ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައަޅައިފިއެވެ.
އޭސީސީގެ މީޑިޔާ އޮފިޝަލު މީޑިޔާތަކަށް ވިދާޅުވެފައިވަނީ ކޮމްނޑު ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން މިހާތަނަށް ހުށައެޅިފައިވަނީ އެންމެ މައްސަލައެއް ކަމަށެވެ. އެއީ ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ މައްސަލަކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެމައްސަލަ ހުށައެޅީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.
ކޮމަންޑޫ ދާއިރާއަށް އަމާޒުކޮށް ސަރުކާރުން މިވަގުތު ގިނަ މަޝްރޫއުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ބުނަމުންދިޔަ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމުގައި ނުބެލެވޭނެކަމަށް ބުނެފައެވެ. މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ފުއްދުމަކީ ނުފޫޒު ފޯރުވުންކަމުގައި ނުބެލެވޭނެކަމަށް އީސީއިން ބުނެއެވެ.
އޭސީސީއަށް މައްސަލަތައް ހޫށައެޅިނަމަވެސް އެމަައްސަލަތައް ބެލޭނެ ގާނޫނީ ހައިސިއްޔަތެއް މިވަގުތު އޭސީސީގެ ނެތެވެ. އޭސީސީއަށް ހުށައެޅޭ މައްސަލަތަައް ބެލޭނެކަން ނުވަތަ ނޫންކަަން ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އޭސީސީގެ މެމްބަރުންނަށެވެ. އެހެންނަމަވެސް އެއްވެސް މެމްބަރެއް ނެތި އޭސީސީ މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އަދި މިވަގުތު ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގައި ގޮތެއް ނުނިންމޭނެކަން އޭސީސީއިން ވަނީ އަންގާފައެވެ. މީގެ ތެރޭގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިދިކޮޅުން ފާހަގަކޮށް ހުށައަޅާފައިވާ 25 ނުކުތާގެ މައްސަލަވެސް ހިމެނެއެވެ.
އޭސީސީގެ ފަސް މެމްބަރުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އާ މެމްބަރުން އައްޔަންކުރުމަށް މިވަގުތު ހުޅުވާލާފައިވީނަމަވެސް އެމަސައްކަތް އަވަސްކުރަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

