ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާއަށް ހެޔޮ އެދޭ، ރަނގަޅު އެކުވެރިން އެނގޭނީ ދަތިކަމެއްގެ ވަގުތު: ހުތުބާ

ހުކުރު ނަމާދު ކުރުން/ ފޮޓޯ އިސްލާމިކް މިނިސްޓްރީ:-
ޝެއާރކޮށްލާ ކަހަލަދޯ؟

ހަޔާތުގައި އިހުތިޔާރު ކުރާ ރަހުމަތްތެރިންނަކީ ހެޔޮ ލަފާ ބައެއްކަމުގައި ކަށަވަރު ކުރުމަށް ހުތުބާ ގައި ގޮވާލައިފިއެވެ.

ހުތުބާގައި ބުނި ގޮތުގައި ހެޔޮ ރަހުމަތްތެރީން އެނގޭނީ މުސީބާތުގެ ވަގުތުގައެވެ. އިންސާނަކާއި މުސީބަތާއި ކުރިމަތި ވާ ވަގުތު އެމީހަކާއި ގާތް ވެގެން ކަމަށްހެދިގެން އުޅުނު މީހުން އެމިހަކާއި ދުރުވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ރަސޫލާގެފާނު މަދީނާ ހިޖުރަ ކުރެއްވުމަށް ފަހު މުހާޖިރުންނާއި އަންސާރުންގެ ދެމެދު އުފެދުނު ގުޅުން މިސާލެއްގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ރަހުމަތްތެރިން އިހުތިޔާރު ކުރުމުގައި އިސްލާމްދީނުގަިއ ދެއްވާފައިވާ އިރުޝާދު ތަކަށް ކިޔަމަންތެރިވުމަށް ހުތުބާ ގޮވާލިއެވެ. އެގޮތުން ރަހުމަތްތެރިކަމުގެ ގުޅުން އުފެދި ބޮޑު ވާނީ އިހުލާސްތެރިކަމާއި، މަތިވެރި މަގްސަދެއްގައި ކަމުގައި ވާނަމަ މާތްއެކަމުގައި ބަރަކާތް ލައްވާނެއެވެ. އަދި އެއީ ދޯދިޔާ ނުބައި ގުޅުމެއްކަމުގައި ވާނަމަ އެކަމުގައި އެކަލާނގެ އެފަރާތަކަށް ރައްދު ކުރައްވާނެއެވެ.

މީގެ އިތުރުން އެކުވެރިކަން އުފެދެން ޖެހޭ ވަކި ބިންގަލެއް އޮންނަ ކަމަށާއި އެކުވެރިކަން ހާސިލުކުރެވިފައި އޮންނަން ޖެހޭނީ ވަކި ހައްގެއްގެ މައްޗަށް ކަމުގައިވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ރަހުމަތްތެރިކަމެއް އުފަން ވާއިރު، އެގުޅުން ބިނާ ވާން ޖެހޭނީ އީމާންކަމާއި އިހުސާންތެރިކަމުގެ މަތީގައި ކަމުގައި ވުމުން މިގޮތަށް އުފެދޭ ރަހުމަތްތެރިކަމަށާއި މާތް ރަސްކަލާނގެ ލޯބިފުޅު ވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނީ ރަނގަޅު ރަހުމަތްތެރިން އެނގޭނީ، އެ މީހަކަށް ދިމާވާ ދަތި އުނދަގޫ ވަގުތުގެ ތެރޭގައި ކަމަށެވެ. އަދި އެފަދަ ދަނޑިވަޅުތަކަކީ އެންމެ ގާތްހެން ހީވާ އެކުވެރިޔާ ވެސް އެ މީހާ ދޫކޮށް ދާ، ދުވަސްތަކެއްކަމަށް ހުތުބާގައި ބުންޏެވެ. ރަނގަޅު ރަހުމަތްތެރިން އެއީ އެ މީހެއްގެ ކުރިއެރުމާއި، ފަހަތަށް ޖެހުމުގައި ވެސް ބޮޑު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ މީހަކަށް ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނައުމުގައި އިސްރޯލެއް ރަހުމަތްތެރިޔާ ނުވަތަ ރަހުމަތްތެރިން އަދާ ކުރާ ކަމަށެވެ.

ރަނގަޅު ދިރިއުޅުމެއް އުޅުމަށާއި، ވިސްނުމާއި ފިކުރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ގެނެސްދެނީ ހިތްހެޔޮ ތިމާއަށް ހެޔޮ ހެދޭ ރަހުމަތްތެރިޔާކަން ހުތުބާގައި ވެއެވެ. އެ އެކުވެރިކަމަކީ އެއީ އިހުލާސްތެރިކަމާއި، މަތިވެރި މަގްސަދެއްގެ މައްޗަށް ބިނާވެގެން ވާ އެކުވެރިކަމެއް ކަމުގައިވާނަމަ، އެ ގުޅުމަށް މާތްﷲ ބަރަކާތްލައްވާނެކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި އެ އެކުވެރިކަމެއްގެ ފަހަތުގައި ވަނީ ރުޅިވެރިކަމާއި، ނަފްރަތު އަދި ހަސަދަވެރިކަން ކަމުގައިވަނީ ނަމަ އެކަން މާތްﷲ އެ މީހަކަށް ރައްދު ކުރައްވާނެކަމަށް ހުތުބާގައި ވެއެވެ.

