ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ސޯސަންމަގުން އުފުލި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން ރޭ ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ސޯޝަން މަގުގައި ހިންގަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
އެނގިފައިވާ ގޮތުގައި މިތަކެތި އުފުލީ ޕިކަޕެއްގައެވެ. ޕިކަޕު ދުއްވާފައި ދަނިކޮށް ފުލުހުން އެޕިކަޕެއް ހުއްޓުވާފައި ބަލައި ފާސްކޮށް ގިނަޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް މަންޒަރު ފަނީ ފެނިފައެވެ. އެ މަސްތުވާތަކެތި ހުރީ ކަރުދާސް ފޮށިގަނޑުތަކެއްގައެވެ.
ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން އަތުލައިގަތް މިތަކެތި ބަލައި ފާސްކުރުމަށް ފުލުހުން ވަނީ އެސަރަޙައްދުގެ މަގު ބަންދުކޮށްގެން ޙަރަކާތްތެރިވެފައެވެ.
އަތުލައިގަތް ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރީ ބަންދުކޮށްފައިވާ ކޮތަޅުތަކެއްގައެވެ. ޖުމުލަ 5 ފޮށިގަނޑު އަތުލައިގަތެވެ. އެއިން ކޮންމެ ފޮށްޓެއްގައި 14 ބަންދުކޮށްފައި އޮތް 14 ޕެކެޓް އޮތެވެ.
މި އޮޕަރޭޝަނުގައި ފުލުހުން މަސްތުވާތަކެތި އަތުލައިގަތީ މިރޭ އަށްގަޑި ބައި ހާއިރުއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

