ޓޫރިޒަމާއި ބެހޭ ގާނޫނަށް 26 އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެބިލު މަޖިލީހަށް ހުށައަޅުއްވައިދެއްވާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.
ދިވެހި ރާއްޖޭގެ ޓޫރިޒަމާއި ބެހޭ ގާނޫނު 99/2 އަށް 11 ވަނަ އިސްލާހު ހުށައެޅުމުގެ ބިލު މަޖިލީހަށް ހުށައަޅުއްވަމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އެބިލުގައި 26 އިސްލާހެއް ހިމެނިފައިވާނެ ކަމަށެވެ.
ރަޝީދުގެ ވާހަކަ ފުޅުގައި ސަރުކާރުގެ ފަރާތުން އެބިލު ހުށައެޅުމުގެ ބޭނުމަކީ ޓޫރިޒަމާއި ބެހޭ ގާނޫނުގެ ދަށުން، ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގެ އަގު އެގާނޫނުން ކަނޑައެޅުމުގެ ބަދަލުގައި މާކެޓް ވެލިއު އަށް ރިޢާޔަތް ކޮށް ދައުލަތާއި އެރަށް ކުއްޔަށް ހިފާފައިވާ ފަރާތުގެ ހައްގުތައްވެސް އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރެވޭނެ ފުރުސަތުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލު ކުރުމުގެ ހުއްދަ ދެވޭ ފަރާތަކީ ކައުންސިލްތައް ކަމުގައި ކަނޑައެޅުމާއި ޕްރައިވެޓް އައިލެންޑް އިންވެސްޓަރުންނަށް ކުއްޔަށް ދިނުމާއި ގާނޫނުގައި ހުރި ފުށުއެރުންތައް ހައްލުކުރުމާއި މިހާރު ނަގަމުން އަންނަ ހޮޓެލް އަދި ގެސްޓް ހައުސް ފީ އާއި ޑައިވިންގ ސެންޓަރުގެ ރަޖިސްޓްރީ ފީ އުވާލުމުގެ އިތުރުން މިނިމަމް ވޭޖް ތައާރަފް ކުރުމުން ރިސޯޓް ތަކަށް ކުރާ އަސަރުގެ އިތުރުން ބިމު ކުއްޔަށް ބަދަލު ގެނައުމާއި ގުޅޭ އުސޫލުތައް ބަޔާން ކުރުމާއި އެކަމާއި ގުޅޭ އެހެން އިސްލާހުތައް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ޓުއަރިޒަމާއިބެހޭ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެކުލަވާލި އިސްލާހުތައް މަޖިލީހަށް ވަނީ ހުށައަޅުއްވާފައެވެ.
އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ:
-ޓޫރިސްޓް ރިސޯޓާއި ހޮޓާ ހެދުމަށް ބިން ދޫކުރުމާއި އެފަދަ ތަންތަން ހިންގުމާއި ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ފަދަ ތަންތަން ހިންގުމުގެ ހަމަތައް ބަޔާންކޮށްފައިވާ އެގާނޫނުގެ ދެވަނަ މާއްދާ އާއި ޓުއަރިޒަމްގެ ސަރަހައްދު ތަކާއި ރިސޯޓް ތައް ހަދާނެ ރަށްރަށާއި ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ހަދާނެ ތަންތަން ކަނޑައެޅުމަށް އެ ގާނޫނުގެ ހަތަރުވަނަ މާއްދާ އާއި ފަތުރުވެރިކަމާއި ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމުގެ ހަމަތައް ބަޔާންކޮށްފައިވާ އެގާނޫނުގެ ފަސްވަނަ މާއްދާގެ ކ އާއި އެގާނޫނުގެ އެއް ވަނަ މާއްދާގެ ފަހަކާއި މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުލި ދައްކާނެ ހަމަތައް ބަޔާން ކުރާ އެގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާއި އެ ގާނޫނުގައި ބަޔާން ކުރާ ހަމަތައް ހުށައެޅޭ އިސްލާޙުގެ ތެރެއިން ތަންފީޒު ކުރުމަށް ފަހި ކުރުމުގެ ގޮތުން އެމާއްދާގެ ހ ގެ ދެވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމާއި އެގާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) އާއި ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމުގެ ހަމަތައް ބަޔާންކޮށްފައިވާ އެގާނޫނުގެ ނުވަވަނަ މާއްދާގެ ކ ގެ ދެވަނަ ނަމްބަރާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުން ބަޔާންކޮށްފައިވާ އެގާނޫނުގެ 12 ވަނަ މާއްދާ އާއި އެގާނޫނުގެ 4.16 ވަނަ މާއްދާގެ ނ އާއި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ހިންގަންފަށާފައި ނުވާނަމަ އިންޓަރގްރޭޓެޑް ޓުއަރިސްޓް ރިސޯޓެއް ހިންގާނެ ތަނެއްގެ ގޮތުގައި ބަދަލު ކުރެވޭނެ ގޮތުގެ ހަމަތައް ބަޔާން ކުރުމަށް އެމާއްދާގެ ނ ގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެއެވެ.

