އެތެރޭގެ އިންތިހާބު ފަސް ކުރުމާއި މެދު ގޮތެއް ނިންމުމަށް ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މެދުވެރިކޮށް ހޫނުކުރީ އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ތުހުމަތު ކުރައްވައިފި އެވެ.
ރޭގެ ބައްދަލުވުން ފެށިތާ މާގިނަ އިރުތަކެއް ނުވެ ހޫނުވީ، އާޒިމަށް ވާހަކަ ދެއްކުމަށް ދިން ފުރުސަތުގެ ވަގުތު ހަމަވުމުން ވެސް ހުއްޓާނުލައި ކުރިޔަށް ގެންދިއުމުގެ ސަބަބުންނެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް، ފައްޔާޒަށް ބަހުގެ ހަމަލާތައް ދެމުން ގެންދެވި އެވެ. އޭގެ ސަބަބުން ފައްޔާޒަށް ތާއީދު ކުރާ މެމްބަރުން ކޮޅަށް ތެދުވެ އަޑުގަދަ ކުރަމުން ގެންދިޔަ އެވެ. އާޒިމް އޭރު ވެސް މައިކު ދޭން ދެކޮޅު ހައްދަވައި ވާހަކަ ކުރިޔަށް ގެންދިޔަ އެވެ.
އާޒިމްގެ ވާހަކަ ހުއްޓުވުމަށް ބައެއް މެމްބަރުން ކޮޅަށް ތެދުވެ، ރިޔާސަތުގެ މޭޒު ކައިރީ ވެސް އަޑުގަދަ ކުރި އެވެ. މުޅި ޖަލްސާ އެއްކޮށް ހޫނުވެ، މެމްބަރުން ޒުވާބު ކުރުމުން އެމްޑީޕީއަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ދައުރުވަމުންދާ ރޭގެ ޖަލްސާގެ ވީޑިއޯއަށް އިޝާރާތްކޮށް ރޮޒެެއިނާ ވިދާޅުވީ އެ ވީޑިއޯއިން ވެސް ގައުމީ މަޖިލީހުގައި ރޭ ހިނގި ކަންކަން ރޭވި މީހުންނާއި ހަމަނުޖެހުން އުފެދުމުން އުފާވީ މަންޒަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ.
ރޭ ފައްޔާޒްގެ ކެމްޕެއިން ޓީމުން އަޑުގަދަ ކުރަމުން ގެންދެވިއިރު، މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ އާއި އީވާ އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ގޮނޑީގައި މަޑުން އިންނެވި އެވެ. އަދި އެބޭފުޅުންނަށް އަމާޒުކޮށް އެހެން މެމްބަރުން ކިޔަމުން ދިޔަ ފާޑުކިއުންތަކަށް ހިނިތުންވެލައި އަތް ޖަހާލާ މަންޒަރު ފެނެ އެވެ.
”އަލީ އާޒިމް ލައްވާ މުޅި ގައުމީ މަޖިލީސް ހަރާބުކޮށް އެކަމާ އީވާ އާއި އިންތި އުފާ ފާޅުކޮށް އަތް ޖަހާ މަންޒަރު މި އޮތީ ރީޗަށް ފެންނަން… ޕާޓީ ބައިބައި ކުރަން އުޅޭ މީހުންނާއި އަޑީގައި ތިބެގެން ރާއްވާ ހުތުރު ކަންކަން މިއޮތީ ފެނި ހާމަވެފައި“ ރޮޒެއިނާ
ރޮޒެއިނާ ވަނީ އެމްޑީޕީގެ އެތެރެ ހަލާކުކޮށް ލުމަށް ބަޔަކު މަަސައްކަތް ކުރަމުންދާ ކަމުގެ ދޮގު ތުހުމަތު އެހެން މީހުންގެ ބޮލުގައި އެޅުވުމަށް ފަހު އެހެން ބަޔަކު މަސައްކަތް ކުރަމުން ގެންދަނީ އަޑީގައި ތިބެގެން ހަމަނުޖެހުންތައް އުފެއްދުމަށް ކަމަށެވެ. ރޭގެ މަންޒަރަކީ ޕާޓީގެ އެތައް މެމްބަރަކަށް ބަލަން އުނދަގޫ ވެ، ހިތާމަކުރި މަންޒަރުތަކެއް ކަމަށާއި ނަމަވެސް އެކަމާއި އުފަލުން އަތް ޖެހި ހަމައެކަނި ބަޔަކީ އިންތި އާއި އީވާކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ގައުމީ މަޖިލީސް ހޫނުވެ، ރޮޒެއިނާ ވެސް ވަނީ އެމްޑީޕީގެ އެތެރޭގެ އެކި ކަންތަކާއި ގުޅޭގޮތުން ފާޑުވިދާޅުވެފަ އެވެ. އޭގެ ތެރޭގައި 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް މުހައްމަދު ނަޝީދަށް ގެއްލުމުން އިންތިހާބުގައި ވާދަ ނުކުރާނެކަމަށް ބުނެ އޭރު އެމްޑީޕީން ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް އެއީ ޑިމޮކްރަސީގެ ސިފަތަކެއްތޯ އޭނާ ސުވާލު އުފެއްދި އެވެ.
އެތެރޭގެ އިންތިހާބުތަކުގެ ވޯޓުލުން ރޯދަ މަހާއި ދިމާވާތީ، އާއްމު މެމްބަރުންނަށް އުނދަގޫތަކެއް ވާނެކަމަށާއި އަދި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާނެކަމަށް ބުނެ އެ މައްސަލަ އިންތިހާބާއި ބެހޭ ކޮމިޓީއަށް ހުށަހެޅީ ފައްޔާޒުގެ ފަރާތުންނެވެ. އެކަމަށް ދެކޮޅު ހަދައި އިންތިގެ ޓީމުން ބުނީ ވޯޓު އޮޅުވާލައި، ނުފޫޒު ފޯރުވުމަށްޓަކައި އެއްވެސް ޖާގައެއް ދެވިގެން ނުވާނެކަމަށާއި މިއީ އިންތިހާބުން ބަލިވެދާނެހެން ހީވާން ފެށުމުން ޕީޕީއެމްއިން ހިންގި ފަދަ މުޑުދާރު އަމަލުތަކެއް ކަމަށެވެ.
ޖަލްސާގައި ދެކެވުނު ވާހަކަތަކަށް ފަހު، ހާޒިރުވެ ތިބި 115 މެމްބަރުންގެ މެދުގައި ނެގުނު ވޯޓުގައި 100 މެމްބަރުން ވޯޓު ދެއްވީ މޭއި މަހުގެ 14 ގައި އިންތިހާބު ބާއްވާ ގޮތަށް ތާރީހު ފަސް ކުރުމަށެވެ. އިންތިހާބު ފަސް ކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.

