ބ. ކުޑަރިކިލުގައި ހުން ރޯގާ ފެތުރެމުންދާއިރު އިރު ވެސް ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތި ހަފުތާއެއް ވުމުން، ރައްޔިތުން ނިކުމެ އިޖުތިޖާޖު ކުރަން ފަށައިފި އެވެ.
ކޮވިޑުގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި ހުން ރޯގާ، އަދި ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވެފައިވާއިރު ރަނގަޅު ބޭސްފަރުވާގެ ނިޒާމެއް ނެތުމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. ބ. އަތޮޅުގެ ކުޑަ އާބާދީއެއް އޮންނަ ކުޑަރިކިލުގެ ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި ދެ ހަފްތާ ވީއިރު ވެސް ހައްލުވެފައި ނުވާތީ މީޑިއާތަކުގައި ވެސް އެ ވާހަކަ ދެކެވުނެވެ. ރަށުގެ ރައްޔިތުން އެންމެ ފަހުން ނިކުމެ މިއަދު ސިއްހީ މަރުކަޒުގައި ތަޅު އެޅުވީ، ކޮވިޑުގެ ކޭސްތަކެއް ވެސް ފެނިފައިވަނިކޮށެވެ.
ކުޑަރިކިލު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، އަތޮޅު ހޮސްޕިޓަލުން ރަށަށް ޑޮކްޓަރުން ފޮނުވާނެކަމަށް އަންގާފައިވާކަމަށެވެ. ނަމަވެސް ރަށުގައި ފްލޫ ފެތުރެމުންދާއިރު ވެސް ސިއްހީ ފަރުވާ އަވަސް ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، ރަށުގެ ގިނަ ރައްޔިތުން ޑޮކްޓަރަށް ދައްކަން ޖެހެނީ އައިޖީއެމްއެޗުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެނެވެ. ނަމަވެސް އެއީ ހުރިހާ އެންމަށް ފަސޭހަކަމަށް ނުވުމާއި އެކު ރަށުގެ ރައްޔިތުން ބޭނުންވަނީ، ހުރި ޑޮކްޓަރު އަހަރީ ޗުއްޓީ ނިންމައި އެނބުރި އަންނަން ދެން ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށެވެ.
ހެލެތް މިނިސްޓްރީއަށް ރަށުގެ ހާލަތު ގާތުން ނުބެލޭކަމަށް ބުނެ ވެސް، ރައްޔިތުން ވަނީ އަޑުއުފުލާފަ އެވެ.
މިވަގުތު އިހުތިޖާޖު ކުރަމުންދާ ރައްޔިތުން ބުނީ، ސިއްހީ މަރުކަޒަަށް ޑޮކްޓަރެއް ނުފޮނުވަނީސް އެނބުރި ގެއަށް ނުދާނެ ކަމަށެވެ.

