ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ދިފާއުގައި އެމަނިކުފާނުގެ ފަރާތުން 18 ހެއްކެއް ހުށައަޅައިފިއެވެ.
އެމައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި މިއަދު ބޭއްވުނު އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ހުށައެޅި ހެކިންގެ ތެރޭގައި 11 ޝަފަހީ ހެއްކެއް ހުށައަޅާފައިވެއެވެ. އޭގެ އިތުރުން ޔާމީންގެ ދިފާއުގައި ހަތް މީހަކު ހުށައަޅާފައިވެއެވެ.
މައްސަލައިގައި ޔާމީންގެ އިތުރުން ދައުވާ ކުރާ ޔޫސުފް ނައީމްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ތިން މީހަކާއި 10 ލިޔުމެއް ވަނީ ހުށައަޅާފައެވެ.
މައްސަލައިގައި ދެން އޮންނާނީ މަދަނީ މިންގަނޑުތަކުން ހެކިތަކަށް ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާމެދު ގޮތެއްނިންމުމެވެ.
އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ފެށައި ކުރިޔަށްދާއިރު، ރައީސް ޔާމީން ވަނީ މައްސަލަ ލައިވްކޮށްދޭން އެދި ތަކުރާރުކޮށް ހުށަހަޅާފަ އެވެ. ނަމަވެސް އިސް ގާޒީ ވިދާޅުވީ ލައިވް ބްރޯޑްކާސްޓު ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ކޯޓުގައި ނެތްކަމަށާއި، އެ ވަސީލަތްތައް ހަމަޖެހުމުން ލައިވް ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
އަޑުއެހުންތައް ލައިވް ކުރަން ބޭނުންވާ ސަބަބެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާފައި ވަނީ، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރި ވެރިއަކަށް ވުމާއި އެކު މިއީ އާއްމުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށް ވުމެވެ. އަދި އެންމެ ފުރަތަމަ ތުހުމަތު ކުރި ގއ. ވޮޑަމުލާގެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުން ވެސް ވެގެން ދިޔައީ ދައުލަތުން ހަދާ ގޯސްތަކާއި އަދި ރައީސް ޔާމީންގެ މައުސޫމްކަން ދިވެހި ރައްޔިތުންނަށް ސާބިތުވެގެން ދިޔަ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.
ވަސީލަތްތައް ހަމަޖެހުމުން ޝަރީއަތްތައް ފަށަން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ހުށަހެޅުއްވި އެވެ. ޝަރީއަތްތައް ލައިވް ކުރުމަށް ދެކޮޅު ނެހެދި ނަމަވެސް އެ އިންތިޒާމުތައް ހަމަޖެހެން ދެން ޝަރީއަތައް މެދުކަނޑާލުމާއި މެދު ދައުލަތުން އިއުތިރާޒު ކުރި އެވެ.
ރައީސް ޔާމީންގެ ޝަރީއަތްތައް ހުރިހާ ވަސީލަތެއް ފޯރުކޮށްދީގެން ލައިވް ކުރުމަށް ރާއްޖޭގެ ދެ ޕްރައިވެޓް މީޑިއާއެއްކަމަށް ވާ ”ސަންގު ޓީވީ“ އާއީ ”ޗެނަލް 13“ އެވެ. އެ ހުށަހެޅުމަށް އިސް ގާޒީ ޝަކީލް ވިދާޅުވީ، މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން އެކަންކަން އިންތިޒާމު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، އަދިވެސް ލައިވް ކުރެވޭނެ ވަސީލަތްތަކެއް ނެތްކަމަށް ވިދާޅުވި އެވެ.

