ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝީރީންގެ މަރުގެ މައްސަލަ: ނަޖާހު ޖަލަށް ލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހަށްޓައިފި

ޝީރީން މަރާލި މައްސަލައިގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަޖާހު/ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މީގެ 12 އަހަރު ކުރިން، ޑިސެމްބަރު 2009 ގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މާފަންނުގައި ހުރި އިމާރާތެއްގެ ތެރޭގައި ކުނިވެފައި އޮއްވައެވެ.

އެ މައްސަލައިގައި ޝީރީން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު، ލ. ކަލައިދޫ، އޯޝަންވިލާ މުހައްމަދު ނަޖާހު ހައްޔަރު ކުރިއެވެ. އަދި މައްސަލައިގައި ދެ މީހުންގެ އާއިލާއާއި ވެސް ސުވާލުކޮށް، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު ނަޖާހުގެ މައްޗަށް ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތު ކުރި އެވެ.

މައްސަލައިގެ ޝަރީއަތް ހަ އަހަރު ދުވަހަށް ދިގުދެމިގެން ދިއުމަށްފަހު، އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ޝީރީން މަރާލިކަމަށް ނަޖާހުގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ލަފާދިންނަމަވެސް އެފަދަ ރިޕޯޓެއް ހަދާފައި ނެތްކަން ހުކުމުގައި ފާހަގަ ކުރި އެވެ.

ޝީރީން ހަށިގަނޑު ބެލި ތިން ޑޮކްޓަރުން ވެސް ބުނެފައި ވަނީ، ޝީރީންގެ ހަށިގަނޑު ގެނައިއިރު އޮތީ، ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ. އަދި އޭނާގެ ކަންފަތުން ދިޔާ އެއްޗެހިތަކެއް ފައިބާފައި ހަށިގަނޑުގެ ބައެއް ތަންތަން ވަރަށް ކަޅުވެފައި ހުރި ކަމަށެވެ. އެހެންވެ، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން ހުރި ކަންކަމަށް ބަލައި މަރުގެ ސަބަބު ނުހޯދޭ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ނަޖާހުގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް، ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް “ގަސްދުމަރާއި ވައްތަރުގެ މަރު” ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެވެ.

ނަޖާހުގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަދި އޭނާ ވަނީ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ޝީރީން ގެއްލުނު ދުވަހުގެ ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދީ، އެކަމުގައި އޭނާގެ އެއްވެސް އަތެއް ނެތްކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާނަށް އިއްވުމަށް ފަހު ދިން ފަހު ފުރުސަތުގައި ނަޖާހު ވަނީ، ޝީރީން އާއި އޭނާއި ދެމެދު ގުޅުމެއް އޮތުމަކީ، މަރުގެ ތުހުމަތު އޭނާއަށް އަންނަން ޖެހޭ ސަބަބެއް ނޫންކަމަށް ބުނެފަ އެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދެއްކި ވާހަކަ ތަކުރާރުކޮށް، ނަޖާހު ބުނެފައި ވަނީ ދަށު ކޯޓުގެ މަރުހަލާގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިފީ ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުން އޭނާއަށް މަޖުބޫރު ކުރާތީ ކަމަށެވެ.

ނަޖާހުގެ ފަރާތުން ހުލާސާ ބަޔާން އިއްވައި އޭނާގެ ވަކީލު އަހުމަދު ޝިފާއު ވިދާޅުވީ، ޝީރީން މަރުވާން މެދުވެރިވި ސަބަބާއި އެ އަނިޔާތަކުގެ ތަފްސީލުތައް ދެނެގަނެވިފައި ނުވާ ކަމަށެވެ. “ކޯސް އޮފް ޑެތް” ނޭނގި، ނަޖާހުގެ މައްޗަށް ތުހުމަތުތަކެއް ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. ނަޖާހުގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ދައުވާތަކާއި މެދު ސުވާލު އުފައްދައި، އޭނާގެ ވަކީލު ވިދާޅުވީ ފަހުން އައި ދައުވާގައި އޮތީ ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ދައުވާ ކަމަށެވެ.

ނަޖާހުގެ ވަކީލު ވިދާޅުވީ ކުށުން ބަރީއަވުމަށްޓަކައި، އެކަށީގެންވާ ވަސީލަތްތަކާއި ވަގުތު ލިބިފައި ނުވާ ކަމަށެވެ. އޭގެ އިތުރުން އެ މީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއި، މަޝްވަރާ ކުރުމުގެ ފުރުސަތު ދޭން ޖެހޭއިރު، ނަޖާހުގެ ކިބައިން އެ ހައްގު ވެސް ނިގުޅައިގެންފައިވާކަމަށް ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ، މަރުގެ މައްސަލައެއްގައި އެ މީހަކު މަރުވި ގޮތް ހާމަވާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ދަށު ކޯޓު މަރުހަލާގައި ދައުލަތަށް އެކަން އެއްވެސް ވަރަކަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ހައިކޯޓުގެ އިސްތިއުނާފުގައި ވެސް އެ ނުކުތާ ފާހަގަކޮށްފައިވާނެކަމަށް، ވަކީލު ވިދާޅުވި އެވެ.

އެހެންވެ، ނަޖާހުގެ ފަރާތުން އެދުނީ މިކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލުކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި  އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މަންޒަރު ފެނުނު މީހަކު ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ތުހުމަތުވާ މީހާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ލިބިފައިވާ ހުރިހާ ގަރީނާތަކުން ނަތީޖާ ނެރެވެނީ ނަޖާހުއާ ދެކޮޅަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޝީރީން މަރުވުމުގެ ކުރިން އެކިފަހަރު މަތިން ވެސް ޝީރީނަށް ނަޖާހު އަނިޔާކުރި ކަމަށް އޭނާގެ ރަހުމަތްތެރިންގެ ގާތުގައި ބުނެފައި ވާއިރު، އޭނާއަށް އަނިޔާ ކުރަނިކޮށް ފެނުނު ކަމަށް ބައެއް ހެކިން ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޝީރީން އެންމެ ފަހުން ނަޖާހުއާ އެކު ކޮޓަރިއަށް ވަން ފަހުން އޭނާ ދިރިހުއްޓާ އެތަނުން ބޭރަށް ގޮސްފައި ނުވާއިރު، އޭނާ ގެއްލުނު ފަހުން އެކި މީހުން ގާތު އެކި ގޮތަށް ވާހަކަ ދައްކައި އަދި އެ މަރު ފޮރުވަން ނަޖާހު އުޅުމަކީ ވެސް އޭނާއާ ދެކޮޅަށް ހުރި ހަރުދަނާ ގަރީނާތަކެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ޝީރީންގެ ހަށިގަނޑު ފެނުނު ގެ ކައިރިއަށް ލަގެޖް ފޮށްޓެއް ހިފައިގެން ޓެކްސީއެއްގައި ދިޔަ ކަމަށް ޓެކްސީ ޑްރައިވަރު ހެކިބަސް ދީފައިވެ އެވެ. އެ ފޮށި ޓެކްސީގައި ގެންދިޔަ ފަހުން ޓެކްސީގެ ޑިކީން ނުބައި ވަހެއް ވެސް ދުވި ކަމަށް ޑްރައިވަރު ބުނެފައިވާއިރު ޝީރީންގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޮއްޓަކަށް ލާފައި އޮންނަ ގޮތަށް ކުރު ގަޅުވާފަ އެވެ. ހުކުމުގައި އެކަން ވެސް ފަނޑިޔާރު ފާހަގަކުރި އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި މަރުގެ މައްސަލަތަކާ ގުޅޭ ގާނޫނީ އާ ނަޒަރިއްޔާއަކަށް ވެސް ފަނޑިޔާރު ސުއޫދު ރިއާޔަތް ކުރެއްވި އެވެ. އެއީ “ދަ ލާސްޓް ސީން ތިއަރީ” އެވެ. އެއީ މަރުވި މީހާއާ އެކު އެންމެ ފަހުން އުޅުނު މީހާ އެކަމަށް ޖަވާބުދާރީވާން ޖެހޭ އުސޫލެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ އެންމެ ފަހުން ޝީރީން ދިރިހުއްޓާ ފެނުނީ ނަޖާހުއާ އެކު ކަމަށް ވާއިރު، އެ ދެ މީހުން އުޅުނު ކޮޓަރިއަށް އެހެން މީހަކު ވަންކަމުގެ ހެއްކެއް ނެތުމުން ޝީރީންގެ އެ ކޮޓަރި ތެރޭގައި މަރުވި ގޮތަކާ މެދު ނަޖާހު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ނަޖާހު އެކި ގޮތަށް ވާހަކަ ދެއްކުމުގެ އިތުރުން ކޯޓުގައި ދޮގު ހެދީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޝީރީންގެ ހަށިގަނޑު ފެނުނުއިރު ކުނިވެފައި އޮތުމުން ޑޮކްޓަރުން ލަފާ ދިނީ ޕޯސްޓްމޯޓަމް ހެދުމަށެވެ. އެކަން ކުރުމެއް ނެތި އޭނާގެ ހަށިގަނޑު ވަނީ ވަޅުލާފައިވާތީ ޝީރީން މަރާލި ގޮތެއް ހޯދިފައެއް ނެތެވެ. ދަށު ކޯޓާއި ހައި ކޯޓުން އެ މައްސަލަ ފާހަގަކުރި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި މިސާލަކަށް ޝީރީން މަރުވި ތޫނު އެއްޗަކުން ދިން ހަމަލާއެއްގެ ސަބަބުން ކަމަށް ހޯދުނު ނަމަ ޝީރީން ގަސްދުގައި މެރިކަން ނަޖާހުގެ މައްޗަށް ސާބިތުވީހެވެ. ޑޮކްޓަރުންގެ ބަހުން އެނގެނީ އެއީ ގުދުރަތީ މަރެއް ނޫން ކަމެވެ. އެކަމަކު މަރުވުމަށް މެދުވެރިވި ސީދާ ސަބަބު (ކޯޒް އޮފް ޑެތު) އެއް ހޯދިފައެއް ނެތެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އަސްލު ދައުވާ ސާބިތު ނުވިޔަސް، އެ ކުށުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮންނާތީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ ބާރު ބޭނުން ކުރުމުގައި ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި އަސްލު ކުށް ސާބިތު ނުވިޔަސް، އެކުށުން ފުރިހަމަވާ އެހެން ކުށެއް ސާބިތުކޮށް އަދަބު ދިނުމުގެ ބާރު ގާނޫނުން ފަނޑިޔާރުންނަށް ލިބިދެނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށެވެ. އެ ބާރު ފަނޑިޔާރުން ބޭނުން ނުކުރުމުން ކުށްވެރިން ދޫވެ، މުޖްތަމައުގެ ހައްގުތައް ގެއްލިގެންދާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ފުލުހުން ނަޖާހާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި، އޭނާ ޝީރީންއަށް އަނިޔާ ކުރާކަމަށް ބުނެ ބަޔަކު ދީފައިވާ ބަޔާންތަކާއި، އަންގާގިރި ކައިރިއަށް ފޮއްޓެއް ހިފައިގެން ނަޖާހު ދިޔަކަމަށް ބުނާ ޓެކްސީ ޑްރައިވަރަކާއި ނަޖާހާއި މިރުފަތުގެ ބަސް ހިމެނެއެވެ. މުޅި އެ މައްސަލަ ބިނާވެފައި އޮތީ ފޮރެންސިކް ހެކިތަކުގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: