީ އެކުންފުނިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައެވެ.
ސީޕީއެލްގެ ހިދުމަތަކީ 24 ގަޑިއިރު ލިބިގެންދާނެ ޙިދުމަތްތައް ކަމަށް އެޗްޑީސީން ވަނީ ބުފައެވެ. އެކުންފުނީގެ ޙިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ހޮށްލައިނަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ. މީގެއިތުރުން، ލިފްޓް ބޭނުންކުރުމުގައި ރައްކާތެރިވެ އުޅުމަށާއި ލިފްޓު ފަދަ ހިދުމަތްތައް ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީގެ ފަރާތުން ވަނީ އިލްތިމާސްކުރަށްވާފައެވެ.
އަދި ހަމައެހާއިއެކު، އެޗްޑީސީން ބުނެފައިވަނީ އެކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދީ ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ކަންކަން ރޭވުން ކަމަށެވެ.