އެކުވެރިކަމުގެ މިޒާޖުގެ މައްޗަށް ހުތުބާގައި ބުނީ، އެއީ ވަރުގަދަ ނުފޫޒެއް ކަމަށެވެ. އެ އެކުވެރިއެއްގެ މިޒާޖުގައި ހުންނަ ކަންކަން ބޭއިހުތިޔާރުގައި ނަމަވެސް އަނެކާގައިގައި އަށަގަންނާނެކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ނުބައި އަހުލާގު ނުވަތަ ހެޔޮ އަމަލުތައްކަމުގައި ވިޔަސް، ގިނަ ފަހަރަށް ހެޔޮ ކަންތަކަށް ވުރެ ނުބައި ކަންތަކުގެ އަސަރު ބޮޑުވާ ކަމަށެވެ. އަދި މީހުންގެ ހަޔާތާއި ވިސްނުމާއި، ފިކުރަށް ވެސް ރަހުމަތްތެރީންގެ އަސަރު ވަރަށް ބޮޑުކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ރަނގަޅު ރަހުމަތްތެރީން އިހުތިޔާރު ކުރުމުގައި، އިސްލާމް ދީން މުޖްތަމައުއަށް މަތިވެރި އިރުޝާދުތައް ދެއްވާފައިވާ ކަމަށެވެ.

“ތެދުވެރި ސާފު ރަޙްމަތްތެރިކަމަކީ، އިސްލާމް ދީން އެކަމަށް ގޮވައިލާ، އެކަމަށް ބާރުއަޅާ ކަމެކެވެ. މިފަދަ އެކުވެރިކަން ޤާއިމުކޮށް، މާތް ﷲ އަށް ޓަކައި އެކަން ދެމެހެއްޓުމަށް އިސްލާމް ދީން ގޮވައިލައެވެ. މާތް ﷲ ގެ ހިޔާވަހިކަން ނޫން ހިޔާވަހިކަމެއް ނުވާނެ ދުވަހުގައި، ހަތް މީހަކަށް އެކަލާނގެ އަރްޝީގެ ހިޔާވަހިކަން ދެއްވާނެއެވެ. މި ހަތް ގިންތީގެ ތެރޭގައި، ހިމެނޭ އެއް ގިންތިއަކީ، މާތް ﷲ އަށްޓަކައި، އެކަކު އަނެކަކު ދެކެލޯބިވާ މީހުންގެ ގިންތި އެވެ.” ހުތުބާ

ހުތުބާގައި ބުނީ މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަށްޓަކައި ނުވަތަ އެ މީހެއްގެ ގައިގައި ހުރި މޮޅުކަމަކަށްޓަކައި އެ މީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރިކަމެއް ކަމަށެވެ. އަދި ﷲ ގެ ވަޖުހުފުޅަށްޓަކައި މީހެކު ލޯބިވާ، ލޯބިވުުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިހުލާސްތެރިކަމެއްގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ރަހުމަތްތެރިން އިހުތިޔާރު ކުރާއިރު، ރަނގަޅު ރަހުމަތްތެރިން ހޮވުމަށް ހުތުބާގައި ގޮވާލި އެވެ.

“މުސްލިމް އަހުންނޭވެ! ރަހުމަތްތެރީންނަކީ، ވާޖިބުތައް އަދާކުރުމުގައްޔާއި، ހައްގުތަކަށް ރައްކާތެރިކުރުމުގައި އެހީވެދޭ ބައެއްނަމަ އެއީ ހެޔޮ ރަނގަޅު ރަޙްމަތްތެރީންނެވެ. މިފަދަ ރަޙްމަތްތެރީންގެ ރަޙްމަތްތެރިކަން ދަމަހައްޓަންވާނެއެވެ. ރަނގަޅު ރަޙްމަތްތެރިއަކީ، ދުނިޔެއާ އާޚިރަތުގައި ކާމިޔާބީގެ މަގަށް އެމީހާ މިސްރާބުކޮށްދޭނެ މީހެކެވެ. މިއާ ޚިލާފަށް ނުބައި ރަޙްމަތްތެރިޔަކީ، އޭނާގެ އެކުވެރިޔާގެ ވެސް ހަލާކެކެވެ. އެ ރަޙްމަތްތެރި ކަމުގެ ސަބަބުން، އަނެކާ ހަލާކުވެގެން ހިނގައިދާނެއެވެ. މަގުއޮޅި، ވަސްވާސްތަ ވަސްވާސްތަކަށް ހެއްލި ގޮސް ނަރަކައަސް ހުށަހެޅިދާނެ އެވެ.” ހުތުބާ

ހުތުބާގައި ބުނީ މާތްﷲ އަށްޓަކައި އުފެދޭ ރަހުމަތްތެރިކަން ދެމި އޮންނާނީ ﷲ އަށް ކިޔަމަންކަންގަތުމުގެ މަތީގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: