ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުރިޔަށް އޮތް އިންތިހާބުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި ބާރުގަދަ ބޭފުޅެއް ހޯދުން ނޫންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިހަބަކީ، ދެ ރައީސުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން ބާރު އޮތް ބޭފުޅަކު އަނެއްކާވެސް އެނގިގެން ދާނެ އިންތިހާބެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރަމުންދާތީ އެކަން ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ވައްޑެ ވިދާޅުވީ މިއީ އިންތި އާއި ފައްޔާޒްގެ ދެމެދުގައި އޮތް އިންތިހާބެއް ކަމަށެވެ. އެއްވެސް ހާލެއްގައި މިއީ ދެ ރައީސުން ނުވަތަ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ބާރު ދައްކަން ކުރިޔަށް ގެންދާ އިންތިހާބެއް ނޫންކަމަށް ވައްޑެ ވިދާޅުވި އެވެ.
މިފަދަ ވާދަވެރި ކެމްޕެއިނެއްގެ ތެރެއިން ތަފާތު އެކި ވާހަކަތަކުގެ އަޑުއިވޭނެކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ، އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅަނީ ގެތަކަށް ގޮސް ރައްޔިތުންގެ އަޑުއަހައި އެއަށް ރިއާޔަތްކޮށްގެން ކަމަށެވެ. ރައްޔިތުންގެ އަޑު އެއްވެސް މިންވަރަކަށް ނީވޭހާ ބޮޑެތި ޖަމާއަތްތައް ހަދައި، އަމިއްލަ އަޑު އިއްވުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ވައްޑެ ފާހަގަ ކުރެއްވި އެވެ.
”ފުރަތަމަ އަޑުއަހަނީ، އަޑުއެހުމަށް ފަހު ދެން އޭގެ ހައްލު ގެނައުމަށް މަސައްކަތް ކުރަނީ… ތިރިން މައްޗަށް އަންނާނީ. އަޑުއަހާފަ ދެން އެއަށް ސިޔާސަތު ހަދާނީ އަޅުގަނޑުމެން“ ވައްޑޭ
މި އަޑުތައް އަހައި ހަދަން ޖެހޭ ސިޔާސަތުތަކާއި، މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރިޔަށް ދާކަން ވައްޑޭ ފާހަގަ ކުރެއްވި އެވެ.
ފައްޔާޒްގެ ފަރާތުން އިންތިހާބަށް ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ވައްޑޭ ވިދާޅުވީ، ކަންބޮޑުވާ ބައެއް ކަންތަކެއް ހިނގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކެމްޕެއިން ޓީމަށް ފުވައްމުލައް ސިޓީގެ ދަތުރުގައި ވެސް އާއްމުންގެ ފަރާތުން އައި އެންމެ ބޮޑު ޝަކުވާއަކީ ވަޒީފާގެ ބިރު ދެއްކުމެވެ. ވަކި ކެނޑިޑޭޓަކަށް ކެމްޕެއިނުގައި ނޫޅޭނަމަ ވަޒީފާއަށް ގޮންޖެހުންތަކެއް ނުވަތަ އުނދަގޫތަކެއް އަތުވެދާނެކަމަށް ބުނެ ބިރު ދެއްކިކަން ބައެއް މެމްބަރުން ފާހަގަކުރިކަމަށް ވައްޑޭ ވިދާޅުވި އެވެ.
”ވަކި ކެނޑިޑޭޓަކަށް ތާއީދުކޮށް، ކެމްޕެއިނުގައި ނޫޅެދީފިއްޔާ ވަޒީފާ އާއި ދޭތެރޭ ގޮންޖެހުންތަކެއް ނުވަތަ އުނދަގޫތަކެއް އަތުވެދާނެކަމަށް… މި ބާވަތުގެ ސަރުކާރުގެ ބައެއް ހިދުމަތްތަކަށް ހުރަސްތަކެއް އަތުވެދާނެކަމަށް، މިކަހަލަ ބިރުވެރިކަމެއް އެބަ އުފެދޭ..“ ވައްޑޭ
އެމްޑީޕީން މީގެ ކުރިން ވެސް އިންތިހާބުތަކާއި ކުރިމަތިލާފައިވާނެކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ މިއީ މީގެ ކުރިން ފެންމަތިވިފަދަ މައްސަލަތަކެއް ނޫން ކަމަށެވެ. މިއީ ޕާޓީން ވަކާލާތު ކުރާ ހަމަތާއި ވެސް ބޭރުން ހިނގަމުން ދާ އަމަލުތަކެއްކަން ވައްޑެ ފާހަގަ ކުރެއްވި އެވެ.
ވައްޑެ ވަނީ ފައްޔާޒްގެ ކެމްޕެއިން ޓީމުން ރީތި ކެމްޕެއިނަކުން އިންތިހާބުގައި ތާއީދު ހޯދަން ގޮވާލާފަ އެވެ.
އިންތިހަބާއި ގާތްވެފައި ވަނިކޮށް، ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރި މައްސަލަ އެމްޑީޕީގެ އެތެރޭގައި އޮތީ ހޫނުވެފަ އެވެ. އެގޮތުން ރޭގެ ވަގުތެއްގައި ރައީސް ނަޝީދު ވެސް ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މެސެޖެއް ފޮނުވުމަށް ފަހު ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލާފަ އެވެ. އަދި އެފަދަ އަމަލުތައް ހިންގާނަމަ އެމަނިކުފާނު ވެސް މަޖިލީހުގެ ރައީސްކަމުން ވަކި ކުރަން ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައަށް އިޝާރާތްކޮށް ވައްޑޭ ވެސް ވިދާޅުވީ އަމިރަކީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގައި ކުރިއަރަމުން އަންނަ ފަރާތެއްކަމަށާއި، އޭނާ ވަޒީފާއިން ވަކި ކުރުމުން ކަންބޮޑުވާކަމަށެވެ. ވައްޑެ ވިދާޅުވި ގޮތުގައި އާމިރަކީ ހިންގުންތެރި، މަސައްކަތްތެރި މީހެކެވެ.
”އިންތިހާބާ ދިމާކޮށް ޖާއިޒު ނޫން ގޮތަކަށް އާމިރު އަހުމަދުގެ ވަޒީފާ އެގޮތަށް ކަނޑާލުން އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް، އެކަން އަޅުގަނޑުމެން ކުއްވެރިކުރަން..“ ވައްޑޭ
ވައްޑެ ސިފަ ކުރެއްވި ގޮތުގައި މިއީ ވަޒީފާ އަދާކުރަމުން އަންނަ އެތައް ޒުވާނަކަށް ދެއްކި ބިރެކެވެ. އެހެން ކަމުން މި މައްސަލަ ރައީސަށް ހުށަހަޅައިގެން ވިޔަސް ނުވަތަ މަޖިލީހުގެ ތަޅުމުގައި އާއި އެހެން ގޮތްގޮތުން ވެސް ފާހަގަ ކުރާނެކަމަށް ވައްޑެ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ، އިންތިއަކީ ”އޮރިޖިނަލް އެމްޑީޕީ“ ބޭފުޅެއް ކަމަށެވެ.

