އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ޝާ އަލޮމް މިއާ (ސާލިމް)ގެ ޝަރީއަތް މިއަދު ފެށުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގައި ސާލިމްގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ.
ދަނގެތީގައި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މަހްމޫދު މަރާލުމަށްފަހު އެރަށު ފަޅުގޯއްޗެއްގެ ވަޅަކަށް އެއްލައިލާފައި އޮއްވާ ފެނުނު މައްސަލައިގައި ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

