ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ޒާހިރުގެ އެކައުންޓުން ހުތުރު ބަހުން ކުރި ޓްވީޓާއި އެކު އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުން!

މަޖިލީހުގެ ނައިބު ރައީސް އީވާ އާއި، ހަސަން ލަތީފް، އަދި ފިރުޝާންގެ އިތުރުން ވައްޑެ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި، ހުތުރު ބަހުން ޓްވީޓުތަކެއް ކުރި މައްސަލައިގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޗީފް އޮފް ސްޓާފަކަށް ހުންނެވި އަލީ ޒާހިރަށް އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އަމާޒުވާން ފަށައިފި އެވެ.

ވެރިފައިޑް އެކައުންޓެއް ބަޔަކު ހެކް ކުރިކަމަށް އަލީ ޒާހިރު މިއަދު ވިދާޅުވީ، އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށް ވާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ޓްވީޓަކަށް ހަޑި ބަސްތަކެއް ބޭނުންކޮށް ރައްދު ދިން މައްސަލައެއް ހޫނުވެފައި ވަނިކޮށެވެ.

އަންނަ މޭއި މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ޗެއާޕާސަންގެ މަގާމުގެ ވާދަވެރިކަން އުފެދި ޕާޓީގެ ތެރޭގައި ބަހުގެ ހަމަލާތައް ދިނުން ވަނީ އާއްމުވެފަ އެވެ. ހާއްސަކޮށް ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލަން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ސަރުކާރާއި އަރިސް މެމްބަރުންނަށް ދަނީ ކުރެވެމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އިންތިހާބުގައި ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް އަމާޒުކޮށް ލޫކަސް ކުރި ޓްވީޓުގައި ވަނީ ޕާޓީ ނުހިނގާކަމަށް ނުވަތަ ޖަގަހަތަށް ނެތްކަމަށް ބުނެ ވާހަކަތައް ދައްކަވާއިރު މިނިސްޓަރުކަމަށް ފައްޔާޒް އައީ ވެސް ޕާޓީގެ ޖަގަހަތަކުން ކުރި މަސައްކަތުން ކަމަށެވެ. އަދި ޕާޓީއަށް ކުރިންއެރުންތައް ވެސް ލިބުނީ ލީޑާޝިޕްގެ މަސައްކަތްތަކުން ކަން ފާހަގަ ކުރައްވައި، ލޫކަސް ވަނީ ފައްޔާޒްގެ މަގްސަދާއި މެދު ސުވާލު އުފައްދާފަ އެވެ.

މި ޓްވީޓަށް ރައްދު ދެއްވައި އަލީ ޒާހިރުގެ އެކައުންޓުގެ ޓްވީޓުގައި ބިނީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު ޔޫކޭގައި ގޮނޑި ދުއްވައިގެން ތޯ ސުވާލުކޮށްފަ އެވެ. އަދި ރައީސް ސޯލިހު ވެސް ކެތްގަދަކަމަށް އޭގައި ވެއެވެ.

”ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތުން އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ؟“

މިކަމާއި ގުޅިގެން އަލީ ޒާހިރު ވިދާޅުވީ، އެއީ އޭނާ ކުރި ޓްވީޓެއް ނޫންކަމަށާއި އެކަން ސަމާލުކަމަށް އައުމާއި އެކު މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ބަޔަކު އޭނާގެ އެކައުންޓު ހެކް ކުރީ، އެމްޑީޕީ އާއި އެކު ކެމްޕެއިނުގައި މަސައްކަތް ކުރާކަން ދައްކައި ނަފްރަތު އުފެއްދުމަށް ކަމަށެވެ.

މި މައްސަލައިގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ، ވެރިފައިޑް އެކައުންޓެއް ހެކް ވުން ގަބޫލެއް ނުކުރެވޭކަމަށް ބުނެ އެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ޓްވީޓެއް ކުރައްވައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހަބަކާއި އަލީ ޒާހިރާއި ކުޑަ ވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ މަގާމެއްގައި ހުރެ ޕާޓީ ހަރާބު ކުރަން މެމްބަރުން ފުރުސަތެއް ނުދޭނެކަމަށް އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

މި މައްސަލައިގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ މިއަދު ރައީސް އޮފީހުގެ އެކައުންޓުން ވެސް އޮޅިގެން ޓްވީޓު ކުރެވޭ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށެވެ. މުޅި ދައުލަތް އިންތިހާބުގައި ބޭނުން ކުރަނީ އޮޅިގެން ތޯ ވައްޑޭ ސުވާލު އުފެއްދެވި އެވެ.

