ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުނިސްޕަލް ހިދުމަތް ހަވާލުކުރަން ބޭނުންވަނީ ހަމައެކަނި ފިހިގަނޑެއް ދީގެން: ޝުޖާއު

ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭގެ މުނިސްޕަލް ހިދުމަތް ހަވާލުކުރަން ބޭނުންވަނީ ހަމައެކަނި ފިހިގަނޑެއް ދީގެންކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މާލެ ސިޓި ކައުންސިލްގެ ހަތަރުވަނަ ދައުރަށް އިންތިހާބުވި މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މާލެ ސިޓީ ކައުންސިލަށް ދޭންޖެހޭ ބާރުތައް ނުދޭކަމުގެ ޝަކުވާތަކެވެ. ޚާއްސަކޮށް ހުޅުމާލޭގެ މުނިސްޕަލް ހިދުމަތްތައް އެޗްޑީސީއިން ނެގުމަށްފަހު ސިޓީ ކައުންސިލަށް ހަވާލުކުރުމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް ވަނީ އެދިފައެވެ.

އެކަމަކީ ހުޅުމާޅޭގެ ރައްޔިތުން ބޭނުންވާ ގޮތްކަމަށާއި ހުޅުމާލޭގެ ރައްޔިތުން ކައުންސިލް އިންތުހާބުގައި ވޯޓުދިނީ އެކަންކަން ބޭނުންވާތީކަމަށް ޝުޖާއު ވިދާޅުވިއެވެ. ސިޓީ ކައުންސިލް މެދުވެރިކޮށް ހުޅުމާލޭގައި މުނިސްޕަލް ހިދުމަތްތައް ދިނުމަށް ބަޖެޓާއި މުވައްޒަފުން ސިޓީ ކައުންސިލަށް ދިނުމަށް ތަކުރާރުކޮށް އެދެމުންދާއިރު ސަރުކާރުންވެސް ހުޅުމާލޭގެ މުނިސްޕަލް ހިދުމަތްތައް ދިނުން ސިޓީ ކައުންސިލާއި ހަވާލުކުރަން ބޭނުންވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން އެކަން ކުރާން ބޭނުންވަނީ ވަރަށް ހީލަތްތެރި ގޮތަކަށް ކަމަށާއި އެޗްޑީސީއިން އެކަން ކުރަން ބޭނުންވަނީ ސިޓީ ކައުންސިލަށް ހަމައެކަނި ފިހިގަނޑު ދީފައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުން މިކަން ކުރަނީ ހީލަތްތެރި ގޮތަކަށްކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ މިމަސައްކަތް ކުރަން އެޗްޑީސީއަށް އެންގުމުން މުނިސްޕަލް ހިދުމަތްތަކުގެ ތެރެއިން ހުޅުމާލެ އޮޕަރޭޝަންސްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހެދުމަށް މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ސަރުކާރު ތެރެއިން ލިބެމުންދާކަމަށެވެ. ހުޅުމާލެ އޮޕަރޭޝަންސްއަކީ އެޗްޑީސީގެ ވަކި ޑިޕާޓްމަންޓެއް ގޮތަށް ހަމަޖައްސައި މުނިސްޕަލް ހިދުމަތްތައް އެޑިޕާޓްމަންޓަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

އެޗްޑީސީއިން މަސައްކަތްކުރަމުން އަންނަނީ ނަމެއްގައި މުނިސްޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރުމަށްކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ. ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަންތައްތަކެއް ހުންނަކަމަށާއި އޭގެ ތެރޭގައި ކުނި މެނޭޖްކުރުމާއި މަގު ހެދުމާއި މަގުތައް މަރާމާތުކުރުންފަދަ ކަންކަން ހިމެނޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެޗްޑީސީއަށް މިކަންކަން ނުކުރެވޭ ކަމަށާއި އެޗްޑީސީއިން އަންނަނީ މިކަންކަން ހުޅުމާލެ އޮޕަރޭޝަންސްއަށް ދިނުމަށް މަސައްކަތްކުރުމަށްކަމަށް ވިދާޅުވިއެވެ. މައްސަލައެއް ހައްލުކުރަން ބޭނުންވުމުން ގުޅާ، ވާހަކަ ދައްކައިގެން އެކަން ނުވާކަމަށާއި ކޮންމެ ފަހަރަކު ޖެހެނީ ސޯޝަލް މީޑިޔާގައި އެކަމުގެ ވާހަކަތައް ދައްކަންކަމަށް ޝުޖާއު ވިދާޅުވިއެވެ. ހުޅުމާލެ ރައްޔިތުންގެ ހިދުމަތް ދޭނީ ކުންފުންޏަކުން ނޫންކަމަށް އިންތިހާބުގައި އިދިކޮޅުން ވަކާލަތުކުރި ކަމަށާއި ހުޅުމާލޭގެ ރައްޔިތުން ވޯޓު ދިނީ އެކަން އެގޮތަށްކުރުމަށްކަމަށް ޝުޖާއު ވިދާޅުވިއެވެ.

”ހުޅުމާލެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލަރުގެ މައްޗަށް ލާޒިމް. އެކަމަކު ކުޑަކުދިންގެ ހިޔާގައި ހަމަނުޖެހުމުން ހިނގުމުން އެކަން ގޮސް ބެލުމުން އެލްޖީއޭއިން ހުޅުމާލެ ކައުންސިލަރުގެ ބަޔާން ނެގީ“ ޝުޖާއު

މީގެ އިތުރުން ހުޅުމާލޭގެ ފަޅުތެރެވެސް އެއްވެސް ވަރަކަށް ނުބެލެހެއްޓޭ ކަމަށާއި ހުޅުމާލޭގެ ފަޅު އެއްވެސް އުސޫލެއް ނެތި ބޭނުންކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ފަޅުތެރޭގައި ތެޔޮ ހަރުލައި އެތަނުގައި ޕްލާސްޓިކް ޖަމާވަމުންދާ މައްސަލައަށްވެސް ހައްލެއް ނުހޯދައިދެވޭކަން ޝުޖާއު ފާހަގަކުރެއްވިއެވެ. މާލޭގެ ފަޅުތެރެ ސާފުކޮށް ރަނގަޅަށް ބެލެހެއްޓެނީ ސިޓީ ކައުންސިލުން އެސަރަހައްދު ބަލަހައްޓަމުންދާތީ ކަމަށާއި ހުޅުމާލޭގެ ފަޅުތެރެ ރަނގަޅަށް ބެލެހެއްޓޭނީ އެތަން ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލުކޮށްގެންކަމަށް ޝުޖާއު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ ސިޓީ ކައުންސިލަށް ބާރުތައް ދީފައިވާ ގޮތާއިމެދު ތަކުރާރުކޮށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި ހުޅުމާލޭގެ މުނިސްޕަލް ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ބަޖެޓާއި މުވައްޒަފުން ސިޓީ ކައުންސިލަށް ދިނުމަށް ތަކުރާރުކޮށް ސިޓީ ކައުންސިލުން އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: