ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއަރޕާސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ގެނައުމަށް އެޕާޓީގެ ބައެއް މެމްބަރުން ކެމްޕޭން ކުރަން ފަށައިފިއެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން ކަން ވެސް ކުރައްވާފައިވާ އިންތި ދަނީ ޕާޓީގެ އިސް ފަރާތް ތަކާއި އާންމު މެމްބަރުންގެ ހިޔާލު އިންތިހާބާއި މެދު ހޯދުމުގެ ގޮތުން މަޝްވަރާކުރައްވަމުންނެވެ.
އިންތިއަކީ އެމްޑީޕީ އުފެދިގެން މިއަދާ ހަމައަށް އައި އިރު ޕާޓީގެ ތަފާތު ގިނަ ހަރަކާތްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވި، ފަރާތެކެވެ. އަދި އިންތި ފާހަގަކުރެވެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ޗެއަޕާސަން ކަމުގެ މަގާމަށް މިހާތަނަށް ވާދަކުރައްވާނެ ކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒު ފައްޔާޒް އިސްމާއިލާއި، އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަނީ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެދި މަޖިލީހުގެ ބައެއް މެމްބަރުން އެކަމާއި ގުޅޭ ގޮތުން ތަފާތު އެކި ހިޔާލުތައް ފާޅު ކުރަމުންދިޔަ ވަގުތެއްގެ ތެރެއިންނެވެ. އެގޮތުން ފައްޔާޒަކީ ރައިސް ސޯލިހުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
އެމްޑީޕީގެ މިހާރު ވަނީ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ޗެއަރޕާސަން ކަމުގެ އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