 

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށް ނުވަތަ ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް ބޭނުން ކުރާނަމަ ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ. އެހެން އެގޮތަށް ނެހެއްދެވުމަށް އިލްތިމާސްކޮށް ހަސަން ލަތީފް ގޮވާލީ  ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދިނުމަށެވެ. 

https://twitter.com/HassanLatheef/status/1506165310637830147
މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ޓްވީޓެއް ކުރައްވައި ވިދާޅުވީ އަލީ ޒާހިރުގެ އެކައުންޓަކީ ވެރިފައިޑް އެކައުންޓެެއްކަމަށާއި، އޭގައި ޓޫފެކްޓާރ އޮތެންޓިކޭޝަން ހިމެނޭނެ ކަމަށެވެ. އެހެން ކަމުން ކުޑަ އިރުކޮޅެއް ތެރޭގައި ޓްވީޓު ޑިލިޓު ވުމުން ސުވާލު އުފެދޭކަން ފާހަގަކޮށް، އޭނާ ވެސް ގޮވާލީ ހަގީގަތް އޮޅުވާ ނުލުމަށެވެ

އަލީ ޒާހިރަކީ މީގެ ކުރިން ވެސް މިފަދަ ތުހުމަތުތަކެއް ކުރެވުނު ބޭފުޅެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށް ކޯޓުގެ ފަނޑިޔާރުންނަށް ގުޅައި ބައްދަލު ކުރި ވާހަކަތައް ހިމެނެ އެވެ. އެކަން މީޑީއާތަކުގައި މާ ބޮޑަށް ދެކެވެން ފެށުމުން، ރައީސް އޮފީހުގައި ކުއްލި ޕްރެސްއެއް ބާއްވައި އަލީ ޒާހިރު ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

މީގެ އިތުރުން ޕީއެސްއެމް ބޯޑުގައި ހުންނެވި އަލީ މިދުހަތު (މިދޭ) އަށް ކުރި މެސެޖުތަކެއް ވެސް މައްސަލަ ވެސް ފެންމަތިވި އެވެ. ނަމަވެސް އެކަން ވެސް ދޮގުކޮށް އަލީ ޒާހިރު ވިދާޅުވީ އޭނާ އާއި މިދުހަތް އާއި ދުވަހަކު ބައްދަލު ވެސް ނުވާ ކަމަށެވެ. ޕީއެސްއެމްގެ ބޯޑުން މިދުހަތް ވަކި ކުރުމާ ގުޅިގެން އޭނާ އާއި އަލީ ޒާހިރާ ދެމެދު ދެކެވުނު ވާހަކަތަކެއް ފޭސްބުކްގައި އާއްމު ކުރުމުން، ޓްވީޓުތަކެއްގައި އަލީ ޒާހިރު ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް މިދުހަތާއި ދެކެވިފައި ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއްވެސް ތަރިއަކީ އަބަދު މެދު އުޑުގައި ފިޔަޖަހާނެ ތަރިއެއްނޫނެވެ 2018 އެމ.ޑީ.ޕީ ވެރިކަމަށް އައި ޕާޓީ މާބޮޑަށް ހިންގިގެން ކަމަށް ބަޔަކަށް ހީވިނަމަވެސް އެއި ޙަޤީޤަތެއްތޯ އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ އެމް ޑީ ޕީ ވެރިކަމަށް އައީ ރައީސް ނަސީދުގެ މަކަރާއި ޙީލަތުގެ ދަލުގައި އަހުމަދު އަދީބު ޖެހި ޕީ.ޕީ.އެމް ގެތެރޭގައި އުފެއްދި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައިގެ ސަބަބަުން ރައިސް މައުމޫނާއި ޤާސިމު އިބުރާހީމާއި ކަނަލް ނާޒިމު ފަދަ އިޚްލާސްތެރި ބޭފުޅުން ރައީސް ޔާމީނުގެ ހަތުރުންނަށްވެ ޔާމީނުގެ ވެރިކަން ވައްޓާލުމަށް އެހުރިހާފަރާތް ތަކެއް އެމްޑީޕީއާއި ބައިވެރިވެ ކުރިމަސައްކަތުގައި ޤައުމާއި ރައްޔިތުންނާއި މެދު ވިސްނާލުމެއްނެތު ރައްޔިތުންގެ ތެރއިން ވަރަށްގިނަބަޔަކު ކުރި ބުރަމަސައްކަތުންނެވެ އެއި ރައީސް ނަޝީދާއި އީވާޢަބުދުﷲ އާއި ހަސައްލަޠިފާ މިކަހަލަ ބައެއްގެ އެކަނިމަސައްކަތެއް ނޫނެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: